ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްްޤައްޔޫމްގެ ބަންދާއި މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރާނެ ކަން ފުލުހުން އެމަނިކުފާނަށް އެންގުމުން ބަންދުގެ މުއްދަތުގެ މަޖިލިސް ލަސްކޮށްދޭން ރައީސް މައުމޫން ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފިއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފަށް ރައީސް މައުމޫން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެމަނިކުފާނުގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ކަމަށާއި މައުމޫން ހަމީދު ރާއްޖެ ވަޑައިގަންނަވަނީ މާދަމާ ކަމަށެވެ.

ރައީސް މައުމޫންގެ ސިޓީގައި ވިދާޅުވީ "އަޅުގަނޑުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ތިޔަ ކޯޓަށް ގެންދަވާނެކަމަށް ފުލުހުން އަޅުގަނޑަށް އެންގެވީ މިއަދު ކަމަށްވެފައި މިއީ ކުރިން އަޅުގަނޑަށް ތަސައްވަރު ކުރެވިފައިވާ ކަމަކަށް ނުވާތީ އަޅުގަނޑުގެ ވަކީލަށް ބަންދުގެ މުއްދަތާބެހޭ އަޑުއެހުމެއް އޮންނާކަން އެންގުނީ މިއަދު އެވެ."

ރައީސް މައުމޫން ވިދާޅުވީ މީގެ 40 އަށް ވުރެ ގިނަ ދުވަސް ކުރިން އެމަނިކުފާނު ހައްޔަރުކޮށް މިހާތަނަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައި ނުވާތީ އިތުރު ވިއްސަކަށް ގަޑިއިރަށް މިޝަރީޢަތުގެ މަޖިލީސް ލަސްކޮށްލުމަށް މިހާތަނަށް އެމަނިކުފާނާއި މެދު ޤާނޫނާއި ހިލާފަށް ހިނގާފައިވާ ކަންކަން އެނޫން ގޮތަކަށް ހިނގައިފައިވާ ކަމަށް ގަބޫލުކުރެވޭނެ ހަމައެއްވެސް އޮންނާނެކަމަށް އެމަނިކުފާނަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

ރައީސް މައުމޫންގެ ބަންދުގެ މުއްދަތު އިތުރު ކުރަން މިއަދު ކޯޓަށް ހާޒިރު ކުރަން ހަމަޖެހިފައި ވީނަމަވެސް ރައީސް މައުމޫން ކޯޓަށް ހާޒިރު ކުރާ ގަޑިއެއް އަދި ކަށަވަރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މައުމޫނު ސިޓީ

    މުޅި ދައުލަތުން މުޅި އާއިލާ ބަލާ ބޮޑުކުރީ އަދިވެސް ހިތް ނުފުރޭ ތަ

  2. އަފީ

    ސަރިއަތް ލަސްކުރާނެ ކަމެއް ނެތް! މިއަދު ސަރިއަތްކޮށް 30 އަހަރަށް ޖަލަށް ލުމަށް ގޮވާލަން! ތީ ގައުމަށް ގައްދާރުވީ ބޮޑު ގައްދާރެއް!