ޕީ.އެސް.އެމް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މަޖިލިސް ބަހުސްގެ ތެރެއިން މިއަދު ކުރިއަށް ގެންދިޔަ، މެދު ހެންވޭރު ދާއިރާގެ ބަހުސްގައި ބައިވެރިވި ޢަބްދުﷲ ރަޝީދަށް، ފަހުބަސް ވިދާޅުވުމަށް ދިން ފުރުޞަތުގައި، އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޙަސަން ޝިޔާމަށް ތާޢީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ.

މިއީ މަޖިލިސް ބަހުސްގެ ތެރެއިން، އެއް ކެނޑިޑޭޓަކު އަނެއް ކެނޑިޑޭޓަކަށް ތާޢީދު ކުރަން ނިންމިކަން ހާމަ ކުރެއްވި ފުރަތަމަ ފަހަރެވެ.

ފަހުބަސް ވިދާޅުވުމަށް، އަމިއްލަ ގޮތުން މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ ޢަބްދުﷲ ރަޝީދަށް ލިބުނު ފުރުޞަތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޙަސަން ޝިޔާމަކީ ޢިލްމީ، ޤާބިލް ބޭފުޅެއް ކަމަށާއި، އޭނާ އަށް ތާޢީދު ކުރައްވާ ހުރިހާ ބޭފުޅުންވެސް، ޙަސަން އަށް ތާޢީދުކޮށް ވޯޓު ދެއްވުމަށެވެ.

"އަޅުގަނޑު އެ މަޤާމަކަށް ވާދަކުރާ މެދު ހެންވޭރު ދާއިރާއަށް އަޅުގަނޑުގެ ވިސްނުމާއި ފިކުރާއި ވަރަށް އެއްގޮތް، ޢިލްމީ، ވަރަށް ޤާބިލް ބޭފުޅެއް ކަމަށްވާ ޙަސަން ޝިޔާމް ހުންނެވުމާއި ގުޅިގެން އަޅުގަނޑު މި ނިންމީ އަޅުގަނޑުގެ ތާޢީދު، ޙަސަން ޝިޔާމް، ކެނޑިޑޭޓު ނަމްބަރ އެކަކަށް ދިނުމަށް. އަދި އަޅުގަނޑު އެދެނީ އަޅުގަނޑަށް ތާޢިދު ކުރާ ހުރިހާ ބޭފުޅުންވެސް، ކެނޑިޑޭޓު ނަމްބަރ އެކަކަށް ތާޢީދުކޮށް، ޙަސަން ހޮއްވަވައި ދެއްވުމަށް." ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ޢަބްދުﷲ ރަޝީދު

މި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޙަސަން ޝިޔާމް ވިދާޅުވީ، މެދު ހެންވޭރު ދާއިރާއަށް ވަނީ ވަރަށް ބޮޑަށް އިޙުމާލުވެފައި ކަމަށާއި، ލިބިފައިވާ ޤާބިލްކަމާއި ކޮލިޓީގެ ބޭނުންކޮށް، މެދު ހެންވޭރު ދާއިރާއަށް އުފާވެރިކަން ގެނެސްދެއްވާނެ ކަމަށެވެ.

"ވޭތުވެ ދިޔަ ދެ ދައުރުގައި މެދު ހެންވޭރު ދާއިރާ އަށް ވަަނީ ވަރަށް ބޮޑަށް އިޙުމާލު ވެފައި. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ ކޮލިޓީ އަކަށް ވެގެން ދާނީ އަޅުގަނޑަކީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާނެ މީހަކަށް ވެގެން ދިއުން. އަޅުގަނޑުގެ ކޮލިޓީ އަކަށް ވެގެންދާނީ އަޅުގަނޑަކީ ހާޒިރީ ރަނގަޅު މީހެއްކަން ސާބިތުކޮށްދިނުން. އަޅުގަނޑުގެ ކޮލިޓީ އަކަށް ވެގެންދާނީ، އަންހެންބޭފުޅުންނާއި އިސްރައްވެހިންނާއި އެއްކޮށް، އެމީހުންގެ ޚިޔާލާއި މަޝްވަރާއާއި އެކު މަޖިލީހުގައި ވަކާލާތު ކުރާނެ މެދު ހެންވޭރު ރައްޔިތެއް ކަމަށް އަޅުގަނޑު ވެގެން ދިއުން." ޙަަސަން ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޙަސަން ވިދާޅުވީ، މެދު ހެންވޭރު ދާއިރާގެ ހުރިހާ ރައްޔިތުންވެސް ބޭނުންވަނީ ހެޔޮ ބަދަލަކަށް ކަމަށާއި، މިފަހަރު ދާއިރާގެ ރައްޔިތުން ތިބީ ވޯޓު ވިއްކާ ގޮތަށް ނޫން ކަމަށެވެ.

"ރައްޔިތުންގެ ގޭގެ އަށް ޒިޔާރަތް ކުރުމުން އަޅުގަނޑަށް ފެނިގެން ދިޔައީ ބަދަލަކަށް އެންމެންވެސް ބޭނުންވެފައި ތިބި މަންޒަރު. ކެމްޕެއިނަކަށް އަޅުގަނޑުމެން ނުޖެހޭ ނާޖައިޒް ގޮތުގައި ފައިސާ ބަހާކަށް، މެދު ހެންވޭރު ރައްޔިތުން ބޭނުންވަނީ މިހާރު ދިހަ އަހަރުވީ އަމިއްލަ އެޖެންޑާ ނިންމާލަން. މެދު ހެންވޭރު ރައްޔިތުން މިހާރު ބޭނުމެއް ނުވޭ ފައިސާގައި އަތްލައިގެން ވޯޓު ވިއްކާކަށް. މެދު ހެންވޭރުގެ ރައްޔިތުން ތިބީ އަޅުގަނޑާއި އެކު މި ބަދަލުގެންނަން ތައްޔާރަށް." ޙަަސަން ވިދާޅުވިއެވެ.

މެދު ހެންވޭރު ދާއިރާއަށް ހަތަރު ބޭފުޅުން ކުރިމަތިލައްވާފައިވާ އިރު މިއަދުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވީ ތިން ބޭފުޅުންނެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަލީކުޑަ.

    ވަރައްރަގަނޅު ނިންމުމެއް ޝުކުރިއްޔާ އެމްޑީޕީ ކެނޑި ޑޭޓޫންބަލިވާނެ ހުރިހާ ގޮތެއްހެދުން ވަރައްމުހިއްމު.

    9
    4