ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުގައި ސައިކަލްތަކުގައި އަލިފާން ރޯކޮށް އަންދާލުން އިތުރުވެފައި ވަނިކޮށް ރޭ ވެސް މިފަދަ ހާދިސާ އެއް ހިނގައިފިއެވެ.

ރޭ ސައިކަލެއް އަންދާލާފައި ވަނީ އައްޑޫ ސިޓީ ފޭދޫގައެވެ.

ފުލުހުން ވިދާޅުވީ ރޭ ފަތިހު 04:50 ހާއިރު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފޭދޫ ބޯޅަދަނޑު ކައިރީގައި ހުރި ގެއެއް ކައިރިއަށް ފުލުހުން ދިޔައިރު އެގޭ ތެރޭގައި ހުރި ސައިކަލެއް މަގުމައްޗަށް ނެރެ އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ.

މިހާދިސާގައި ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

މިމައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ދާދި ފަހުން މާލޭގައި ވެސް ވަނީ ސައިކަލްތަކެއް އަންދާލާފައެވެ. މާލޭގައި ސައިކަލްތައް އަންދާލީ ހެލްމެޓް އަޅައިގެން ތިބި ދެމީހަކު ވެގެންނެވެ. އެމައްސަލައިގައި ވެސް މީހަކު ހައްޔަރު ކުރިކަމަށް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ.