ދިވެހިރާއްޖޭގެ ފަނޑިޔާރަކު "ޖިނާއީ ކުށެއް" ކުރިކަން ޝަރީއަތަށް ސާބިތުވާ ހިސާބުން ފެށިގެން ފަނޑިޔާރުކަން ގެއްލޭގޮތަށް "ފަނޑިޔާރުންގެ ޤާނޫނަށް" ގެނައި ފަސްވަން އިސްލާހާއެކު ބޮޑު ބަހުސްއެއް ކުރެވެން ފަށައިފިއެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ގެނައި ފަސްވަނަ އިސްލާހަކީ ޤާނޫނު އަސާސީއާ ހިލާފު އިސްލާހެއްކަމަށްބުނެ އެ އިސްލާހް ބާތިލުކޮށްދިނުމަށްއެދި ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުން ކަމަށްވާ ޢަލީ ހުސައިންއާއި، އިބްރާހިމް މުޙައްމަދު ޞޯލިހް (ޢިބޫ) އަދި އަނާރާ ނައީމް ސްޕްރީމް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓަށް ބަލައިގަނެ، ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވާފައިވާއިރު، ދެ ފަރާތުންވެސް ވަނީ ގިނަ މައްސަލަތަކެއް ފާހަގަކޮށް ދެގަޑިއިރަށްވުރެ ގިނައިރު، ޤާނޫނީ ބޮޑު ބަހުސްއެއް ކޮށްފައެވެ.

"ފަނޑިޔާރުންގެ ގާނުނަށް" ފަސްވަނަ އިސްލާހް ގެންނަން ފާސްކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ، ޤާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޯރަމް ހަމަވާ ޖަލްސާއަކަށް ނުވާތީ، އެ އިސްލާހް ޞައްޙަ އިސްލާހެއްގެ ގޮތުގައި ބަލައި ނުގަނެވޭނެކަމަށް މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކުރެއްވިއެވެ. ޤާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ "ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓުނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގައި" ކަމަށެވެ.

މި ވާހަކަތަކަށް ދައުލަތުން ޖަވާބުދާރީވުމަށް ދެދުވަހުގެ ފުރުޞަތު ދިނުމަށްފަހު މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ، މާޝާ ވިދާޅުވީ، އެ ޤާނޫނަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން މަޖިލީހުގެ 25 އިންސައްތަ މެންބަރުން ހާޒިރުވެތިއްބަވާ ޖަލްސާއަކުން ފާސްކުރެވޭނެ ޤާނޫނެއް ކަމަށެވެ. ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މާޝާ ވިދާޅުވީ، އެ ޖަލްސާއަށް ހާޒިރުވެފައިވަނީ 41 މެންބަރުން ކަމަށާއި، ވޯޓަށް އެއްސެވިއިރު ޖަލްސާގައި ހާޒިރުވެ ހުންނެވީ 39 މެންބަރުން ކަމަށެވެ. އަދި އެވަގުތުވެސް މަޖިލީހުގެ އިތުރު މެންބަރުންތަކެއް މަޖިލީހުގެ ގޯތި ތެރޭގައި ސައި ކޮޓަރިކޮޅާއި، ކޮފީ މޭޒުތަކުގައި ތިއްބެވިކަމުގެ މައުލޫމާތު ލިބިފައިވީ ނަމަވެސް މަޖިލީހުގެ އިދާއިން އެފަރާތްތަކުގެ ހާޒިރި ބަލަހައްޓަމުން ނުދާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މަޖިލީހުން އަންގާފައިވާކަމަށެވެ.

މި ޤާނޫނަކީ ޤާނޫނު އަސާސީގެ 86 ވަނަ މާއްދާގެ ދަށުން ވޯޓަށް އެހިގެންވާނެ ޤާނޫނެއް ނޫންކަމަށް މައްސަލަ ހުށަހެޅި ފަރާތްތަކުން ވިދާޅުވަމުންދިޔަ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަޖިލީހަށް ހާޒިރު ނުވުމުގެ ސަބަބުން ވޭތުވެދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އިތުރު އެއްވެސް ޤާނޫނެއް ފާސް ނުކުރެވި، ރައްޔިތުން މަޖިލީހުގެ މަސައްކަތްތަކަށް ބުރޫއަރާފައިވާކަމަށް މަޖިލީހުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އެފަދަ ހާލަތެއްގައި ޤާނޫނު އަސާސީގެ 86 ވަނަ މާއްދާގެ ދަށުން، "ސްޓޭޓް އޮފް ނެސެސިޓީގެ" ދަށުން މި ޤާނޫނު މަޖިލީހުން ފާސްކޮށްފައިވަނީ ޤާނޫނީ ހަމަތަކާއި އެއްގޮތްވާގޮތުގެ މަތިން ފާސްކޮށްފައިވާ، ޤާނޫނު އަސާސީއާ ހިލާފުނުވާ ޞައްހަ ޤާނޫނެއް ކަމަށެވެ.

