ނައިފަރު ދާއިރާގެ މިހާރުގެ މެމްބަރ، އަޙުމަދު ޝިޔާމަކީ އެދާއިރާއަށް ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ މެމްބަރެއް ކަމަށް ރައީސް ޔާމީން ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރގެ މަޤާމު އަދާކުރެއްވި، ޠާރިޤު އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ޠާރިޤު މިހެން ވިދާޅުވީ، މާލޭގައި ދިރިއުޅުއްވާ ނައިފަރު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ވޭތުވެދިޔަ ފަސް އަހަރު ޝިޔާމް، ނައިފަރު ދާއިރާގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވީ ވަރަށް އިޚްލާޞްތެރިކަމާއި އެކު. ކޮންމެ ކަމެއް ކުރައްވާ އިރުވެސް އެ މަސައްކަތެއްގެ ވަރަށް ޑީޓެއިލަށް ޝިޔާމް ވަޑައިގަންނަވާނެ. ފެނާ ނަރުދަމާގެ ޕްރޮޖެކްޓަކީވެސް މުޅިން ދެ ފަންޑަކުން އައި ދެ ޕްރޮޖެކްޓެއް. އެހެންނަމެވެސް ރަށުގައި އެ މަސައްކަތް ކުރާއިރު ފަސޭހަކަން ހޯއްދަވައިދެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ޝިޔާމް ކުރެއްވި." ޠާރިޤު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޠާރިޤު ވިދާޅުވީ، ނައިފަރުގައި ނިމިފައިހުރި ކޮންމެ މަޝްރޫޢެއްވެސް ނިމިފައިވަނީ ޝިޔާމްގެ ވަރަށް ބޮޑު ޙިއްސާ އަކާއި އެކު ކަމަށާއި، ޅ.އަތޮޅުގައި އަޅާ އެއާރޕޯޓުވެސް ހަޤީޤަތަކަށް ހެއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

"މިހާރުވެސް ބޮޑެތި ފަނަރަ ވަރަކަށް މަޝްރޫޢު ނައިފަރުގައި ވަނީ ނިމިފަ. މިއިން ކޮންމެ މަސައްކަތަކީވެސް އޭގެ ސަބަބުން ރައްޔިތުންނަށް ވަރަށް ގިނަ ފަސޭހަ ތަކެއް ލިބޭނެ މަސައްކަތްތަކެއް. މި ހުރިހާ ކަމެއްވެސް ނިމިފައި މިހުރީ ޝިޔާމްގެ ވަރަށް ބުރަ މަސައްކަތުން. އަޅުގަނޑު ހަނދާން އެބަހުރި އެއާރޕޯޓުގެ މަސައްކަތުގައިވެސް ޝިޔާމް އުޅުއްވި ވަރު. އެ މަސައްކަތް ވީހާވެސް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ޝިޔާމް ބަރަށް ބޮޑަށް މަސައްކަތް ކުރެއްވި." ޠާރިޤު ވިދާޅުވިއެވެ.

ޝިޔާމްގެ ފާހަގަ ކުރެވުނީ ނައިފަރު ދާއިރާގެ ރައްޔިތުންގެ އިތުރުން ގިނަ ބަޔެއްގެ ލޯތްބާއި ތާއީދު ހޯދާފައިވާ ސިޔާސީ ޝަޙްސިއްޔަތެއްގެ ގޮތުގައެވެ. އައު ދައުރަކަށް ކުރިމަތިލައްވާފައިވާއިރު ޝިޔާމްގެ ހިތްވަރާއި އަޒުމް ވަރުގަދައެވެ. މިއަދުގެ ޒައާމަތާއެކު މަސައްކަތް ކުރުމަކީ ޝިޔާމް ދެކިލައްވާ ގޮތުގައި ޝިޔާމަށް އުދަގޫ ކަމެއް ނޫނެވެ. ޚާއްޞަކޮށް ޝިޔާމްއަށް ލިބިފައިވާ އެންމެ ބޮޑު އުންމީދާއި ޔަގީން ކަމަކީ ވޭތުވެދިޔަ 5 އަހަރުގެ ދައުރުގައި ޝިޔާމްގެ އެންމެ އަރިހުގައި މަޖިލީހުގެ ތަޅަމުގައި އިންނެވި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ގައުމުގެ ހުންގާނުގައި ހުންނެވުމެވެ.

މަޖިލިސް އިންތީޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.