ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހިއުމަން ރައިޓްސް އެމްބެސެޑަރުންގެ ގޮތުގައި ހަތަރު ފަރާތެއް ކަނޑައަޅައިފިއެވެ.

އެ ކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ، 31 މާރިޗު އިން ފެށިގެން ހިއުމަން ރައިޓްސް އެމްބެސެޑަރުންގެ ގޮތުގައި އެޗްއާރްސީއެމްއިން ހަތަރު ފަރާތެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން އަންހެނުންގެ ހައްގުތަކުގެ ދާއިރާއިން އެމްބެސެޑަރެއްގެ ގޮތުގައި ހަަމަޖައްސާފައިވަނި އަނީސާ އަހުމަދެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކުގެ ދާއިރާގެ އެމްބެސެޑަރެއްގެ ގޮތުގައި އަހްމަދު ހިޝާން ހަމަޖައްސަވާފައިވާއިރު އުމުރުން ދުވަސްވީ މީހުންގެ ދާއިރާގެ ހައްގުތަކުގެ އެމްބެސެދަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރަޒީނާ ތުއްތުދީދީއެވެ. އަދި ކުޑަކުދިންގެ ދާއިރާގެ ހައްގުތަކުގެ އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މުހައްމަދު ޝިހާބެވެ.

އެމްބެސެޑަރުކަމަށް ހަމަޖައްސި މި ފަރާތްތަކަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް އިޖުތިމާއީ ތަފާތު ރޮނގުތަކުން ގިނަ ގުނަ މަސައްކަތްތަކެއް ދިގު މުއްދަތަކަށް ކުރައްވާފައިވާ ފަރާތްތަކެއްކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.