ރައްޔިތުންގެ މަންދޫބުން ނިންމާނީ ސީދާ ރައްޔިތުންގެ ވޯޓުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އަދި ޕީޕީއެމްގެ ކުރީގެ އެސްޖީ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި މަތީންގެ ކެމްޕޭން ހަރަކާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޝަމްސުއްދީން ރަދުން ބޭފުޅަކު ފޮނުއްވީމާ، އެމީހާކަށް ރައްޔިތުން ވޯޓުދިން ދުވަސް މިހާރު މާޒީވެ ގޮސްފި ކަމަށެވެ. ރައީސް ޔާމީނަށް އަމާޒުކޮށް، މަތީން ވިދާޅުވީ މިއީ އެޒަމާން ނޫން ކަމަށާއި، ވިޔަފާރި އުސޫލުން ރައްޔިތުން ތަމްސީލު ކުރާ މީހުން ހޮވަން އުޅުން ދޫކޮށްލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވާ ވާހައަކީ ޝަމްސުއްދީން ރަދުން ބޭފުޅަކު ފޮނުއްވާފައި މީނާ ތިމީހުން މަޖިލީހުގައި ބައިންދައިދޭށޭ ބުނީމާ، ރައްޔިތުން ވޯޓުދޭ ދުވަސް ފާއިތުވެ ހިނގައްޖެއޭ. އެ ދުވަސް ޗަލާގަޔާ. އެއީ މާޒީއޭ. މި ޑިމަކްރަސީގައި ރައްޔިތުންނޭ ބަސް ބުނާނީ. ރައްޔިތުންނޭ ބަސް އިއްވާނީ. އެއީކީ ވިޔަފާރި އުސޫލުން ކުރެވޭ ކަމެއް ނޫނޭ. ވިޔަފާރި އުސޫލުން ކުރެވޭ ކަމެއް ނޫން، ރައްޔިތުން މަޖިލީހުގައި އިންނާނެ މީހެއް ކަނޑައެޅުމަކީ. ރައްޔިތުން ބަސް ބުނާ މީހަކީ ރައްޔިތުން އިތުބާރު ކުރާ، ގަބޫލުކުރާ ސިފަތަކެއް ހުންނަ މީހަކަށްވާން އެބަޖެހޭ" މަތީން ވިދާޅުވިއެވެ.

މަތީން އިތުރަށް ވިދާޅުވީ ނުކުމެ ހުންނެވީ ވަކި ހަމަތަކެއް ދިފާއުކުރުމަށް ކަމަށާއި، ވަކި މީހަކު ޖަލަށް ލުމާއި، ވަކި މީހަކު ބަންދު ކުރުން އަދި ވަކި މީހަކަށް އިންތިހާބެއް އުފެއްދެވުން އެއީ ގަބޫލުކުރާނެ އުސޫލުތައް ނޫން ކަމަށެވެ. އަދި އަދުލު އިންސާފު ނަޒާހާތްތެރި ކުރަން ޖެހޭ ކަމަށްވެސް މަތީން ވިދާޅުވިއެވެ.

"އަޅުގަނޑު ނުކުމެ މިތިބީކީ ވަކި ބަޔަކާ ދެކޮޅު ވެގެނެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރާ ހަމަތަކެއް ދިފާއުކުރުމުގައި. އަޅުގަނޑުމެންނަަކަށް ގަބޫލެއް ނުކުރެވޭ، ވަކި މީހަކު ޖަލަށް ލުމަކަށް. ވަކި މީހަކު ބަންދު ކުރުމަކަށް. ވަކި މީހަކަށް އިންތިހާބެއް އުފެއްދެވަން ޖެހޭ ކަމަކަށް. ކުރަން ޖެހޭ ކަމަކީ އަދުލު އިންސާފް ނަޒާހަތްތެރި ކުރުން. އަދުލު އިންސާފުގެ ތެރެއަށް އަތް ބާނައިގެން މީހުން މިނިވަން ކުރާ ވާހަކައާއި މީހުން ހައްޔަރުކުރާ ވާހައަކީ ގޯހެއް. އެ ވާހަކަތައް އެ ދައްކަނީ ޝަރުއީ ނިޒާމަށް އަތް ބާނާނެތީ. ސިޔާސީ ގޮތުން އެމީހާގެ އަތް ޖެހޭނީ ކަނޑަން،" މަތީން ވިދާޅުވިއެވެ.