ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީ ފޭދޫ ދާއިރާ އަށް ދެވަނަ ދަޢުރަކަށް ކުރިމަތިލައްވާއިރު، ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންގެ ތާޢީދު ލިބިފައިވާކަމަށް، އެ ދާއިރާގެ މެމްބަރު އިބްރާޙިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

އައިބީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ބޭފުޅަކު ފޮނުވާއިރު، އެ ބޭފުޅަކީ ވަކި މީހެއްގެ ފަހަތުގައި ނެތް، ހުރިހާ ސިޔާސީ ލީޑަރުންގެ ތާޢީދުވެސް ލިބިފައިވާ ބޭފުޅަކަށް ވުން މުހިއްމު ކަމަށާއި، އޭނާ އަކީ އެފަދަ މެމްބަރެއް ކަމަށެވެ. ހިނގަމުން މިދާ ސަރުކާރުގެ ތެރެއިން ފޭދޫ އަށް ކުރިއެރުމާއި ތަރައްޤީ ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އައިބީ ވިދާޅުވިއެވެ.

"އަޅުގަނޑަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ތާޢީދު ކުރާ މެމްބަރެއް. އަޅުގަނޑަކީ ޤާޞިމް އިބްރާޙިމް ތާޢީދު ކުރާ މެމްބަރެެއް. އަޅުގަނޑަކީ ރައީސް ޔާމީން ތާޢީދު ކުރާ މެމްބަރެއް. އަޅުގަނޑަކީ ރައީސް މަޢުމޫނު ތާޢީދު ކުރާ މެމްބަރެއް. އަޅުގަނޑަކީ ޑރ ޝަހީމް ތާޢީދު ކުރާ މެމްބަރެއް. އަޅުގަނޑަކީ އަދާލާތު ޕާޓީގެ އިމްރާން ތާޢީދުކުރާ މެމްބަރެއް. އަޅުގަނޑަކީ ފޭދޫ ރައްޔިތުން ތަޢީދު ކުރާ މެމްބަރެއް. އަޅުގަނޑަކީ ދިވެހި ރައްްޔިތުން ތާޢީދު ކުރާ މެމްބަރެއް." އައިބީ ވިދާޅުވިއެވެ.

އިތުރަށް އައިބީ ވިދާޅުވީ، ވޭތުވެގެން މިދާ ފަސްއަހަރުވެސް މަޖިލިސް ތެރެއިން މަސައްކަތްކޮށްފައިވާނީ، ދާއިރާ އާއި މުޅި ޤައުމުގެ ހައްޤުގައި ކަމަށާއި، ނުހައްޤުން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

"އަޅުގަނޑު މިހުރީ ދެވަނަ ދައުރަކަށް ކުރިމަތިލައިގެން. އަޅުގަނޑު ފޭދޫ ދާއިރާގެ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަނީ، ދިވެހި ދަޢުލަތުގެ ފައިސާ އާއި މުދަލަށް ޚިޔާނާތްތެރިނުވާނެ ކަމަށާއި، މިހާތަނަށް، މި ވޭތުވެދިޔަ ފަސް އަހަރުގައި ވެސް އަޅުގަނޑު ޤައުމަށް ޚިޔާނާތްތެރިވެފައި ނޯންނާނެ ކަމަށާއި، އެއްވެސް ކަހަލަ ކޮރަޕްޝަންގެ މައްސަލައެއް ނޯންނާނެ ކަމަށާއި، އަދި ހަމަ އެފަދައިން ކުރިއަށް އޮތް ފަސް އަހަރުވެސް އަޅުގަނޑުގެ އަޒުމަކަށް މި ވަނީ، ދާއިރާގެ ރައްޔިތުންގެ މަސްލަޙަތު ޙިމާޔަތްކޮށް، ދާއިރާއަށް ކުރިމަތިވެފައިވާ ތަރައްޤީގެ ބޮޑެތި ގޮންޖެހުންތަކަށް ރައްޔިތުންނަށް ހައްލު ހޯދައިދިނުން." އައިބީ ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބުގައި އައިބީ ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.