ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ގެމަނަފުށީ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން، ޕްރޮގްރެސިވް ކޯލިޝަންގެ ތާޢީދު އޮންނާނީ، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރައްވާ، ޢަލީ އާދިލް އަށް ކަމަށް، ޕީ.އެން.ސީ ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

"ވަގުތު" އިން ކުރެއްވި ސުވާލެެއްގެ ޖަވާބު ދެއްވަމުން ޢަބްދުއްރަހީމް ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަނުކުރައްވާ ދާއިރާތަކުން، އެ ދާއިރާތަކަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓުންނަށް ތާޢީދު ކުރުމަށް ނިންމާފައިވާ ނިންމުމަށް ބަދަލު ނުގެންނަ ކަމަށާއި، ގެމަނަފުށި ދާއިރާ އަކީ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ކެނޑިޑޭޓަކު ވާދަކުރާ ދާއިރާއެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ވާނީ ނިންމާފަ، ޕްރޮގްރެސިވް ކޯލިޝަނުން ވާދަނުކުރާ ދާއިރާ ތަކުން، ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓުންނަށް ތާޢީދު ކުރަން. އެ ނިންމުމަށް ބަދަލުގެނެސްފައެއް ނުވާނެ. ރައީށް ޔާމީންގެ ތާޢީދު ވެސް އޮންނާނީ ޢަލީ އާދިލަށް" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވެފައި މި ވަނީ، އެ ކޯލިޝަނުންގެ ތާޢީދު، އެ ދާއިރާއަށް ވާދަކުރައްވާ އެހެން ކެނޑިޑޭޓަކަށް އޮތް ކަމަށް ވާހަކަ ދެކެވޭ ދަނޑިވަޅެއްގައެވެ. އަދި އެ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓެއްގެ ފަރާތުން ބައެއް ފަރާތްތަކަށް ގުޅުއްވާ، އެ ބޭފުޅަކީ ރައީސް ޔާމީން ތާޢީދު ކުރައްވާ ކެނޑިޑޭޓުކަމަށް ވިދާޅުވަމުންގެންދަވާ ދަނޑިވަޅެއްގައިވެސް މެ އެވެ.

ކުރިއަށްއޮތް އިންތިޚާބުގައި ޖުމްހޫރީ ޕާޓީ އާއި ޕްރޮގްރެސިވް ކޯލިޝަން ހަދާފައިވާ އިރު، ހުރިހާ ދާއިރާ އެއްގެ ކެމްޕެއިންވެސް ވަރަށް ފޯރިއާއި އެކު ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުދުބެއްޔާ

    އިއްޔެ ނަޝިދު ގެމަނަފުއްޓަށް ދިޔުމުން އެތަނަށްގޮސް ނަޝީދުއާއި ސަލާމްކުރި ކުއްޖަކު ގެއަށް އައުމުން އެކުއްޖާގެ ބައްޕަ އޭނާގެ ތަކެތި ގެއިންނެރެ އެކުއްޖާވެސް ބޭރަށް ލައިފިއެވެ ކުއްޖާއަކީ 18 ވެފައިހުރި ކުއްޖަކަށްވިއަސް އެ ބައްޕަ އެކުރީ ގެވެށިއަނިޔާއަކަށް ނުވާނެ ގޮތެއް އޮންނާނެ ބާވައެވެ އެގޮތުން އެ ބައްޕައަށް އަދަބު ލިބެން ޖެހޭނެއެވެ މީހަކާއި ސަލާންކުރުމަކުން އޮތް މަސްއަލައަކީ ކޮބާހެއްޔެވެ