ވަރަށް ގިނަ ކުށްތަކެއްގެ ރެކޯޑް އޮންނަ ލ.އަތޮޅު ގަމު ތިން މީހަކު ޖަލަށް ލުމަށް މިއަދު ގަމު މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފިއެވެ.

ކަރަންޓް ކޭބަލްތަކެއް ވަގަށް ނެގި މައްސަލައެއްގައި މިއަދު ޖަލު ޙުކުމެެއް އައީ ލ.ގަން މަތިމަރަދޫ ތިން މީހުން ކަމަށްވާ ފަތުހުﷲ އަބޫބަކުރާއި މުހައްމަދު ހަލީމް އަދި ހުސައިން ރިޒާގެ މައްޗަށެވެ.

ދައުލަތުން ކުރި ހުއްދަނެތި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ފޯރުވުމުގެ ދައުވާ ސާބިތުވި ތިން މީހުންގެ ތެރެއިން ފަތުހުﷲ ގެ މައްޗަށް އައީ ދެ އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެކެވެ. މުހައްމަދު ހަލީމާއި ރިޒާގެ މައްޗަށް އައީ ދެއަހަރު ދުވަހުގެ ޖަލު ޙުކުމެކެވެ.

ތިން މީހުންގެ ތެރެއިން ފަތުހުﷲ ގެ މައްޗަށް ބޮޑު ޙުކުމެއް އައީ މީގެ ކުރިން ވެސް އޭނާގެ މައްޗަށް މިބާވަތުގެ މައްސަލައެއް ސާބިތުވެފައި ވާތީއެވެ. ތިން މީހުންގެ މައްޗަށް ވެސް ޙުކުމް އިއްވާފައި ވަނީ އެމީހުންނަކީ ކުށުގެ ވަރަށް ގިނަ ރެކޯޑްތަކެއް އޮންނަ ބައެއް ކަމަށްވާތީ ފަނޑިޔާރަށް ލިބިދޭ ބާރުގެ ދަށުން ކުށުގެ އެއް ދަރަޖަށް މަތި ކުރުމަށް ފަހު އެވެ.

މި ތިން މީހުންގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަސް ތެރޭގައި ލ.ގަމު ކީމާކް ނަމަކަށް ކިޔާ ގެއެއްގެ ތެރެއިން ކޭބަލްތަކެއް ވަގަށް ނެގި މައްސަލައެއްގައެވެ. އެމީހުން ވަގަށް ނެގި ކޭބަލްތައް ފުލުހުންނަށް ފެނުނީ ދެގޯންޏަކަށް އަޅައިގެން ވެހިކަލެއްގައި ލ.ފޮނަދުއަށް ގެންދަނިކޮށެވެ. ވަގަށް ނަގާފައިވާ އެއްޗެހިތަކެއް ގެންދާ ކަމަށް ޝައްކު ކުރެވިގެން ފުލުހުން ވެހިކަލް ހުއްޓުވާ، ފާސްކުރިއިރު ވެހިކަލްގެ ތެރެއިން ވަނީ ކޭބަލްތައް ފެނިފައެވެ.

ތިން މީހުން ވެސް މިމައްސަލައިގައި ދައުލަތުން އުފުލި ދައުވާއަށް އިންކާރު ކުރިއެވެ. ނަމަވެސް ދައުލަތުން ހުށަހެޅި ހެކިން ވަނީ ކޭބަލްތައް ގެއްލުނު ގެ ހިމެނޭ ސަރަހައްދުގައި އެމީހުން ހަރަކާތްތެރިވި މަންޒަރު ފެނުނު ކަމަށް ޝަރީއަތުގައި ބުނެފައެވެ. އަދި ވެހިކަލްގެ ތެރެއިން ފެނުނީ ވަގަށް ނެގި ކޭބަލްތައް ކަން ވެސް ހެކިންގެ ހެކި ބަހުން ސާބިތުވާކަމަށް ޙުކުމުގައި ވެއެވެ.

ތިން މީހުން ވެގެން ވަގަށް ނެގި ކޭބަލްގެ އަގު ބައި ލައްކަ ރުފިޔާ އަށް ވުރެ މައްޗަށް އަރާ ކަމަށް ވެސް މިއަދު ގަމު ކޯޓުން އިއްވި ޙުކުމުގައި ވެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޖަލު ޙުކުމެއް އައި ތިން މީހުންގެ ތެރެއިން މުހައްމަދު ހަލީމްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާ އިތުރު މައްސަލައެއްގެ ޙުކުމް އިއްވުން އަންގާރަ ދުވަހަށް ވެސް ވަނީ ތާވަލް ކޮށްފައެވެ.

މި ތިން މީހުންނަކީ ވެސް މަސްތުވާތަކެތީގެ ގިނަ މައްސަލަތަކާއި ވައްކަމުގެ ގިނަ މައްސަލަތަކާއި އަދި އެހެނިހެން ކުށްތައް ކުރުމުގެ ވެސް ގިނަ މައްސަލަތަކެއްގެ ރެކޯޑް އޮންނަ ބައެކެވެ. ނަމަވެސް އޭގެ ތެރެއިން މުހައްމަދު ހަލީމްގެ މައްސަލައެއް ފިޔަވައި އެހެން މީހެއްގެ މައްސަލައެއް ގަމު މެޖިސްޓްރޭޓް ކޯޓަކު ނެތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަލާ

    ސާބަހޭ އެބަ ރަނގަޅުވޭ!!!

    12
  2. ނަގޫގޮށްޖެހި

    ޝުކުރިއްޔާ ފަނޑިޔާރު! ފަނޑިޔާރަށް ނެރެވޭނީ ހުކުމް. މާދަމާ ބާރުގަދަ ސިޔާސީ މީހަކު ވޯޓު ބޭނުންވެގެން މި މީހުން ކްލެމެންސީއޭ ކިޔާ ސިޔެއް ދުއްވާލާފައި ދައުލަތުން ދެއްވާ ފަތްކޮޅުގައި ފިސާރި ބޮޑުއަކުރުން ކުށެއް ނެތްކަމަށް ލިޔެފައި މަގުމައްޗަށް ނެރޭނެ ކަމީ ދުވާލުގެ އިރުފަދައިން ފެންނަން އޮތް ކަމެއް. އަނެއް ދުވަހު ހެނދުނު ގޮވާނެ ޝަރުއީ ދާއިރާ އިސްލާހުނުވެއެއް އެއްކަމެއް ނެތޭ ވާކަށް. ރައްޔިތުންނަށް ހަމަޖެހިގެން ނިދެންވެސް ނެތޭ ވަގުންނާހެދި. މިކަހަލަ ހާސަރުތަކެއް ދަމައިގެން ރައްޔިތުންނަށް އޮޅުވާލާނެ.

    15