އެމްޑީޕީގެ އެޖެންޑާ 19 އަކީ ލ.އަތޮޅު ގަމު ދާއިރާއަށް ހާއްސަ އެޖެންޑާއެއް ނޫންކަމަށާއި ގަމު ދާއިރާއަށް ހާއްސަ އެޖެންޑާއެއް އޮތީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓްގައި ގަމު ދާއިރާއަށް ވާދަކުރައްވާ އާދަމް އާސިފްގެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ބަހުސްގައި އެމްޑީޕީގެ އެޖެންޑާ 19 އަށް ފާޑުވިދާޅުވަމުން އާސިފް ވިދާޅުވީ އެންމެ 19 ބިލުން ދިވެހިރާއްޖެ އާއި ގަމު ދާއިރާއަށް ކުރިމަތިވެފައި ހުރި މައްސަލަތަކަށް ހައްލެއް ނުހޯދޭނެ ކަމަށެވެ.

"އެޖެންޑާ 19 ގައި އޮތީ ބިލްތަކެއް، އެއީ މުޅި ރާއްޖެއަށް އަމާޒުކުރާ އެއްޗެއް. ގަމު ދާއިރާއަށް ހާއްސަ އެއްޗެއް އެޖެންޑާ 19 ގައި ނެތް. ގަމު ދާއިރާއަށް ހާއްސަ އެޖެންޑާއެއް އޮތީ އަޅުގަނޑުގެ." އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ އޭނާ މަސައްކަތް ކުރާނީ ގައުމަށާއި ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ ބިލްތައް ހުށަހަޅާ އަދި ބިލްތައް އިސްލާހު ކޮށްގެން ޤާނޫނީ ބާރުވެރިކަން ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށެވެ.

"19 ބިލަކުން ގައުމަށް، ނުވަތަ ދާއިރާއަށް ބޭނުންވާ ހުރިހާކަމެއް ކުރެވޭކަށް ނެތް. އަދި މައްސަލަތަކަށް ހައްލެއް ވެސް ނުގެނެވޭނެ. އަޅުގަނޑު މަސައްކަތް ކުރާނީ މިގައުމަށް އަދި އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ ކޮންމެ ބިލެއް ހުށަހަޅާ އަދި ބިލަކަށް ގެންނަން ޖެހޭ އިސްލާހެއް އޮތިއްޔާ އިސްލާހެއް ގެނެސްގެން ނަމަވެސް ޤާނޫނީ ބާރުވެރިކަން ދާއިރާގެ ރައްޔިތުންނަށް ހޯދައިދިނުމަށް." އާސިފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި އަދާކުރައްވަން ޖެހޭ ޒިންމާ އަދާކުރުމުގެ ގާބިލްކަން ހުރި މިންވަރާއި ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އާސިފް ވިދާޅުވީ ކުރަން އުޅޭ މަސައްކަތަކީ ޤާނޫނު ހެދުމުގެ މަސައްކަތް ކަމަށާއި އެމަސައްކަތް ކުރެވޭނީ ޤާނޫނީ މީހަކަށް ކަމަށެވެ.

"އަޅުގަނޑު މިހުރީ ޤާނޫނީ ދާއިރާގައި 17 އަހަރު މަސައްކަތް ކޮށްފައި. ޤާނޫނު ހެދުމަކީ ވަކި ފަންނެއް، ވަކި ހުނަރެއް. ޤާނޫނު ހަދާ މަޖިލީހުގައި މެންބަރެއްގެ ހަމައެކަނި މަސައްކަތަކީ ބިލްތަކަށް ވޯޓް ދިނުމެއް ނޫން. ހަމައެކަނި ބަޓަނަކަށް ފިތުން އެއީކީ ނޫން ކުރަން ޖެހޭ މަސައްކަތަކީ. ޤާނޫނުތައް ޑްރާފްޓް ކުރުމާއި ޤާނޫނުތަކަށް ބޭނުންވާ އިލްމީ ބަހުސް ކުރުމާއި ޤާނޫނުތަކަށް ބޭނުންވާ އިސްލާހުތައް ހުށަހެޅުމާއި، ރައްޔިތުންނަށް ލާބަހުރި ޤާނޫނުތައް ހުށަހަޅާ މަޖިލިސް ތެރޭގައި އިލްމީ ގޮތުން ބަހުސްކޮށް އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަން ޖެހޭ. އެހެން ކެންޑިޑޭޓުންނަށް ވުރެ ބޮޑަށް އެކަން ކުރެވޭނެ ތަޖުރީބާ ހުރި ގާބިލް މީހަކީ އަޅުގަނޑު ކަމަށް އަޅުގަނޑު ދެކެނީ. ގާބިލް ވުމަކީ ކުރަން އުޅޭކަމަށް ގާބިލްވުން. މި ކެންޑިޑޭޓުންގެ ތެރެއިން ސީދާ ޤާނޫނު ހެދުމުގެ ދާއިރާ އިން ކިޔަވައިގެން ހުރި މީހަކީ އަޅުގަނޑު." އާސިފް ވިދާޅުވިއެވެ.

އާސިފަކީ ހަމައެކަނި ކްރިމިނަލް ކޯޓުގައި ވަކާލާތުކުރައްވާ ވަކީލެއް ކަމަށް ވިދާޅުވެ އޭނާގެ ގާބިލްކަމާއި މެދު ކެންޑިޑޭޓަކު ސުވާލު އުފެދުމުން އެވާހަކަތަކަށް ރައްދު ދެއްވާ އާސިފް ވިދާޅުވީ އޭނާ އަކީ މިހާރު ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގެން ހައިކޯޓުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ވަކީލެއް ކަމަށާއި އަދި މެޖިސްޓްރޭޓަކު ހައްޔަރު ކުރި މައްސަލައެއްގައި ސުޕްރީމް ކޯޓުގައި ވެސް މެޖިސްޓްރޭޓްގެ ދިފާޢުގައި މިހާރު ވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ކަމަށެވެ.

އާސިފް ވިދާޅުވީ ދާއިރާގެ ޖުމްހޫރީ ޕާޓީ މެންބަރުންނާއި ޕްރޮގްރެސިވް ކޯލިޝަނާއި އަދި ހުރިހާ ރައްޔިތުންގެ ވެސް ސީދާ ކެންޑިޑޭޓަކީ އޭނާ ކަމަށާއި އެހެންކަމުން އޭނާއަށް ތާއިދު ކޮށްދެއްވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

އޭޕްރިލް މަހުގެ 06 ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިޚާބުގައި ގަމު ދާއިރާއަށް ފަސް ބޭފުޅުން ކުރިމަތިލައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަހުލާ 5

    ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓްގައި ގަމު ދާއިރާއަށް ވާދަކުރައްވާ އާދަމް އާސިފަކީ ގަމުދާއިރާގެ މަޖިލީސް ގޮނޑީޔަށް އެންމެގާބިލް ބޭފުޅާ! ވޯޓުދޭންވީ ކެޑިޑޭޓް ނަންބާރ 1
    އަޅުގަނޑު ނަހުލާ އަޅީވެސް އާސިފާއެކް

  2. ްގަން/މުންޑޫ

    1❤️??❤️

    2
    2