ނަމަވެސް، ދައުލަތުގެ މި ވާހަކަތަކަށް ރައްދު ދެއްވައި، މި މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލް، އިބްރާހިމް ރިފްއަތު ވިދާޅުވީ، ދައުލަތުގެ ފަރާތުން ދައްކަނީ "ދެއުޅިއެއްނުވާ" ވާހަކަ ކަމަށާއި، އެދުވަހުގެ ޖަލްސާއަށް ހާޒިރުނުވެ، މަޖިލީހުގެ ގޯތިތެރޭގައި ތިބި މެންބަރުންގެ ސީދާ އަދަދު ވިދާޅުނުވަނީ އެކަމުގައ ނު ނިޔަތެއް އޮތުމުން ކަމަށާއި، މި ޤާނޫނު ފާސްކުރި ޖަލްސާ "ސްޓޭޓް އޮފް ނެސެސިޓީގެ" ދަށަށް ފެތޭނެ ޤާނޫނީ ހަމައެއްވެސް ދެއްކިފައި ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އެދުވަހުގެ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށާއި، އެހެންކަމުން ގާނޫނު އަސާސީއާ ހިލާފު ކަންތައްތަކެއް ހިނގާކަމަށް މެންބަރުންނަށް ގަބޫލުކުރެވޭ ހާލަތެއްގައި، އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އިހްތިޖާޖުކޮށް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވެ ތިއްބެވިދާނެކަމަށާއި، އެފަދަ ކަންކަން މަނާކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވެސް ނެތްކަމަށެވެ.

މި ޤާނޫނު ފާސްކުރި ޖަލްސާއަށް ދިވެހި ފުލުހުންގެ ބަންދުގައިހުރި، ރައްޔިތުން މަޖިލީހުގެ ފަސް މެންބަރުން ކަމަށްވާ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް، މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އިތުރުން ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް މަޖިލީހަށް ހާޒިރުކުރުމެއް ނެތިކަމަށްވާތީ މައްސަލަ ހުށަހެޅި ފަރާތުން ބުނަމުން ދިޔައީ އެދުވަހުގެ މަޖިލީހުގެ ޖަލްސާ ކުރިއަށްދިޔައީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ޤާނޫނުގެ 16 ވަނަ މާއްދާއާއި ހިލާފަށް ކަމަށެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލާ މާޝާ ވިދާޅުވީ، ބަންދުގައި ތިބޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހާޒިރު ކުރަންޖެހޭކަމަށް ބުނާ ވާހަކަތަކަށް ބާރުދޭ "ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ޤާނޫނުގެ" 16 ވަނ މާއްދާ މީގެ ކުރިން ސްޕްރީމް ކޯޓުން ބާތިލުކޮށްފައިވާ ކަމަށާއި، ހަމަ އެ މަހްފޫމްގައިވާ "ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ" 205 ވަނަ މާއްދާއަކީވެސް އަމަލުކުރެވޭނެ މާއްދާއެއް ނޫންކަމަށެވެ. އެހެންކަމުން އެ މެންބަރުން ހާޒިރު ކޮށްފައި ނުވިނަމަވެސް ކޯރަމް ހަމަވާނަމަ، އެ ޤާނޫނަކީ ޞައްޙަ ޤާނޫނަކަށް ވެގެންދާނެ ކަމަށެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ގެނައި ފަސްވަނަ އިސްލާހުގައި "ޖިނާއީ ކުށެއް" ކުރިކަން ސާބިތުވެ ޝަރުއީ ކޯޓަކުން ނިހާއީ ހުކުމެއް ކުރުމުން ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެގެންދާގޮތަށް އޮތްއިރު، ޖިނާއީ ކުށް ދަރަޖަ ކޮށްފައި ނެތުމުން ކުޑަ ކުށެއް ކުރުމުންވެސް ފަނޑިޔާރުކަމުން ވަކިވެގެންދާނެތީވެ، އެކަން މައްސަލަ ހުށަހެޅި ފަރާތުން ފާހަގަ ކުރެއްވިއެވެ. އެއާއެކު ފަނޑިޔާރުގެ ސުވާލުތަކެއް ކުރިމަތިކުރިއިރު، ފަނޑިޔާރު އެއްސެވީ ވަކި މިންވަރެއްގެ ކުށެއްކަން ބަޔާންކޮށްފައި ނެތުމަކީ ފަނޑިޔާރުންގެ މުސްތަޤިއްލުކަމަށް އެޅިގެންދާ ހުރަހެއްތޯއެވެ. ރިފްއަތް ދިފާއުގައި ވިދާޅުވީ، އެއީ ހުރަހެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، ކިތަންމު ކުޑަ ކުށެއް ކުރިޔަސް ފަނޑިޔާރުންގެ މަގާމުން ވަކިވުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ. ނަމަވެސް ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ އިތުރަށް ސުވާލު ކުރެއްވިއެވެ. އެގޮތުން ކުދި ކުށްތައް ކުރުމުގެ ފުރުޞަތު ފަނޑިޔާރުންނަށް އޮވޭތޯ އެއްސެވިއިރު، ފަނޑިޔާރުންނަކީ ވަރަށް ނަޒާހަތްތެރި ބައެއ ކަމަށާއި، ކުދި ކުއް ކުރެއްވުމަށްފަހު އަލުން ފަނޑިޔާރުކަމުގެ ގޮނޑިއަށް ވަޑައިގެން ކުރައްވާ ހުކުމް ދިވެހި ރައްޔިތުން ބަލައިގަންނާނެތޯ އެއްސެވިއެވެ.

