ރާއްޖެއަށް މިދުވަސްވަރު ހޫނު ގަދަވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކުރިންވެސް އަންގައިފައެވެ. މުޅި ރާއްޖޭގެ އެތައް ބަޔަކު، މިއަދު ވޯޓު ލުމަށް، މަގުތަކަށް ނުކުންނަ އިރު، އެތައް ބަޔަކު މިހާރުވެސް ތިބީ ކިއުގައެވެ. ހެނދުނުގެ ފިނިކަން ގެއްލި، މެންދުރުގެ ހޫނުކަން ރަށް ރަށަށް އިހުސާސް ކުރެވުންދާ އިރު، ވޯޓުލުމަށް މަގުތަކަށް ނުކުންނަ މީހުން ހޫނަށް ސަމާލުވުމަކީ ވަކިން މުހިއްމު ކަމެކެވެ.

ރާއްޖޭގެ ބޮޑު ހިސާބަކަށް މިއަދު ހޫނު ގަދަކަމަށް ފާހަގަކޮށްލެވޭ އިރު، އެކަމަށް ސަމާލުވުމަށް ތަފާތު ކަންކަން މިހާރުވެސް ފޮށިތައް ކައިރީގައިވެސް ދަނީ ކުރެވެމުންނެވެ. އެގޮތުން އަމިއްލަ ފަރާތްތަކުން ކުޑަ ޖަހައިގެން މީހުންނަށް އަވިން ރައްކާތެރި ކުރުމަށް ފުރުސަތު ފަހިކޮށްދެމުންދާ އިރު، ގިނަ ބަޔަކު ދަނީވެސް ކުޑަ ހިފައިގެން ކިޔުގައި ޖެހުމަށް ތައްޔާރުވެގެންނެވެ.

ކުޑަ ނެގުމުގެ އިތުރުން ފެން ގިނައިން ބޭނުން ކުރުމަށްވެސް ސަމާލުކަން ދޭން ޖެހެއެވެ. އެޗްޕިއޭއިިން ވިދާޅުވީ ކަރުނުހިއްކި ނަމަވެސް ފެންމަދުވިޔަ ނުދިނުމަށް މިދުވަސްވަރު ގިނައިން ފެންބޯންޖެހޭނެ ކަމަށާއި، ހަށިގަނޑުން ފެން ބޭރުވިޔަ ނުދިނުމަށް ގިނައިން ހަކުރުހުރި ބުއިންތައް ބޭނުން ކުރުން މުހިއްމު ކަމަށެވެ.

އަދި އަވިން ސަލާމަތް ވުމަށް ކުޑަފަދަ ތަކެތި ބޭނުން ކުރުމަށާއި، އިރުގެ ދޯދިން ލިބޭ ގެއްލުމުން ލޯ ސަލާމަތް ކުރުމަށް ޔޫވީ ރޭޑިއޭޝަން ފިލްޓަރ ކޮށްދޭ އަވިއައިނު ބޭނުންކުރުމަށްވެސް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ.

ވަގުތު އިމޭޖްސް / އިބްރާހީމް ޝާބިލް

ހޫނު ގަދަވުމުގެ ސަބަބުން ނުރައްކާ އެންމެ ބޮޑީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނާއި ދާއިމީ ބައްޔަށް ފަރުވާކުރާ މީހުންނަށް ކަމަށާއި އެހެންކަމުން އެމީހުން ހޫނުން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ވޯޓުލުމަށް މުޅި ރާއްޖޭގެ ބޮޑު އާބާދީއެއް މަގުތަކަށް ނުކުންނަ އިރު، ހޫނުން ރައްކާތެރިވުން މުހިއްމެވެ. ހޫނު ގަދަ ނަމަވެސް ފަހު ވަގުތާ ހަމައަށް ވޯޓުލާން މަޑު ނުކުރުމަކީ އިލެކްޝަންސްގެ އެންމެ ބޮޑު އެދުމެވެ. ވޯޓުލާން ނުކުންނަ އިރު، ކުޑައެއް ނުވަތަ ފެން ފުޅިއެއް ހިފައިގެން ނުކުތުމުން، އެންމެ ރަނގަޅަށް ރައްކާތެރިކަން ހޯދުނީއެވެ.

ކިޔުންތެރިންގެ ހިޔާލު