ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިނގުރައިދޫ ދާއިރާއަށް ވާދަކުރައްވާ އިބްރާޙިމް ފަލާޙުގެ ކެމްޕެއިން ބޮޑު ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ، ފަލާޙުގެ އުފަން ރަށް ،އިންނަމާދޫގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ޖަލްސާ އާއި ގުޅިގެން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ފަލާޙުގެ ކެމްޕެއިން މެނޭޖަރ، އަޙުމަދު މާހިރު ވިދާޅުވީ، މި ޖަލްސާ އަކީ "ފިސާރި" ބޮޑު ޖަލްސާ އަކަށް ވެގެންދާނެ ކަމަށާއި، މި ޖަލްސާގައި ދާއިރާގެ ފަސް ރަށުންވެސް ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި މިޖަލްސާ ވެގެންދާނީ އިނގުރައިދޫ ދާއިރާގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ޖަލްސާއަށް ކަމަށްވެސް މާހިރު ވިދާޅުވިއެވެ.

"މި ޖަލްސާގައި ގާތްގަނޑަކަށް 700 މީހުން ބައިވެރިވާނެ. މިއީ މިހާތަނަށް ބޭއްވޭނެ އެންމެ ފޯރިގަދަ، އަޑު ގަދަ، ޖަލްސާ. އިދާރަކުރެއްވިއްޔާ ދާއިރާގެ ރައްޔިތުންނަށް އުފާވެރި ޚަބަރުތަކެއް މި ޖަލްސާއިން ލިބިގެން ދާނެ." މާހިރު ވިދާޅުވިއެވެ.

އިތުރަށް މާހިރު ވިދާޅުވީ، ވާދަވެރި ކެނޑިޑޭޓުންނަށް އެ ރޭ ވެގެންދާނީ، ނޭވާ ހިފަހައްޓާލަން ޖެހޭ ރެއަކަށްކަމަށާއި، އިރާދަކުރެއްވިއްޔާ ސާފު ބޮޑު އަޣުލަބިއްޔަތަކުން މި އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"އެންމެ ފަހު ވަގުތު ކޮޅުގެ ކުޅުމަށް އަޅުގަނޑުމެން ތައްޔާރު ވަމުން މި ދަނީ. ބައިކޮޅަށް ގޯލެއް ނުޖަހާ އަޅުގަނޑުމެން ސްކޯރ ކުރާނަން. ފައިދާ ތިން ޕޮއިންޓާއި އެކު މި އިންތިޚާބަށް ކުރިމަތިލީވެސް. އިންޝާ ﷲ މެޗު ނިންމާލާފައި ދަނޑުން ފައިބާނީ ސަޕޯޓަރުން ހެއްވާލާފަ." މާހިރު ވިދާޅުވިއެވެ.