ޖިނާއީ ކުށެއް ކޮށްގެން އެއްވެސް ފަނޑިޔާރަކަށް ހިމާޔަތް ލިބެން ނުޖެހޭ ކަމަށާއި، ނަމަވެސް މިހާރު ޤާނޫނީ ހަމަތައް ހުރިގޮތުން ކުއްވެރިވެފައިވާ ފަނޑިޔާރުން "ފަނޑިޔާރުކަމުގެ މަގާމުގައި" އެބަހުރި ކަމަށްވެސް ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ. އަދި އެފަދަ ހާލަތްތަކުގައި މަޖިލީހުން އެފަދަ ފަނޑިޔާރުން ވަކިކުރާނެ ދުވަހަކަށް މަޑުކުރައްވަންވީތޯ ފަނޑިޔާރު ސުވާލު އުފެއްދެވިއެވެ.

ފަނޑިޔާރުގެ މި ވާހަކަތަކަށް ރައްދު ދެއްވައި ރިފްއަތް ވިދާޅުވީ، އެއީ މިހާރުވެސް ޤާނޫނަކުން ހައްލު ލިބިފައިވާ މައްސަލައެއް ކަމަށާއި، ޖުޑިޝަލް ސަރވިސް ކޮމިޝަނުން މައްސަކަ ބެއްލެވުމަށްފަހު މަޖިލީހަށް ހުށަހެޅުމުން ފަނޑިޔާރުން ވަކިކުރުމުގެ ކަންކަން ކުރިއަށްދާނެކަމަށެވެ. އަދި މަޖިލީހަށް ޤާނޫނު އަސާސީން ލިބިދީފައިވާ މި ބާރު، މި އިސްލާހުގެ ސަބަބުން ނިގުޅައިގަނެވިގެންދާކަމަށްވެސް ރިފއަތް ވިދާޅުވިއެވެ.

ނަމަވެސް ރިފްއަތުގެ ވާހަކަތަކަށް ރައްދުދެއްވައި، ދައުލަތުގެ ވަކީލާ ވިދާޅުވީ، ޤާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތަކުގެ ވާހަކަ ކަމަށާއި، ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ބެލޭނީ މަދަނީ މައްސަލަތަކަށްވާއިރު، އެފަދަ މައްސަލަތައް ބަލާނީ ބުރަވެވޭ ކޮޅަކަށް ނަމަވެސް ފަނޑިޔާރުންނާ ގުޅޭ ޖިނާއީ މައްސަލަތައް އެ ކޮމިޝަނަށް ނުބެލޭނެ ކަމަށެވެ.

ބޮޑު ޤާނޫނީ ބަހުސްއެއް ކުރެވުނު މި ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދެފަރާތުންވެސް އެކަށީގެންވާ ވާހަކަތަކެއް ދެކެވިފައިވާ ކަމަށާއި، ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުންކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން އިއުލާން ކުރެއްވިއިރު، ހުކުމް އިއްވާނެ ވަކި ތާރީހެއް ވިދާޅެއް ނުވެއެވެ.