ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ދިމާކޮށް، އެމް.ޑީ.ޕީން ހުށަހަޅާފައިވާ އެޖެންޑާ 19 އަށް ފުރިހަމަ އަށް ތާޢީދު ކުރައްވާ ކަމަށް، މާފަންނު މެދު ދާއިރާ އަށް ވާދަކުރައްވާ، އިލްޔާސް ފަރުހާދު (އިއްލި) ވިދާޅުވެއްޖެއެވެ.

ނަވަރާ ވަނަ ރައްޔިތުންގެ މަޖިލީހަށް އިއްލި ކުރިމަތިލައްވަނީ، މި ސަރުކާރު ގެނައުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރެއްވި، ރައީސް އަލްއުސްތާޒު މަޢުމޫނު ޢަބްދުލްޤައްޔޫމުގެ ފުރިހަމަ ތަޢީދާއި އެކުއެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، އިއްލި ވިދާޅުވީ، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވެރިކަން ދަމަހައްޓަން ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ކުރައްވާނެ ކަމަށާއި، އެޖެންޑާ 19 ގައި ހިމެނެނީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން ގެނެސްދިނުމާއި ގުޅޭ ޤާނޫނުތައް ކަމަށެވެ.

"އެޖެންޑާ 19 އަށް އަޅުގަނޑު ވަރަށް ތާޢީދު ކުރަން. އޭގަ ހުރީ ދިވެހިރާއްޖޭގެ ރައްޔިތުން އުފަލާއި ފާގަތިކަމުގައި އުޅުމަށް ބޭނުންވާ ޤާނޫނުތަކުގެ ވާހަކަ. އެއަށް ޤާނޫނު ހަދަންވެގެން ރައްޔިތުންގެ މަޖިލީހުގަ އެބޭފުޅުންގެ މެޖޯރިޓީ ހޯދުމަށް މަސައްކަތް އެ ކުރަނީ. އަޅުގަނޑު ވަރަށް ތާޢީދު އެކަމަށް. އަޅުގަނޑަކީ މި ދާއިރާއިން، މި ދާއިރާގެ ރައްޔިތުން ހޮވައިފިކަމަށްވާނަމަ، އެ ބޭފުޅުންގެ އެ ޤާނޫނުތައް ފާސްކުރުމަށް އެންމެ ފުރަތަމަ ފޫގަޅަލާނެ އެކަކު. އެއީ ރައްޔިތުންނަށް ބޭނުންވާ ކަންކަން އޭގެ ތެރޭގައި ހުރީމަ." އިއްލި ވިދާޅުވިއެވެ.

އިތުރަށް މަޢުލޫމާތު ދެެއްވަމުން އިއްލި ވިދާޅުވީ، މާފަންނު މެދު ދާއިރާ އަށް ކުރިމަތިލައްވައިގެން އެ ހުންނެވީ ހަތަރު ތަޞައްވަރެއް ދާއިރާގެ ރައްޔިތުންނާއި ހަމައަށް ގެނައުމަށް ކަމަށާއި، އެ ތަޞައްވަރުތައް އެޖެންޑާ 19 ގައި ހިމެނުން ކަމަށްވިޔަސް، މާފަންނު މެދު ދާއިރާގެ ރައްޔިތުންނަށް ގެންނަ ތަޞައްވަރުތައް މުޅިން ތަފާތު ވާނެ ކަމަށެވެ.

"އަޅުގަނޑުގެ ފުރަތަމަ ކަމަކަށް މި އޮތީ ޤައުމިއްޔަތު. ދެވަނަ ކަމަށް މިއޮތީ ޞިއްޙަތު. ތިންވަނަ ކަމަކަށް ތަޢުލީމު، އަދި ހަތަރު ވަނަ ކަމަކަށް އިޤްތިޞާދު. މީގެ ތެރެއިން ބައިބައި އެބަހުރި އެޖެންޑާ 19 ގައި. ނަމަވެސް އެޖެންޑާ 19 ގައި އެބޭފުޅުން ގެންނަ ގޮތަކަށް ނޫން އަޅުގަނޑުގެ ދާއިރާ އަށް ގެންނަން މި އުޅެނީކީ." އިއްލި ވިދާޅުވިއެވެ.

މަޖިލިސް މެމްބަރެއްގެ ޙައިޞިއްޔަތުން، ޤައުމަށް ޚިދުމަތް ކުރުމަކީ އިއްލި ގެ ވަރަށް ބޮޑު ހުވަފެނެކެވެ. އަދި ޤައުމިއްޔަތު ނެގެހެއްޓުމާއި، ތަޢުލީމީ ރަނގަޅު މުޖްތަމަޢެއް ބިނާ ކުރުމާއި، ދުޅަހެޔޮ ޞިއްޙަތެއްގެ ވެއްޓެއް ޤާއިމު ކުރުމާއި، އިޤްތިޞާދީ ގޮތުން ބާރުވެރި ރައްޔިތަކު ދިރިއުޅޭ ދާއިރާ އަކަށް މާފަންނު މެދު ދާއިރާ ހެދުމަކީ އިއްލި ގެ ވަރަށް ބޮޑު އުންމީދެއްވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކަލެޔަށް އަދި ތި ގާނޫނުތަކުގެ އަޑީ ފޮރުވިފަހުރި ހިޔަޅު މަކަރު ނޭންގެނީ.. ހެޔޮނުވާނެ އެމްޑީޕީގެ ފިކުރަށް އާނއެކޭބުނަން ހެޔޮނުވާނެ.. ނުބައި ނުލަފާކަމާ މަކަރާ ހީލަތްނޫންކަމެއް ނެތް ބައެއް އެއީ..

    15
    5
  2. ސަރީފް

    ނުބައިކަންކަމަށް ތާއީދުކުރާ ހުރިހާ މީހުންވެސް އެޖެންޑާ 19 އަށް ތާއީދުކުރާނެ. އިއްލެމެންގެ ފެށުންވެސް އޮތީ މިގޮތަށް. ޔަގީނުންވެސް އެއްކަމެއް ވަރަށް ސާފު. ވަނަތައް ތަރުތީބުކޮށްލާއިރު އިއްލަދާނީ ފުލަށް،

    2
    1
  3. ބުރޯ

    އެޖެންޑާ 19 ކިޔާ ލިގެން އުޅޭ ލިއުމަކު މަޖިލީހުން ފާސްކޮށްގެން ކުރަންޖެހޭ ކަމެއްނެތް .ނޫއިގްތިސާދަކީ އޮންނަ އެއްޗެއް ނޫން

  4. ރައްޔިތުން

    މަޖިލީސް މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ ނަމަ ފޮރުވިފައިވާ އެޖެންޑާ ބަދަލުވާގޮތުން މި ގައުމުގައި ތިބޭނީ ބޭރުގެ އެކިގައުމުތަކުގެ އެކިދީން ތަކަށް ނިސްބަތްވާ ރައްޔިތުންގެ މައްޗަށް އޮންނަ ރައްޔިތެއް. ދުވަސްކޮޅަކުން ދިވެހިން ކަތިލެވޭނެ ނޫނީ ވެރިކަން އެވެރިން ފޭރި ގަންނާނެ. މިކަން އެމީހުންކުރާނީ މިގައުމުގެ ރައްޔިތަކަށް ވެވޭން އޮންނަގޮތް ބަދަލުކޮށްގެން.

  5. މިއަދު

    އެޖެންޑާ 19 އަށް ތާއިދު ކުރި ސަބަބުތަކަށް އަދި އެއްކަމެއް އިތުރުކުރަންފެނޭ އެއީ
    ރައިސްޔާމީނުނޫން އެހެންހުރިހާރައިސުންގެ އަނބިން ބުރުގާނާޅާތީ މިހަރުގެ ރައީސާއި ޓިކެޓްދިންރައިސްގެއަނބިންވެސް ބުރުގަނާޅަތީ