މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހިއްސާ، އާއްމުންނަށް ވިއްކަން، އެ ބޭންކުން ތައްޔާރު ވެއްޖެއެވެ.

އެގޮތުން މިރޭ ވަނީ އެކަމާއި ގުޅޭ ދެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މި އެއްބަސްވުންތަކުގައި ސޮއި ކުރުމަށް، ކުރުނބާ އައިލެންޑް ރިސޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ފުރަތަމަ ސޮއި ކޮށްފައިވަނީ ، އިސްލާމިކް ކޯޕަރޭޝަން ފޯރ ދަ ޑިވެލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) އާއި ދިވެހި ސަރުކާރާއި ދެމެދުއެވެ. އަދި ދެވަނަ އެއްބަސްވުން ވެފައިވަނީ، އައި.ސީ.ޑީ އާއި އަމާނާ ތަކާފުލް އާއި ދެމެދުއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރެވެ. އައި.ސީ.ޑީ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، ސީ.އީ.އޯ އައިމަން އާމިން ސެޖިނީ އެވެ.

މި ދެ އެއްބަސް ވުމަކީވެސް، އިސްލާމިކް ބޭންކުގެ ޙިއްސާ އާއްމުނަށް ވިއްކުމާއި ގުޅޭ ގޮތުން އެކުލަވާލި ދެ އެއްބަސްވުންތަކެކެވެ.

އިސްލާމިކް ބޭންކުގެ ޙިއްސާ އާއްމުންނަށް ވިއްކުމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، އެ ބޭންކުގެ މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން، އަޙުސަން ޖަމީލް ވިދާޅުވީ، އަންނަ މަސް ތެރޭގައި ބޭންކުގެ ހިއްސާ އާއްމުންނަށް ވިއްކަން ފަށާނެ ކަމަށާއި، އަދި ހިއްސާ ގަނެވޭނެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަންނަ މަސް ތެރޭގައި އެމް.އައި.ބީ ގެ ޙިއްސާ އާއްމުންނަށް ލިބޭނެ. އަދި ހިއްސާ ގަނެވޭނެ ފަސޭހަ އިންތިޒާމުތަކެއް އަޅުގަނޑުމެން ހަމަޖައްސާނަން. މިކަމުގެ ސަބަބުން މި ބޭންކަަށްވެސް އެތަށް ގޮތަކުން ކުރިއެރުން ލިބޭނެ ކަމަށް އަޅުގަނޑުމެން މި ޤަބޫލުކުރަނީ." އަޙުސަން ވިދާޅުވިއެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މީގެ އިތުރުން މިރޭ ވަނީ، އައި.ސީ.ޑީ އާއި އެމް.އައި.ބީ އާއި ދެމެދު ވެސް އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މި އެއްބަސްވުމަކީ، އެމް.އައި.ބީ އަށް ބޭނުންވާ ބައެއް ކަހަލަ ޓެކްނިކަލް އެހީތެރިކަމާއި، ބައެއް ކަހަލަ މުޙިއްމު މަޢުލޫމާތު ލިބިގަތުމާއި ގުޅޭގޮތުން ވެފައިވާ އެއްބަސްވުމެކެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކަކީ ދިވެހި ސަރުކާރުގެ 25 ޕަސަންޓް، އައި.ސީ.ޑީގެ 70 ޕަސަންޓް ހިއްސާގެ އިތުރުން، އަމާނާ ތަކާފުލްގެ ފަސް ޕަސަންޓް ހިއްސާ އޮންނަ ބޭންކެކެވެ.