ރާއްޖެއިން ޓީބީ ނައްތާލުމަށް ކުރާ މަސައްކަތައް ތައުރީފު ހައްގު ކަމަށް ދުނިޔޭގެ ޞިއްޚަތު ޖަމްޢިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑޮކްޓަރ އަރުވިންދު މާތުރު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރާ ދުނިޔޭގެ ޓީބީ ދުވަހާއި ގުޅިގެން މިއަދު މާގިރީ ހޮޓެލްގައި ބޭއްވި ބައްދަލުވުމެއްގައި ޑރ މާތުރު ވިދާޅުވީ ޓީބީ އަަށް ހޭލުންތެރި ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތާއި ރާއްޖޭގެ އެކި ބަލިތަކަށް ޓެސްޓު ހެދޭނެ ވަސީލަތަށް ފުޅާ ކުރުމާއި 2022 ވަނަ އަހަރު އަންނަ ވާއިރަށް ރާއްޖެއިން ޓީބީ އެއްކޮށް ނައްތާލުމަށް އަމާޒު ހިފާފައިވާ މިންވަރަށް ތައުރީފު ހައްގު ކަމަށެވެ.

" މިއަހަރު ދުނިޔޭގެ ޓީބީ ދުވަސް ފާހަގަ ކުރަމުންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިޔާ ޑަބްލިޔު އެޗްއޯ އިން ވަނީ ޓީބީ އާއި ގުޅެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމަޖެންސީ އިއުލާން ކޮށްފައި " ޑރ އަރުވިންދު ވިދާޅުވިއެވެ.

ޑރ އަރުވިންދު ވިދާޅުވީ ކޮންމެ ދުވަހަކު ޓީބީ ބަލީގައި 4500 މީހުން ދުނިޔެ ދޫކުރާ ކަމަށެވެ.

މިއަދު ބޭއްވި އިވެންޓްގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

"ކޮންމެ ދުވަހަކު 30000 މީހުން މިބަލީގައި އެދުމަތިވޭ , މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް, ހުރިހާ އެންމެން ގުޅިގެން މި ކުރާ މަސައްކަތުގައި ދުނިޔެ އަކީ ޓީބީ ފްރީ ތަނަކަށް ހެދޭނެ " ޑރ އަރުވިންދު ފާހަގަ ކުރެއްވިއެވެ.

ޓީބީ އަކީ ޖަރާސީމެއްގެ ސަބަބުން ފެތުރޭ، ގައިންގަޔަށް އަރާ ބައްޔެކެވެ. އާންމު ގޮތެއްގައި ޓީބީ ޖެހެނީ ފުއްޕާމެއަށް ކަމަށް ވިޔަސް ހަށިގަނޑުގެ އެހެން ބައިތަކަށް ވެސް ޓީބީ ޖެހެއެވެ.

ރާއްޖެ އިން ޓީބީ ނައްތާލުމުގެ ގައުމީ ކެމްޕެއިނެއް މިދިޔަ އަހަރު ފަށާފައިވާއިރު މި ކެމްޕެއިންގެ އަމާޒަކީ 2022 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެ އިން ޓީބީ ނައްތާލުމެވެ. އަދި އެކަމަށް 170 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރާނެއެވެ.

ކެމްޕެއިންގައި، ޓީބީ ޖެހިފައިވާ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދީގެން ފަރުވާ ދިނުމާއި ސްކްރީން ކުރުން ހިމެނެ އެވެ. ޓީބީ ޖެހޭ މީހުންގެ ނިސްބަތް 50 ޕަސެންޓަށް ދަށް ކުރުމާއި އެ ބަލީގައި މަރުވާ މީހުންގެ ނިސްބަތް 70 ޕަސެންޓަށް ދަށް ކުރުމަކީ ވެސް ކެޕްއިންގެ މަގުސަދެކެވެ.

އަދި އާންމުން ހޭލުންތެރި ކުރުމަށާއި ރާއްޖެ އިން ބޭރުން އަންނަ މީހުން ކެއްސުން ބައްޔަށް ސްކްރީން ކޮށް އެ މީހުންގެ ފަރާތުން ބަލި ފެތުރުނަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ވެސް ހިމެނެ އެވެ.

ހެލްތް މިނިސްޓްރީންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 1963 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި 10500 މީހުނަށް ޓީބީ ޖެހި ރަސްމީކޮށް ރަޖިސްޓަރީކޮށްފައި ވެއެވެ.