މިދިޔަ ހޯމަ ދުވަހުން ފަށައިގެން އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ޣައްޒާގެ ނިކަމެތި އާންމު މުސްލިމުންނާއި ދެކޮޅަށް ހިންގަން ފެށި ޖަރީމާ އާއި ދެކޮޅަށް ދުނިޔޭގެ ގިނަ ޤައުމުތަކުންނާއި ޖަމާއަތްތަކުން ވަނީ އަޑު އުފުލާފައެވެ. އެގޮތުން ރާއްޖެއިންވެސް އެ އަޑުއުފުލުހުންތަކުގައި ބައިވެރިވެފައިވާއިރު، ޣައްޒާގެ މުސްލިމުންނަށް އެހީތެރިވުމަށް އެންމެ ފުރަތަމަ އިސްނެގި އެއް ބަޔަކީވެސް ދިވެހިންނެވެ.

ފަލަސްތީނުގެ މުސްލިމުންނަށް ދިމާވާ ކޮންމެ ހިތާމަވެރި އަދި ދަތި އުނދަގޫ ދަނޑިވަޅެއްގައި އެފަރާތްތަކާއި އެކު ތިބި ދިވެހިން އަނެއްކާވެސް މިވަނީ ދުނިޔެއަށް މިސާލު ދައްކާފައެވެ. އެގޮތުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ހުޅުވާލި ފަންޑުން އެއްކުރި ފައިސާ ފަލަސްތީނުގެ އެހީދޭ ޖަމާޢަތްތަކާއި ހަވާލުކޮށްފައި ވަނިކޮށް، އެ ޖަމާޢަތްތަކުން މިވަނީ އާއިލާތަކާއި ހަމައަށް އެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޣައްޒާއަށް ދިވެހިންގެ އެހީތައް ފޯރުކޮށްދިނުން - ފޮޓޯ: އައިއޭސީ

އެގޮތުން ކައްކައިކާން ބޭނުންކުރާ ތަކެއްޗާއި ބޭސްސްފަރުވާއަށް ބޭނުންވާ ތަކެތީގެ އިތުރުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެހީތެރިކަން، މިހާރު ވަނީ ދިވެހިންގެ ފަރާތުން ޣައްޒާގެ ވަރަށް ގިނަ ޢައިލާތަކަށް ފޯރުވައިދީފައެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އެންމެ އިސްވެ މަސައްކަތްކުރާ ދިވެހި ޖަމާޢަތް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ފަރާތުން މިފަހަރުގެ އެހީތެރިކަން ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް ފޯރުކޮށްދޭން ފަށާފައިވާކަން ހާމަކުރީ މިދިޔަ ބުދަ ދުވަހުއެވެ.

ޣައްޒާއަށް ދިވެހިންގެ އެހީތައް ފޯރުކޮށްދިނުން - ފޮޓޯ: އައިއޭސީ

އައިއޭސީގެ ފަރާތުން މި އެހީތެރިކަން އާއިލާތަކަށް ފޯރުކޮށްދޭ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މިހާރު އެ ޖަމާޢަތުން އާންމުކޮށްފައިވާއިރު ދިވެހިންގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމާއި ގުޅިގެން ފަލަސްތީނުގެ ކުދިބޮޑު އެންމެންގެ މޫނުމަތިންވެސް އުފާވެރިކަމުގެ ހިނިތުނވުން ވަނީ ފެނިގެން ގޮސްފައެވެ.

ޣައްޒާއަށް ދިވެހިންގެ އެހީތައް ފޯރުކޮށްދިނުން - ފޮޓޯ: އައިއޭސީ

އެއިން އެއް ވީޑިއޯއެއްގައި ކުޑަކުދިންތަކެއް، ދިވެހިން ހަދިޔާކުރި ކާބޯތަކެތީގެ ކައިރީގައި ހުއްޓިލައިގެން ތިބި ދިވެހިންނާއި ދިވެހިރާއްޖެއަށް ޝުކުރު އަދާކުރާ މަންޒަރު ވެސް ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

އައިއޭސީ ކުރިންވެސް ވަނީ ދިވެހިންގެ އެހީތެރިކަން ފަލަސްތީނުގެ މުސްލިމް އާއިލާތަކަށް ފޯރުކޮށްދީފައެވެ. އެގޮތުން މީގެ ކުރިން ޣައްޒާގެ 4710 ގެއަކަށް ދިހަ ދުވަހުގެ ކާބޯތަކެތި ފޯރުކޮށްދިން އިރު، ސާފު ބޯފެން ފޯރުކޮށްދިނުމަށް 623 އާއިލާއަކަށް 50 ލީޓަރުގެ ފެން ތާނގީ ވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން 268 އާއިލާއަކަށް އޭއައިސީން ދިހަ ގަޑިއިރުގެ ބެޓަރި ޕަވާ ޔުނިޓުތައް ފޯރުކޮށްދީފައިވާއިރު، ޢީދު ދުވަހު 2640 އާއިލާއަކަށް 66 ކަންބަޅި ހަދިޔާކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަނދާންވަނީޤައްޒާ

    ދިންވަރު ފައިސާއިން ނުބުނެވިގެން ތިއުޅެނީ ކައްވާލިވަރު ބޮޑުކަމުންބާ؟

  2. ހަސަނު

    އިޒްރޭލެއް ރޮކެޓެއް ފޮނުވާލާފައި ދިވެހިންގެ ގާތު ބުނޭ އަވަހަށް ފަންޑު ފޮށި ހުޅުވާށޭ

  3. މައުސޫމު

    ވަރަށް އުފާވޭ ދިވެހިންގެ ކިބައިން ފެންނައެހީތެރިކަމަށް ޔާﷲފަލަސްޓިނުގެ ހުރިހާ މުސްލިމު އަޚުހުންނަށް އުދާގޫތަކާ ކުރިމަލުމުގެ ހިއްވަރު ދެއވާށި އަދިމިއުދަގޫތަކުން ފަލަސްތީނުގެ އަޚުން ސަލާމަތްކޮށްދެއްވާށީ އާމީން