ފޮނަދޫ ދާއިރާގެ މެމްބަރު، ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ފައުންޑޭޝަނުން ހިންގާ އަރަފާ ޕްރީސުކުލޫގެ އައު އިމާރާތުގައި ކިޔަވައިދޭން މިއަދު ފަށައިފިއެވެ.

2016 ވަނަ އަހަރުން ފެށިގެން ޢަބްރުއްރަޙީމް ފައުންޑޭޝަނުން އަންނަނީ، ޕްރީ ސުކޫލުގެ ޚިދުމަތް ފޮނަދޫގެ ތުއްތު ކުދިންނަށް، ހިލޭ ސާބަހަށް ދެމުންނެވެ. ނަމަވެސް އޭރު ޕްރީ ސުކޫލު ހިންގަމުން އައީ، ފޮނަދޫ ކައުންސިލުން ހިންގަމުން ދިޔަ، ކުރީގެ ޕްރީ ސުކޫލު ހިންގި އިމާރާތުގައެވެ.

ބޭބީ ނާސަރީ އަދި ނާސަރީ، މި ދެ ގުރޭޑް ގެ ކުދިންނަށް ކިޔަވައިދެއްވުމަށް ހިންގަމުން އަންނަ މި ޕްރީ ސުކޫލުގެ ހުރިހާ ޚަރަދެއްވެސް ކުރަނީ ޢަބްދުއްރަޙީމް ފައުންޑޭޝަނުންނެވެ.

މިއަދު ހުޅުވިގެންދިޔަ ޕްރީ ސުކޫލުގެ އައު އިމާރާތާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، ޢަބްދުއްރަޙީމް ފައުންޑޭޝަންގެ އިސް ބޭފުޅަކު ވިދާޅުވީ، ޢަބްދުއްރަހީމަކީ އިޖްތިމާޢީ އެތަށް ޚިދުމަތްތަކެއް ފޮނަދޫ އަށާއި ފޮނަދޫ ދާއިރާއަށް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި، އެއީ ފޮނަދޫ ދާއިރާގެ ރައްޔިތުން ފަޚުރުވެރިވުން ހައްޤު ދަރިއެއް ކަމަށެވެ.

"ޢަބްދުއްރަހީމް ފައުންޑޭޝަނުން މި ދާއިރާއަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެބަހުރި. އެ ގޮތުން ޤުރުއާން މުބާރާތްތައް ބޭއްވުމާއި، ކުޅިވަރުގެ އެކި އެކި މުބާރާތްތައް ބޭއްވުމާއި، އެކި ކަންކަމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި، ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރުމާއި، އަދި މިސްކިތްތަކަށްވެސް ބޮޑެތި އެހީތަކެއް މި ފައުންޑޭޝަނުން ވެފަ ވާނީ. އަރަފާ ޕްރީ ސުކޫލުގެ ޚިދުމަތަކީވެސް މީގެ ތެރެއިން ދެމުން ގެންދާ ޚިދުމަތެއް." ޢަބްދުއްރަޙީމް ފައުންޑޭޝަންގެ ފަރާތުން މަޢޫލޫމާތު ދެއްވިއެވެ.

އަރަފާ ޕްރީ ސުކޫލުގެ އައު އިމާރާތް

އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިއަދާއި ހަމައަށް، ޕްރީ ސުކޫލު ހިންގުމަށްޓަކައި ފޮނަދޫ ކައުންސިލްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށާއި، އެކަމަށްޓަކައި ފޮނަދޫ ކައުންސިލަށް ޝުކުރު އަދާކުރާ ކަމަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައިވެސް ފޮނަދޫ ދާއިރާއަށް ޢަބްދުއްރަޙީމް ވާދަކުރައްވައެވެ. 2009 ވަނަ އަހަރުވެސް ފެށިގެން އެ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ޢަބްދުއްރަޙީމަކީ، ދާރި ފަހުން އެފެދުނު ޕީ.އެން.ސީ ގެ ވެސް ރައީސް ކަން ކުރައްވަމުން ގެންދަވާ ބޭފުޅާއެވެ.

މަޖިލިސް އިންތިޚާބު އަންނަ މަހު ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި އިންތިޚާބުގައި ޢަބްދުއްރަޙީމް ވާދަކުރައްވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޥގ

    މި ސްކޫލް ކުދިން ވަރައް ހީސާބް ޖަހަންމޯޅުވާނެ

    3
    5
  2. ޢަބްދުﷲ ސަޢީދު

    ރަނގަޅު ނިޔަތެއް އޮވެގެން ތަޢުލީމަށްޓަކައި ހޭދަކުރުމަކީ، ފުދުންތެރިންގެ މައްޗަށް އޮތް ޙައްޤެކެވެ.