ވޯޓު ލުމަކީ އެތައް ދުވަހެއްގެ ތައްޔާރީއަށް ފަހު އެންމެ ދުވަހަކުން ނިމިގެންދާ ކަމެކެވެ. 18 އަހަރު ފުރުމަށްފަހު އެތައް ބައެއްގެ އިންތިޒާރަކީވެސް ވޯޓެވެ. މުސްކުޅިއަކަސް، ޒުވާނަކަސް، ފާހަގަ ޖަހާލުމަކީ ހިތްވަރެކެވެ. ލިބޭ ބޮޑު އުފަލެކެވެ. ވޯޓުލާ، ފަރުދީ ޒިންމާ އަދާކުރުމަށް ތަކުލީފު ބޮޑު ނަމަވެސް، އެކަން ކުރެވުމުން ލިބޭ ހިތްހަމަ ޖެހުން ބޮޑުކަން، ވޯޓުލާ ދުވަހު އެތައް ބައެއްގެ މޫނުން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތަށް ބަލާ، މަޖިލިސް އިންތިހާބަކީ މުޅި ރާއްޖެ އެންމެ ބޮޑަށް ޝާމިލް ވާނެ އެއް އިންތިހާބެވެ. ހާއްސަކޮށް އަމިއްލަ ފަރުދީ ހައްގު، މަޖިލީހުގެ މެމްބަރަކާ ހަވާލުކުރުމަށް ލާ ވޯޓަކީ މަޖިލިސް އިންތިހާބެވެ. 87 ދާއިރާގެ މަޖިލިސް މެމްބަރުން ރަމްޒުކޮށްދޭނީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނެވެ. މަޖިލީހުގައި އެ މެމްބަރުން އިއްވާނީ ހަމަ ތިޔަ ލޮބުވެތި ރައްޔިތު މީހާގެ އަގެވެ.

ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

 

އެކަން ދަނެ، ވޯޓުލުމުގެ ހައްގަށް، އެތަކެއް މަސައްކަތަކާއެކު އެކަން ކުރާ މީހުންވެސް ރާއްޖޭގައި ގިނައެވެ. އެތަކެއް ފަހަރަކު އިލެކްޝަނުން ރީ ރަޖިސްޓްރީ ކުރަން ހުޅުވާލި ނަމަވެސް، އެކަން މުއްދަތަށް ނުކުރެވި، ނޫނީ އެ ދެމެދުން ހުރި ރަށް ބަދަލުވާ އެތައް ބަޔަކު ތިބެއެވެ. ހުރިތަން ބަދަލުވުމަކީ މުޅިއަކުން، ވޯޓުލުމުގެ ޒިންމާ ދިވެހިން އަދާނުކުރާނެ ސަބަބެއް ނޫނެވެ. ވޭތުވެދިޔަ އެތައް އިންތިހާބެއްގައި އެކަން ދައްކައިފިއެވެ.

ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

އިންތިހާބަށް ދެތިން ދުވަހަކަށް ވުމާއެކު، އެއާޕޯޓް ފުރާލައެވެ. ފްލައިޓުން ޖާގަ ނުލިބުނު ނަމަވެސް، ޗާންސަކަށް ނަމަވެސް ރަށަށް ދެވޭތޯއެވެ. ފާހަގަ ޖަހާލުމަށެވެ. އެއާޕޯޓަކީ އަދި އެންމެ ގިނަ މީހުން ދަތުރުކުރާ ތަނަކީ ނޫނެވެ. ބޯޓު ފަހަރުގައި ދަތުރުކުރާ މީހުން އަދި މާގިނައެވެ. މާލެގެ ބަނދަރުމަތިން މީގެ ދެ ދުވަހެއް ކުރިން ފެށިގެން މީހުން ހުސްނުވެއެވެ. މިއަދު ހެނދުނުވެސް ކައިރި ރަށްރަށަށް ދަނީ ދަތުރުކުރަމުންނެވެ. ހަމަ އެންމެ ކަމަކަށެވެ. ވޯޓުން ލިބޭ އުފާވެރިކަން ހޯދުމަށެވެ.