މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލޭގައި ބޭއްވުނު އެއްވުންތަކާއި ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބަންދުގައި ތިބީ ނުވަ މީހުން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާލޭގައި ބޭއްވި އެއްވުންތަކުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި ހުއްދަ ނޫން ސަރަހައްދުތަކަށް އެއްވުމުގެ ތުހުމަތުގައި މިވަގުތު ފުލުހުންގެ ބަންދުގައި ތިބީ އަށް ފިރިހެނުންނާއި އެއް އަންހެނަކު ކަމަށެވެ. އަދި އޭގެ ތެރޭގައި ރައްޔުތުންގެ މަޖިލީހުގެ ތިން މެންބަރަކު ހިމެނޭ ކަމަށްވެސް ފުލުހުން ބުނެއެވެ..

އެއްވުންތަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވައެވެ.

އަދި ހައްޔަރުކުރެވިފައިވާ އެންމެންނަށް ވެސް ކޯޓުން ވަނީ ބަންދުގެ މުއްދަތު ދީފައި، ކަމަށް ފުލުހުން ބުންޏެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި ބޮޑު މުޒާހަރާގަ އެވެ. އެ މުޒާހަރާގެ ތެރެއިން 141 މީހުން ހައްޔަރުކޮށްފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން މާލެތެރެ ހަލަބޮލިކުރުމުގެ މަސައްކަތް ކުރަމުންދަނީ 1 ފެބްރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު ހުކުމް ތަންފީޒު ކުރުމަށް ގޮވާލައެވެ.

ކިޔުންތެރިންގެ ހިޔާލު