އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރިތާ ހަގަޑިއިރު ފަހުން ޝަރީޢަތް ކެންސަލް ކޮށްފައިވާކަން ކްރިމިނަލް ކޯޓުން އަންގައިފިއެވެ.

އަބްދުﷲ ސައީދުގެ ޤާނޫނީ ވަކީލް ހުސާން ހުސައިން މިރޭ 23:05 ހާއިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބްދުﷲ ސައީދުގެ ޝަރީޢަތް ކެންސަލް ކޮށްފައިވާކަން އޭނާ އަށް އަންގާފައިވާ ކަަމަށެވެ.

އަބްދުﷲ ސައީދުގެ ޝަރީޢަތް ކެންސަލް ކުރި ސަބަބެއް ސާފެއް ނުވެއެވެ.

އަބްދުﷲ ސައީދުގެ ބަންދާއި މެދު ގޮތެއް ނިންމުންގެ ޝަރީޢަތް މިރޭ ކެންސަލް ކޮށްފައި ވާއިރު އޭނާގެ ބަންދާއި މެދު ބުރާސްފަތި ދުވަހުގެ ރޭގެ 19:00 ގެ ކުރިން ގޮތެއް ނިންމަން ޖެހޭނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ބުރާސްފަތި ދުވަހުގެ ރޭގެ 19:00 އަށް ހަމަވާނެތީއެވެ.

އަބްދުﷲ ސައީދުގެ ބަންދާއި މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށް ޕްރޮސެކިއުޓަރ ޖެނެރަލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ ކަމަށެވެ. އޭގެ އިތުރުން ރިޝްވަތުގެ ދައުވާ ވެސް ވަނީ އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައެވެ. އަދި ދައުލަތުގެ މަސައްކަތައް ދަތި ކުރުމުގެ ދައުވާއެއްގެ ޝަރީޢަތް އަބްދުﷲ ސައީދާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިނގަމުންނެވެ.