މީގެ ފަސް އަހަރުކުރިން ނައިފަރު ދާއިރާގެ ގޮނޑި އަޙްމަދު ޝިޔާމް ކާމިޔާބުކުރީ އެކި ފިކުރުތަކުގެ ރައްޔިތުންގެ އެހީތެރިކަމާއެކުގައެވެ. ނައިފަރު ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ޝިޔާމްގެ ފަސް އަހަރު ދައުރު ފުރިހަމަވަމުންދާއިރު ނައިފަރުގައި ވަނީ ތަރައްޤީގެ އެތައް މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

12 ދާއިރާއަކުން 20 މަޝްރޫއެއް ކުރިއަށް ގެންގޮސްފައިވާއިރު 400 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ މަޝްރޫއުތަކަށް އަގުކުރެވެއެވެ. ތަރައްޤީގެ މިކާމިޔާބީ ތަކަށް ވާޞިލްވުމުގެ އަސްލަކީ ދާއިރާގެ ރައްޔިތުންކަމަށް ޝިޔާމް އަބަދުވެސް ފާހަގަކުރެއެވެ. އެކި ފިކުރުގެ ރައްޔިތުން ގުޅިގެން ތަރައްޤީ ހޯދުމަށް ކުރި މަސައްކަތްތަކެއްކަން ފާހަގަ ކުރެއެވެ. ފަސްއަހަރުގެ ދައުރުގައި އެރައްޔިތުން ޝިޔާމަށް ކުރެއްވި އިތުބާރާ، އެކިފިކުރުތައް ގުޅިގެން ދެއްވި އެހީތެރިކަމާ އެއްބާރުލުން އަބަދުވެސް ފާހަގަ ކުރެއެވެ.

" އަޅުގަނޑު އެންމެ ފުރަތަމަވެސް ސިޔާސީ ޕޯޑިއަމަކަށް ހުއްޓުނީ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން. ނައިފަރު ރައްޔިތުން ތަމްޞީލުކުރުމުގެ ފުރުޞަތު ދިނުމަށް އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދުނީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް އަޅުގަނޑުމެން ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް. އަޅުގަނޑު ވައުދުވިން ރައްޔިތުންގެ އަޑުއަހާ އިއްވާނެކަމަށް. އަޅުގަނޑު ވައުދުވިން ނައިފަރަށް ތަރައްޤީ ހޯދާދިނުމުގައި އަވަސް މަސައްކަތްތަކެއް ކުރާނެކަމަށް. އަޅުގަނޑުގެ ފަސްއަހަރުގެ ދައުރުގައި ނައިފަރަށް ތަރައްޤީގެ ރޮނގުގައި ލިބިފައިވާ ކުރިއެރުންތަކުގެ އަސްލަކީ އެކިފިކުރުތަކުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތް. ކާމިޔާބީގެ ހައްޤުވެރިންނަކީ މިރައްޔިތުން. ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި އަޅުގަނޑު ދެމިހުރިއިރު އަޅުގަނޑަށް އެއްބާރުލުމާއި އެހީތެރިކަން ދިނުމުގައި ނައިފަރުގެ ރައްޔިތުން ދެމިތިބި. މިއަދު އަޅުގަނޑުމެން ގުޅިގެން އަލުން މިމަސައްކަތްކުރަނީ ތަރައްޤީގެ އައުއުސްމިންތަކަކަށް ވާޞިލްވުމަށް. މިކަމުގައި ނައިފަރު ރައްޔިތުންނާއެކު ދެގޮތެއްނުވެ ސާބިތުކަމާއެކު ދެމި ހުންނާނަން. " ނައިފަރު ރައްޔިތުންނަށް ޓަކައި ޝިޔާމްގެ ހިތުގައި އުފެދިފައިވާ ޝުކުރުވެރި ޝުއޫރުތައް "ވަގުތު" އަށް ހިއްސާކުރަމުން ވިދާޅުވިއެވެ.

ޝިޔާމް ތަކުރާރުކޮށް ވިދާޅުވާ ގޮތުގައި ނައިފަރުގެ ތަރައްޤީގެ ތަޞައްވަރު ކުރަހާނީ ނައިފަރު ރައްޔިތުންނެވެ. އެތަޞައްވަރުތައް ހަޤީގަތަކަށް ހެދުމުގައި ސާބިތުކަމާއެކު ހުންނަވާނެ ކަމަށް ޝިޔާމް ވިދާޅުވެއެވެ. ޝިޔާމް ވިދާޅުވާ ގޮތުގައި ދާއިރާ ތަމްޞީލުކުރުމަށް ޝިޔާމްގެ ތަޞައްވަރުތައް ކުރަހަނީ ނައިފަރު ރައްޔިތުންގެ އުންމީދުތަކުންނެވެ. އައު ދައުރަކަށް ނައިފަރު ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ނުކުންނަވާފައިވާއިރު ޝިޔާމް ދަނީ ޝިޔާމްގެ އައު ތަޞައްވަރުތައް ނައިފަރު ރައްޔިތުންނާ ހިއްސާކުރަމުންނެވެ. ނައިފަރުގެ ތަރައްޤީ އައު އުސްމިންތަކަކަށް ގެންދިއުމަށް އަޒުމް ކަނޑައަޅާފައިވާއިރު ގިނަ ދާއިރާތަކެއްގައި ޝިޔާމްގެ ތަޞައްވަރު ވަނީ ރައްޔިތުންނަށް ހާމަކޮށްފައެވެ.

" ނައިފަރު ރައްޔިތުންނަކީ ތަރައްޤީގެ އަރުތަ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް އެދިއެދި ތިބި ރައްޔިތެއް. ކޮންމެ ކަމެއްވެސް ހާޞިލްކުރަން ބޭނުންވާނީ އޭގެ އެންމެ ފުރިހަމަ ގޮތުގައި. ފަސްއަހަރުގެ ދައުރުގައި އަޅުގަނޑަށް ލިބިފައިވާ އެންމެ ބޮޑު ތަޖްރިބާއަކީ ފިކުރުތައް ތަފާތު ކުރުމެއްނެތި އެކުގައި މަސައްކަތް ކުރުމުގެ ތަޖްރިބާ. ގިނަ ފިކުރުތަކެއްގެ ރައްޔިތުން ގޮވައިގެން ނުކުމެ އެއް ލަނޑުދަނޑިއެއް ހާޞީލްކުރުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރުމުގެ ތަޖްރިބާ. އެންމެންގެ ބައިވެރިވުމާއެކު ގިނަ ދާއިރާތަކަކުން ހާޞިލްކުރެވުނު ކާމިޔާބީތައް. އިޚްލާސްތެރި ހިތަކާއި އެކު ނައިފަރު ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގައި އުފެދިފައިވަނީ ވަރަށް ބޮޑު ލޯތްބެއް. " ނިމިގެން މިދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި ހުރިހާ ގޮތަކުން އެންމެ ފާހަގަކޮށްލެވޭ އެއް މެމްބަރު ޝިޔާމް، ވިދާޅުވިއެވެ.

އައު ދައުރަކަށް ކުރިމަތިލައްވާފައިވާއިރު ޝިޔާމްގެ ހިތްވަރާއި އަޒުމް ވަރުގަދައެވެ. މިއަދުގެ ޒައާމަތާއެކު މަސައްކަތް ކުރުމަކީ ޝިޔާމް ދެކިލައްވާ ގޮތުގައި ޝިޔާމަށް އުދަގޫ ކަމެއް ނޫނެވެ. ޚާއްޞަކޮށް ޝިޔާމްއަށް ލިބިފައިވާ އެންމެ ބޮޑު އުންމީދާއި ޔަގީން ކަމަކީ ވޭތުވެދިޔަ 5 އަހަރުގެ ދައުރުގައި ޝިޔާމްގެ އެންމެ އަރިހުގައި މަޖިލީހުގެ ތަޅަމުގައި އިންނެވި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ގައުމުގެ ހުންގާނުގައި ހުންނެވުމެވެ.

