އައްޑޫ ސިޓީއަށް ދިމާވެފައިވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން 1.2 މެގަވޯޓު އަދި 800 ކިލޯވޯޓުގެ ދެ ޖެންސެޓު އެ ސިޓީ އަށް ފޮނުވުމަށް ފެނަކައިން ނިންމައިފިއެެވެ.

އެކަން ހާމަކޮށް ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުގެ ފަރާތުން ކަރަންޓު ހިދުމަތް ދިނުމަށް ބޭނުން ކުރަމުންދާ ޖަނަރޭޓަރު ސެޓުތަކުގެ ތެރެއިން ދެ މެގަވޯޓުގެ ޖަނަރޭޓަރަކަށް މި މަހުގެ 20 ވަނަ ދުވަހުގެ 19:45 ހާއިރު ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާތީ، ލޯޑުމަތިވަމުންދާ ވަގުތުތަކުގައި އައްޑޫ ސިޓީގެ އެކި ހިސާބުތަކުން ކަރަންޓު ހިދުމަތް މެދުކެނޑެމުންދާ ކަމަށެވެ.

އަދި އެކަމަށް ވަގުތީ ހައްލެއް ހޯދުމަށް ފެނަކަގެ ފަރާތުން، 1.2 މެގަވޯޓު އަދި 800 ކިލޯވޯޓްގެ ދެ ޖެންސެޓާއި، 2000 ކިލޯވޯޓު އަދި 1500 ކިލޯވޯޓުގެ ދެ ޓްރާންސްފޯމަރ ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"އައްޑޫ ސިޓީގައި ދެމުންދާ ކަރަންޓު ހިދުމަތަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ ސިޓީގެ ގިނަ ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި އުނދަގުލުން މިންޖުކުރުމަށް ވަގުތީ ހައްލެއް ހޯދައި ދިނުމުގެ ގޮތުން މި ކުންފުނީގެ ފަރާތުން، 1.2 މެގަވޯޓު އަދި 800 ކިލޯވޯޓްގެ ދެ ޖެންސެޓާއި، 2000 ކިލޯވޯޓު އަދި 1500 ކިލޯވޯޓުގެ ދެ ޓްރާންސްފޯމަރ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ" އެ ބަޔާނުގައި ބުނެފައި ވެއެވެ.

މިއީ ވަގުތީ ހައްލެއްކަމަށް ފެނަކަ އިން ވަނީ ބުނެފައެވެ. އަދި އެ ސިޓީގެ ކަރަންޓުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ އައްޑޫގައި ކަރަންޓު ހިދުމަތް ލިބިގަންނަ މިންވަރު އިތުރުވަމުންދާ ހަލުވިމިނާއި އެކު، އެ ހިދުމަތް ދެވޭނެ ގާބިލުކަން އިތުރުކުރުން ކަމަށާއި، އެހެންކަމުން ކައިރި މުސްތަގުބަލެއްގައި އައްޑޫ ސިޓީ އަށް 4 މެގަވޯޓާއި ދެ މެގަވޯޓްގެ ދެ ޖެންސެޓު ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު