މިއަހަރުގެ ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ވެސް ފެން ކުޅީގެ ކުޅިވަރު ކުރިއަށް ގެންގޮސްފިއެވެ.

ޢީދު ފާހަގަ ކުރުމުގެ ގޮތުން ފެން ޖެހުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެވެ. އެންމެ ކުރިއާއި ހިލާފަށް، ފެނުގެ ތެރެއަށް ކުލަ އިތުރުވެ ކުލަ ޖެހުމުގެ ހަރަކާތްތައް ކޮންމެ ރަށެއްގައި ވެސް ކުރިއަށް ގެންދާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. އަދި ފަހަކަށް އައިސް ތަފާތު ވައްތަރު ވައްތަރުގެ ކުލަތަކުން އީދު ކުލަ ޖެހުން ވަނީ އިތުރަށް ފުރިހަމަ ވެފައެވެ.

ކުލަ ޖެހުމުގެ ހަރަކާތް މިފަހަރު ވެސް އެންމެ ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރި އެއް ތަނަކީ ހުޅުމާލެ އެވެ. އޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށުގައި ކުރިއަށް ދިޔަ ކުލަ ޖެހުމުގެ ކުޅިވަރުތަކުން ދިވެހިންގެ މީސް މީޑިއާ އެކައުންޓްތައް މިއަދު ވަނީ ފުރާލާފައެވެ.

ޗުއްޓީއަށް ގިނަ މީހުން ޖަމާވި ރަށްރަށުގައި ކުލަ ޖެހުމުގެ ހަރަކާތް ކުރިއަށް ގެންދިޔަވަރު އެހެން ރަށްރަށާއި އަޅާބަލާއިރު މާބޮޑަށް ވެސް ފޯރިގަދައެވެ.