ޝިޔާމްގެ ކެމްޕެއިން ޕޯސްޓަރެއް

" އަޅުގަނޑު މިހާރުވެސް މިމަސައްކަތް ކުރަނީ މިސަރުކާރާއެކު. ރައްޔިތުންގެ ލާބަޔަށް ކުރާ އިޚްލާސްތެރި ކޮންމެ މަސައްކަތެއްގައި އެންމެ ބޮޑު އެއްބާރުލުމެއް ދިން މީހަކަށް ވާނެ އަޅުގަނޑު. ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން ރައްޔިތުންގެ ލާބަޔަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގައި އަޅުގަނޑު ސާބިތުވެ ހުންނާނަން. ދާއިރާގެ ރައްޔިތުންގެ ހައްޤުގައި އަމިއްލަ އިސްނެގުމާއެކު ސަރުކާރާއި މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމުގައި ސާބިތުވެ ހުންނާނަށް. " ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ފާހަގަ ކުރެވުނީ ނައިފަރު ދާއިރާގެ ރައްޔިތުންގެ އިތުރުން ގިނަ ބަޔެއްގެ ލޯތްބާއި ތާއީދު ހޯދާފައިވާ ސިޔާސީ ޝަޙްސިއްޔަތެއްގެ ގޮތުގައެވެ.

ޝިޔާމްގެ ކެމްޕޭން މެނޭޖަރ ފަރުޙަތު. "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ މިއިންތިހާބަށް އަމިއްލަ އިޙްތިޔާރެއްއޮތް މެނިފެސްޓޯއެއް ނުވަތަ ތަޞައްވަރަކާއެކު ނުކުންނަވާ މަދު ކެންޑިޑޭޓުންގެ ތެރޭގައި އެންމެ ފުރިހަމަ ތަޞައްވަރެއް ގެންގުޅުއްވާ ކެންޑިޑޭޓަކީ ޝިޔާމް ކަމަށާއި. ޝިޔާމްގެ މެނިފެސްޓޯއަކީ ދާއިރާ ރައްޔިތުންނާއި ގުޅިލާމެހިފައިވާ ސީދާ ދާއިރާގެ ރައްޔިތުންގެ އުންމީދާއި ވިންދު ކަމަށެވެ.

"އަބަދުވެސް ޝިޔާމަކީ ސިޔާސީ މިނިވަން ޝަޚްސެއް. ޚާއްޞަކޮށް ދާއިރާގެ ރައްޔިތުންގެ ހައްޤުގައި ބަސްބުނުމާއި ދާއިރާއަށް ލާބަ ހޯދާދިނުމުގައި ވަކިފިކުރެއްގައި ގައިދުވެފައިވާ ބޭފުޅެއްނޫން. ޝިޔާމްގެ ފަސްއަހަރުގެ ދައުރުގައި އެކަން އެދަނީ ސާބިތުކޮށްދެމުން. ޚާއްޞަކޮށް މިއިންތިހާބަށް ނުކުންނަވާ އެހުންނެވީ ބަދަހި ސަފުތަކެއްގެ އަތުގުޅާލުމާއެކު." ފަރުހަތު ވިދާޅުވިއެވެ.

ފަރުޙަތު އިތުރަށް ފާހަގަ ކުރި ގޮތުގައި ނައިފަރުގެ މިޖީލުގެ ތަރައްޤީ އައު އުސްމިންތަކަށް ވާސިލްކޮށްދިނުމަށް ޓަކައި ނައިފަރުގެ އެކިފިކުރުތައްވަނީ ޝިޔާމްއާ އެކު ރުކުލަވާލާފައެވެ.