ޕާޓީއެއްގެ ވިޕްލައިންގައި ފިތިގެން ވަކި މީހަކަށް ވޯޓު ލުމުގެ ބަދަލުގައި ރައްޔިތުންގެ ހައްގުބަސް މަޖިލީހުގައި އިއްވާދޭނެ މީހަކަށް އޭނާ ވާނެ ކަމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވާ، ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަޙުމަދު ވިދާޅުވެއްޖެއެވެ.

އަޒްލީން މިގޮތަށް ވިދާޅުވީ، ޕީއެސްއެމްއިން ގެނެސް ދިން ހުޅުމާލެ ދާއިރާގެ މަޖިލީސް ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

"ތަފާތު ކުރުމެއް ނެތި ދާއިރާގެ އެކިއެކި ފިކުރުގެ ބޭފުޅުން ގޮވައިގެން އެބޭފުޅުންގެ ހައްގުތައް މަޖިލީހުގައި ވަކާލާތުކޮށްދޭނެ މީހަކަށް ވާތީވެ. އަދި ދީނީ އިލްމުވެރިންގެ ކަންބޮޑުވުންތައް މަޖިލީހުގައި އިއްވައިދޭނެ މީހަކަށްވާތީވެ. ވަކި ޕާޓީއެއްގެ ވިޕްލައިންގައި ފިތިގެން ވަކި މީހަކަށް ވޯޓު ލުމުގެ ބަދަލުގައި ރައްޔިތުންގެ ހައްގުބަސް މަޖިލީހުގައި އިއްވާދޭނެ މީހަކަށް ވާތީވެ" އަޒްލީން މަޖިލީހަށް ހޮއްވަވަން ކީއްވެގެންތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ، އޭނާ މަޖިލީހަށް ހޮއްވައިދެއްވައިފިނަމަ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެ ކަމަށެވެ. އަދި ރައްޔިތުންނާއި ގުޅިގެން، ރައްޔިތުންނާއެކު ދުވަހުން ދުވަހަށް މަސައްކަތް ކުރާނެ ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވި ،އޭނާ ސަރުކާރުގެ ވަޒީރުކަމުގައި ހުންނެވިއިރުވެސް ނަޒާހަތްތެރިކަން ދައްކާފައިވާނެ ކަމަށާއި، ނުހައްގު މުސަނދިކަމެއް ހޯދާފައިނުވާނެ ކަމަށެވެ. އަދި އެކަން ސާބިތުވާނެ ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ، އެކަށީގެންވާ އިލްމާއި، ތަޖުރިބާ ނެތް ލާއިގް ނޫން، އެކަމަށް ގާބިލްކަން ނެތް މީހުން މަޖިލީހަށް ވަންނަން ފުރުސަތު ދިނުމުން، އަދި ކޮރަޕްޝަންގެ ވަބާގައި ޖެހިގެން ނުހައްގު ފައިސާގައި ޖެހި، ނުހައްގު މުއްސަނދިވެފައިވާ މީހުން މަޖިލީސް ތެރެއަށް ވަނުމުން އެ ވާހަކަ ނުދައްކާ ނުތިބޭނެ ކަމަށެވެ.

"އެ ފުރުސަތު ލިބިފައި އެކަމުގެ ނާޖާއިޒު ފައިދާގައި ނުޖެހި، އަމިއްލަ ފްލެޓްތަކެއް ނުހޯދާ، އެންމެ ކުޑަމިނުން އާއިލާ މީހެއްގެ ނަންވެސް ފްލެޓް ލިސްޓެއްގައި ނޯންނާނެ. މި ޔަގީންކަމާއެކު ހުޅުމާލެ ލޮބުވެތި ރައްޔިތުން، މަޖިލީހަކީ ސާފްތާހިރު ތަނަކަށް ހައްދަވާ ދެއްވާށޭ. އެތަނަކީ ނުހައްގު ފައިސާ އެތަނަށް ވަންނަ ބައެއްގެ ތަނެއްގެ ގޮތުގައި އެތަން ވެއްޖެކަމުގައިވަންޏާ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމުގެ ބަދަލުގައި ރައްޔިތުންގެ މައްޗަށް ޣާފިލްވެ ކުރިއެކޭ އެއްގޮތަށް 10 އަހަރު ތެރޭގައި މަޖިލީހުން ފެނުނު މަންޒަރު ތަކޭ ފެނިގެން ދާނީ". އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވަނީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަކީ ސާފްތާހިރު ތަނަކަށް ހެއްދެވުމަށް އޭނާއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ނަޒާހަތްތެރިންނަށް ފުރުސަތު ދެއްވުމަށް އަޒްލީން ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިނިވިޑިވިސި

    ޕާޓީއަށް ސޮއި ކުރާ ދުވަހު ވެސް މިއިއުލާންކޮށްލަނީ ބޮޑު ވިޔަފާރިއެއް. މިމީހުން ރަނގަޅުވާނެ އިންނާނެތަ ހަމަ އެންމެ އިސްތައްޓެއް ވެސް. ވިޕްލައިންގައި ފިތިގެން ނުހުރެ ލާރިދިން ކޮންމެ ކޮޅަކަށް ޕާޓީ ކައުންސިލުން ނިންމާ ކަންކަމުގައި ވޯޓްދޭ ވާހަކަ މިހާ ފާޅުކަން ބޮޑުކޮށް ބުނީމަ ވެސް ގާސިމަކަށް ގެޓެއް ނުވާނެ. އެއަޒްލޯން ބޭރުކުރޭ އަވަހަށް ދެއަނބިންނާ އިދެގެން ހަރަދު ނުޗެލީމަ ގާސިމް އަތުން ކާން އެދިޔައީ