ލަންކާގެ ރައްޔިތެއްކަމަށްވާ ޕޮނިއާ ސުދާގަރުގެ މައްޗަށް ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާކަން އުޅުނު ކަމުގެ ތުހުމަތުކޮށްފައިވާކަމަށް އޭނާގެ ވަކީލް ވިދާޅުވެއްޖެއެވެ.

މ.އެންދެރިގަސް އަކީ ރައީސް މައުމޫނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ދައްތާފުޅު މަރުހޫމް ފަރީޝާ އިބްރާހިމްގެ ގެއެވެ. ޕޮނިއާ ސުދާގަރަކީ އެ ގޭގެ ޑްރައިވަރެވެ.

ޕޮނިއާ ސުދާގަރު ހައްޔަރު ކުރީ މިދިޔަ މަހު 31 ވަނަ ދުވަހު މ އެންގެރިގަސް ބަލާ ފާސްކުރުމަށް ފަހުއެވެ.

ޕޮނިއާ ސުދާގަ ވަކީލް މުހައްމަދު ފައްވާޒު ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ޕޮނިއާ ސުދާގަރު ހައްޔަރުކުރެވިފައިވަނީ 31 ޖެނުއަރީ 2018 ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، މ.އެންދެރިގަސް އިން ކަމަށާއި އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށަކީ ޤާނޫނާ ޚިލާފަށް ދިވެހިރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ވެރިކަން ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާދީ، އަދި އިތުރު މެންބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދޭން އުޅުމެވެ.

މި ތުހުމަތުގެ އިތުރުން އޭނާގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއް ހިންގުމަށް އުޅުމުގެ ކުށުގެ ތުހުމަތުވެސް ކޮށްފައިވާކަމަށް ވަކީލުގެ ބަޔާނުގައި ވެއެވެ.

ޕޮނިއާ ސުދާގަރުގެ މައްޗަށް ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާކަން އުޅުނު ކަމުގެ ތުހުމަތު ކޮއްފައިވާއިރު ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ރައީސް މައުމޫން ވެސް ވަނީ ހައްޔަރު ކޮއްފައެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގިނަ ހެކިތަކެއް ފުލުހުންނަށް ވަނީ ލިބިފައެވެ.