އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ފައިސާ އަށް ވޯޓު ވިއްކާ ނުލުމަށް، އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ރައްޔިތުންގެ ކިބައިން، ޙުސައިން ޞާލިޙު އެދިވަޑައިގެންފިއެވެ.

ނަވަރާ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ މެދު ދާއިރާ އަށް ވާދަކުރައްވާ ޙުސައިން ވިދާޅުވީ، އައްޑޫގެ ތަރައްޤީއަށް ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި، އެހެންކަމުން، ވަގުތީ އުފަލަކަށް ވޯޓު ވިއްކާ ނުލުމަށް އާދޭހާއި އެކު އެދޭ ކަމަށެވެ.

"އަޅުގަނޑު އާދޭސްކޮށްފަ ދަންނަވަން، އެއްވެސް ބޭފުޅަކު ފައިސާ އަށް ވޯޓު ވިއްކާ ނުލައްވާތި. ބޮޑެތި އަދަދުތަކުން ހުށަހެޅުން އަންނާނެ. އެކަން އެގޮތަށް ކޮށްފިނަމަ ފަހުން ހިތާމަ ކުރަން ޖެހޭނެ." ޙުސައިން ވިދާޅުވިއެވެ.

ހިތަދޫ މެދު ދާއިރާގައި ބޭއްވި ޙުސައިން ގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އިތުރަށް އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ތެރެއަށް ވަނުމަށް ފުރުޞަތު ލިބިއްޖެ ނަމަ، ދާއިރާގެ އަޑު މަޖިލީހުގައި ގުގުމާލާނެ ކަމަށާއި، ކޮންމެ އަހަރެއްގެ ބަޖެޓުންވެސް ދާއިރާއަށް ބޮޑެތި ކަންތައްތަކެއް ހޯއްދަވާނެ ކަމަށެވެ.

"ކޮންމެ އަހަރެއްގެ ބަޖެޓުން ބޮޑެތި މަޝްރޫޢުތަކެއް މި ދާއިރާ އަށް އަޅުގަނޑު ހޯދާނަން. އަޅުގަނޑު ދުލެއް ނުކުރާނަން. ބާކީ ތިބޭ 86 މެމްބަރުންނަށް އެކަން ސާބިތުކޮށްދޭނަން. މަޖިލީހުގައި ދާއިރާގެ އަޑު ގުގުމާލާނަން." ޙުސައިން ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިިލިސް އިންތިޙާބުގައި، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހިތަދޫ މެދު ދާއިރާ އަށް ވާދަކުރައްވާ ޙުސައިން ޞާލިޙް ފާހަގަ ކުރެވެނީ މިހާރުވެސް އެތަށް ޚިދުމަތްތަކެއް ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ، ރައްޔިތުންނާއި ގުޅުންހުރި ކޮންމެ ކަމެއްގައި ބޮޑެތި އެހީތައް ފޯރުކޮށްދެއްވަމުން ގެންދަވާ ހިތްހެޔޮބޭފުޅެއްގެ ގޮތުގައެވެ.