ސިވިލް ސާވިސް މުވައްޒަފުންނެކޭ އެއް ފަދައިން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގައި މަސައްކަތް ކުރާ އަންހެން މުއައްޒަފުން ވެސް ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް އެ ކުންފުނިންވެސް ނިންމައިފިއެވެ.

މިއަދު އެމްޑަބްލިޔުއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަން އިއުލާން ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްއެވެ.

މިގޮތަށް ނިންމުމުން އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ ޗުއްޓީ އާއި ފިރިހެން މުވައްޒަފުންނަށް، އަނބިމީހާ ވިހެއުމާ ގުޅިގެން 30 ދުވަހުގެ ޗުއްޓީ ލިބޭނެއެވެ.

މިއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނުނު އަންހެން މުއައްޒަފުންނަށް ވިހެއުމުން ދޭ ޗުއްޓީ 6 މަސް ދުވަހަށް އިތުރުވުމުން ގިނަ ސަރުކާރުގެ މުއައްސަސާ ތަކުންނާއި ކުންފުނި ތަކުން ވަނީ ވިހެއުމުންދޭ ޗުއްޓީ އަށް އަމަލު ކުރަންފަށާފައެވެ.

އެގޮތުން އެސްޓީއޯ އާއި ފެނަކަ އާއި އެމްޕީއެލް އަދި އެއާޕޯޓްސް ކޮމްޕެނީން ވަނީ އެ އުސޫލަށް އަމަލުކުރަން ފަށައިފައެވެ.