ސަރުކާރުން ށ.ފުނަދޫގައި ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާފައިވާ އެއާޕޯޓަށް ބޭނުންވާ އިކުއިޕްމެންޓްސް ހޯދަން ދެވަނަ ފަހަރަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ށ.ފުނަދޫ އެއަރޕޯޓް އަށް ބޭނުންވާ ފަޔަރ ލޮރީ، ފަޔަރ ފައިޓިންގ އިކުއިޕްމަންޓްސް، އޮޕަރޭޝަނަލް އިކުއިޕްމަންޓްސް، ސެކިޔުރިޓީ އިކުއިޕްމަންޓްސް އަދި ނެވިގޭޝަނަލް އަދި މެޓް އިކުއިޕްމަންޓްސްގެ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީން ފުރަތަމަ ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން މިއަދު އިއުލާން ކުރިއިރު، އެ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވަނީ ގާތްގަނޑަކަށް ނިމިފައެވެ.

މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފުނަދޫ އެއާޕޯޓަށް ބޭނުންވާ 21 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވާއިރު، އެ އެއާޕޯޓުގެ ރަންވޭ އެޅުމުގެ މަސައްކަތްވެސް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މަސައްކަތް ފަށާތައި ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ށ.ފުނަދޫ އެއާޕޯޓުގެ ރަންވޭ އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 49 މިލިއަން ރުފިޔާއަށެވެ.

މިތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 2018 އެޕްރީލް 5 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެ ބީލަން ހުށަހެޅުއްވުމަށް އެ މިނިސްޓްރީން އެދިލައްވައެވެ.

އަދުގެ ސަރުކާރުން ގެންދަވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ޑޮމެސްޓިކް އެއާޕޯޓުތައް ޤާއިމުކޮށް ދިވެހިންނާއި ފަތުރުވެރިންނަށް ލުއިފަސޭހަކަމާއެކު ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ބިޔަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިންވެސް މިހާރު ހިއްކާ ނިމިފައިވާކަން ފާހަގަކޮށްލެވެއެވެ.