މިއަދާއި ހަމައަށް އައިއިރު، މާލޭގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޙައްޤުތައް ނުލިބި، އެކި ސަރުކާރުތަކުން އައިސް މާލޭގެ ރައްޔިތުން ލޫޓޫވާލާފައިވާ ކަމަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ޑރ އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެ އެވެ.

ރަފިއްޔާ މިހެން ވިދާޅުވީ، މާލޭގައި ރޭ ބޭއްވި ރަފިއްޔާގެ ކެމްޕެއިން ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމް.ޑީ.އޭ ގެ ލީޑަރ، އަޙުމަދު ޝިޔާމްވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރަފިއްޔާ ވިދާޅުވީ، މާލޭ ރައްޔިތުން ގޮދޮރުވެރި ބަޔަކަށް ހެދުމަށް، މިހާތަނަށް އައި ސަރުކާރު ތަކުން ފެއިލް ވެފައިވާ ކަމަށާއި، އަދި އެ ސަރުކާރުތަކުން ވަނީ މާލޭގެ ރައްޔިތުން "ލޫޓުވާލާފައި" ކަމަށެވެ. އަދި ރެކޯޑު އަދަދެއްގެ ޒުވާނުންގެ ވޯޓާއި އެކު، ކުރިއަށް އޮތް އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާގެ ހާލަތު ބަދަލުކުރައްވާނެ ކަމަށްވެސް ރަފިއްޔާ ވިދާޅުވިއެވެ.

"މާލޭގެ ރައްޔިތުން މި ވަނީ އެކި ސަރުކާރުތަކުން އައިސް ލޫޓޫވާލާފަ. އަޅުގަނޑުމެންގެ ބިންކޮޅު ނަގާފަ، އެ ބިން ލިބެނީ ގޭގަ ތިބޭ ނިކަމެތި ކޮއްކޮމެންނަކަށްވެސް ނޫނޭ. ބޭރުން މަހުޖަނުން އައިސް އަނެއްކާވެސް އެ ބިންތައް ގަނެފަ މި ހުންނަނީ. އަޅުގަނޑުމެން މިފަހަރު ވޯޓު ދޭ އިރު ވިސްނަން އެބަ ޖެހޭ. އަޅުގަނޑުމެން ދެން ނެތީމު އަޅުގަނޑުމެންގެ ވާރުތަ މުދާ ވިއްކާލާކަށް." ރަފިއްޔާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރަފިއްޔާ ވިދާޅުވީ، ޤާނޫނު ހަދާ މަޖިލީހުން، ދެކޮޅު ނުޖެހޭ ޤާނޫނުތަނެއް ފާސްކޮށްފައި އެބަ ހުރި ކަމަށާއި، އެ ޤާނޫނުތައް އިޞްލާޙު ކުރަން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާ ތަމްޞީލް ކުރުމަށް ފޮނުވާ މީހަކީ، ތަޢުލީމީ ގޮތުން ޤާބިލް މީހަކަށް ވުން ލާޒިމު ކަމަށްވެސް ރަފިއްޔާ ވިދާޅުވިއެވެ.

"ދެކޮޅު ނުޖެހޭ ބައެއް ޤާނޫނުތަކުގެ ވާހަކަ އަޅުގަނޑު ދަންނަވާލާނަން. އެއް ޤާނޫނަކީ އެކަނިވެރި މައިން ނުވަތަ އެކަނިވެރި ބަފައިންގެ ޤާނޫނު. މި ޤާނޫނުގެ ދަށުން އެބަ ލިބޭ ދެހާސް ރުފިޔާ. އެހެން ނަމަވެސް އޭނަ ވަޒީފާއަކަށް ދާ ހިސާބުން އެ ދެހާސް ރުފިޔާ އޭނަ އަކަށް ނުލިބޭ. އަޅުގަނޑު ދަންނަވާނީ ޤާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ ބޭފުޅުން ވިސްނާ ވަޑައިގަންނަވާށޭ އޭނަގެ މެރިޓަލް ސްޓެޓަސް އަކަށް ބަދަލެއް ނާދޭ އޭނަ ވަޒީފާއަކަށް ދިއުމަކުން. އެކަމަށް ބަދަލު އަންނާނީ އޭނަ ކައިވެނި ކުރީމަ. އެހެންވީމަ މިވަރުގެ ތަންދޮރު ނުދަންނަ މީހުން އަޅުގަނޑުމެންނަށް ޤާނޫނު ހަދައިދޭނެކަމެއް ނެތް." ރަފިއްޔާ ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ރަފިއްޔާ ކުރިމަތި ލައްވަނީ އެމް.ޑީ.އޭ ގެ ޓިކެޓުގައެވެ. ރަފިއްޔާ އަކީ، އެމް.ޑީ.އޭގެ ނައިބު ލީޑަރު ކަމުގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ، އަދި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާޞިލްކޮށްގެން ހުންނެވި، އިޖްތިމާޢީ ޚިދުމަތްތެރިއެކެވެ. އަދި އެކި ރޮނގުރޮނގުން މީހުން ބިނާކުރުމަށް ގަދަ އަޅާ މަސައްކަތް ކުރައްވަމުން ގެންދަވާ ހީވާގި ކަނބަލެކެވެ.