ކައުންސިލަރުންގެ ބާރުތައް ނަގައި މަރުކަޒީ އުސޫލުން ސަރުކާރު ހިންގުމުގެ ސަބަބުން ރައްޔިތުންގެ ބާރުވެެރިކަމަށް ސަރުކާރުން މިވަނީ އަރައިގެންފައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.

އެލްޖީއޭ އިން 13 ކައުންސިލަރެއް ސަސްޕެންޑްކުރުމާއި ގުޅިގެން އެމްޕީީން އިއްޔެ ނެރުނު ބަޔާނުގައި ވަނީ، ކައުންސިލަރުންނަކީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންކަމަށްވާއިރު، ސަރުކާރުން ނުރުހޭ ކަމެއް ފެންނަ ކޮންމެ ހިނދަކު އެލް.ޖީ.އޭ މެދުވެރިކޮށް ސަސްޕެންޑްކޮށް، ކައުންސިލްތައް އުވާލައި، ކައުންސިލަރުން މަޤާމުން ވަކިކުރުމުގެ ބާރު ދައުލަތުގެ އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ.

"މިފަދަ ނާތަހުޒީބު ޢަމަލުތަކަކީ ސިޔާސީ ގޮތުން ބަލިކަށި، ރައްޔިތުންގެ ތާޢީދު ނެތް، ޤާނޫނަށް ބޯނުލަނބާ ޚުދުމުހުތާރު ސަރުކާރުތަކުން ކުރާ ކަންކަމަށް". އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީގެ އެ ބަޔާނުގައި ވަނީ، ރައީސް އަބްދުﷲ ޔާމީން ދައުލަތް ގަޑުބަޑުކުރުމުން ދާކަމަށާއި، އެކަން ހުއްޓުވައި ރާއްޖެ ހަމަމަގަށް ގެނައުމުގެ މަަސައްކަތްތައް ކުރުމަކީ ކައުންސިލަރުންގެ ޤާނޫނީ ޒިންމާއެއް ކަމަށެވެ.

އަދި ޚުދުމުހުތާރުވެރިކަން އިއާދަވެ، ދައުލަތް ގަޑުބަޑުވެ، ކޮރަޕްޝަނާއި ވައްކަން އިންތިހާއަށް ބޮޑުވެ، އެއިން އެއްވެސް ކަމެއް ތަޙްޤީޤްކޮށްގައިނުވާ ކަމަށާއި، އެކަމާ މެދު ބަސްބުނާ ކޮންމެ މީހަކު ޖަލަށްލަމުން ގެންދިއުމުގެ ހިތި ނަތީޖާ އެންމެ ބޮޑަށް ތަޙައްމަލުކުރަން ޖެހެނީ އާންމު ރައްޔިތުން ކަމަށް އެ ބަޔާނުގައި ވެއެވެ.

"އަތްފޯރާ އަގުގައި ދޭން ބުނެ ވައުދުވި ފްލެޓްތައް އޭގެ ޙައްޤުވެރިންނަށް ނުދީ، ރަށްރަށުގެ ފެނާއި ނަރުދަމާ އަދި ކުނި ނައްތާލުމުގެ މަޝްރޫޢުތައް ނުނިމި ލަސްވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރުގެ ތެރޭގައި އިންތިހާއަށް ކޮރަޕްޝަން ފެތުރިފައިވުމެވެ. ވަކި ބަޔަކަށް ސިޔާސީ މަންފާއެއް ނުލިބޭނަމަ މިނިވަންކަމާއެކު ވިޔަފާރި ކުރުމުގެ ފުރުޞަތު ނަގާލައި، ރައްޔިތުންގެ މުދާ ވިއްކަމުންދަނީ ހަމައެއް ލަމެއްނެތިއެވެ". އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެމްޕީގެ ބަޔާނުގައި ވަނީ މިކަންކަމާއި ދެކޮޅަށް ކައުންސިލްތަކުން ތިޔަ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓާނުލައްވައި ދައުލަތް ގަޑުބަޑުކުރުން ހުއްޓުވުމުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދެވުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޕޮގުބާ

    މިއަދު މިވަނީ އެމްޑީޕީގެ ސަބަބުން މުޅިގައުމު ފުނޑިފަ

  2. ރުޒާނާ ޗޮއްޕަޓު

    ތިހެންވެސް ވެދާނެ. އެކަމަކު ދެން ތިޒާތު ވާހަކަ ދައްކާނީ ކަލޭމެނެއް ނޫނެއްނު. ތިކަހަލަ ކަމެއް ވިއްޔާ ކަލޭމެން ބޮނޑިބަތް ކައްކައިގެން ކާކަށްނު ޖެހޭނީ. ދުނިޔޭގަ ލާ ހެއްދެވިހާ ފާޙިޝް ކަންތަކުގެ އަހުލުވެރިންނަށް ނުބައި ކަމެއް ވިއްޔާ އުފާ ލިބެން ވާނެނު.

  3. ތުއި

    ރައްޔިތުންނަކީ ކެނެރީގޭ އާއިލާޔާ ތިމާގެ މީހުން އެކަނިތޯ؟

  4. ބުރުމާކަށި

    ރައްޔިތުންގެ މިނިވަންކަމާއި އެތައް ޙައްޤަކަށް ތިބުނާ މީހުން އަރައިގެންފައިވޭ

  5. ޢެމް އެސް

    ތިއެއްވުންތަކަކީ ދޮގު ވާހަކަތަކުން ރައްޔިތުންގެ ބޯ ކެވޭނެކަމަށް ހީކޮށް ބާއްވާ އެއްވުންތަކެއް ކަން އެންމެނަށްވެސް އިގޭ!

  6. ޢެމް އެސް!

    ތިއެއްވުންތަކަކީ ދޮގު ވާހަކަތަކުން ރައްޔިތުންގެ ބޯ ކެވޭނެކަމަށް ހީކޮށް ބާއްވާ އެއްވުންތަކެއް ކަން އެންމެނަށްވެސް އިގޭ!