އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހްގީގުކޮށް ނިންމާ ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާ ބައެއް މައްސަލަތައް އެކަށީގެންވާ ގާނޫނީ ސަބަބެއްނެތި ދައުވާ ނުކުރުމަށް ނިންމާ ކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އޭސީސީން އާންމުކުރި 2017 ވަނަ އަހަރު އެ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާއި ކޮމިޝަނުގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލާފައިވާ ނެރެފައިވާ ރިޕޯޓުގައި އެކޮމިޝަނަށް ކުރިމަތިވި ގޮންޖެހުންތަކުގެ ތެރޭގައި ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހްގީގުކޮށް ނިންމާ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތަކާ ގުޅިގެން ދައުވާ ކުރުމާމެދު ގޮތެއް ނިންމުމުގައި ލަސްވެގެން ދިއުމުގެ އިތުރުން، ކޮމިޝަނުން ފޮނުވާފައިވާ ބައެއް މައްސަލަތައް އެކަށީގެންވާ ގާނޫނީ ސަބަބެއްނެތި ދައުވާ ނުކުރުމަށް ނިންމާ ކަމަށެވެ. އެނިންމުންތަކުގެ ސަބަބުން ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް އޭސީސީ އިން ވިދާޅުވިއެވެ.

އަދި ކޮމިޝަނުން ހިންގި ތަހުޤީޤުތަކަށް ބޭނުންވި ލިޔެކިޔުންތަކާއި މައުލޫމާތު ހޯދާ، އެއްކުރުމުގައި ދައުލަތުގެ ބައެއް އިދާރާތަކުން އެންމެ އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ދީފައި ނުވުމާއި ކޮމިޝަނުގެ ތަހުޤީޤުތަކަށް ހާޒިރުކުރަން ބޭނުންވި ފަރާތްތައް ހާޒިރުކުރުމުގައި ދަތިވުމުގެ ސަބަބުން މައްސަލަތައް ނިންމުމުގައި ލަސްވެފައިވާ ކަމަށް އެކޮމިޝަބުން ވިދާޅުވިއެވެ.

އަދި އެސީސީން ސްޓްރެޓީޖިކް ޕްލޭން ތަންފީޒުކުރުމަށް 2017 ވަނަ އަހަރު ކަނޑައެޅި ހަރަކާތްތައް ހިންގުމަށް ބޭނުންވާ މިންވަރަށް ބަޖެޓު ނުލިބުމުން ކަމަށާއި އޭގެ ތެރޭގައި ކޮމިޝަނުގެ ބައެއް ޔުނިޓްތަކަށް ބޭނުންވާ ތަކެތި ނުލިބުމާއި އިންފޮމޭޝަން ޓެކްނޮލޮޖީ އިންފްރާސްޓްރަކްޗަރ އަޕްގްރޭޑް ނުކުރެވި، އެހެނިހެން ވަސީލަތްތައް ހޯދިފައިނުވާ ކަމަށް ރިޕޯޓުގައި ވެއެވެ.

އޭގެ އިތުރުން ކޮމިޝަނުގެ މަސައްކަތްތައް އެންމެ ހަރުދަނާގޮތެއްގައި ހިންގައި މުވައްޒަފުން ތަމްރީންކޮށް، މަސައްކަތުގެ ފެންވަރުމަތިކޮށް، މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށް ބޭނުންވާ ދާއިރާތަކުން ފަންނީ ތަމްރީނާއި ހުނަރު އެކަށީގެންވާ ގޮތެއްގައި މާލީ ދަތިކަމާހުރެ ފޯރުކޮށްނުދެވުން ކަމަށާއި ކޮމިޝަނުގެ މެންޑޭޓްގެ ދަށުން އިތުރުކުރަންޖެހޭ އައު ޔުނިޓްތަކާއި ފަންކްޝަންތައް ފުޅާވުމާގުޅިގެން ކޮމިޝަނުގެ މަސައްކަތްތައް ހަލުވިކުރުމަށް ބޭނުންވި މިންވަރަށް މުވައްޒަފުން ލިބިފައިނެތް ކަމަށްވެސް ރިޕޯޓްގައި ވިދާޅުވެފައި ވެއެވެ.

ހަމައެފަދައިން ކޮމިޝަނުގެ ޖާގަ ކުޑަވެފައި ބައު އިމާރާތަކަށް ވުމުގެ ސަބަބުން ކޮމިޝަނުގެ މަސައްކަތްތައް ހިންގުމުގައި ނޭދެވޭ އަސަރުކުރާ ކަމަށެވެ. އޭގެ ތެރޭގައި ކަރަންޓް ކެނޑުމާއި، ވިއްސާރަ ދުވަސްވަރު ފާރުތަކާއި ސީލިންގއިން ފެން ފޭބުމާއި އިމާރާތުގެ ތެރޭގައި މީދާ އާލާވުމާއި މިކަންކަމުގެ ސަބަބުން މުވައްޒަފުންގެ ސިއްޙަތައް އަސަރުކުރުމާއި ލިޔެކިއުމާއި ތަކެއްޗަށް ގެއްލުންލިބެމުންދާ ކަމަށް އެރިޕޯޓުގައި ވެއެވެ.

އެގޮތުން ކޮމިޝަނުގެ މަސައްކަތައް ހަލުވިކުރުމާއި ކޮމިޝަނުގެ ޤާނޫނުން ލާޒިމްކުރާ މަސްއޫލިއްޔަތު ހަލުވި ކަމާއެކު އަދާކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ކޮމިޝަނުގެ ޤާނޫނަށާއި ޤާނޫނުލްޢުޤޫބާތަށް ހުށަހެޅި އިސްލާހްތައް ފާސްނުވެ ދިގުދެމިގެން ދާކަމަށް އެފަރާތުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޮނޑާފުށީބޮޑުހުސޭނު

    ކޮބާ އެދުވަހު ބޭއިންސާފުން ސުޕްރީމް ކޯތުގެ ހުކުމަށް ޔާމިނު އަންގައިގެން ގާނޫނާ ހިލާފަށް ކަންކުރީމަ މިއަދު ހަމަ އެއްކަލަ މަޅިއައިސް ޕީޖީކަރަށް މެހޭތަން މިހިރަ ފެންނަނީ ، ބަލަންތިބޭތި އެއްކަލަ ލޯއްޗައް އެއްކަލަ ފާލަމުން އެއްކަލަ ކުޑަގޮޅިން މިކަން ނިމމިގެން ދާނީ ،