ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި އޮތް ޝަރީޢަތް ވެސް ކެންސަލް ކޮށްފިއެވެ.

ދެބޭފުޅުންގެ ޝަރީޢަތް ކެންސަލް ކުރިކަން ޤާނޫނީ ވަކީލުންނަށް އެންގީ މިރޭ 23:00 ހާއިރުއެވެ.

ދެބޭފުޅުންގެ ޝަރީޢަތް ކެންސަލް ކުރި ސަބަބެއް ސާފެއް ނުވެއެވެ.

ފާރިސް އާއި ނަދީމްގެ ބަންދާއި މެދު ގޮތެއް ނިންމުމުގެ ޝަރީޢަތް ކެންސަލް ކުރިއިރު ދެބޭފުޅުންގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި އުފުލާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފާރިސް އާއި ނަދީމް ވެސް ހައްޔަރުކޮށްފައި ވާއިރު ބުރާސްފަތި ދުވަހުގެ ރޭ 19:00 ގައި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުގެ ކުރިން ދެބޭފުޅުންގެ ބަންދާއި މެދު ގޮތެއް ނިންމަން ޖެހޭނެއެވެ. ކުއްލި ނުރައްކަލުގެ ހާލަތު ނިމުގެ ކުރިން އެބޭފުޅުންގެ ބަންދުގައި އިތުރަށް ބައިތިއްބަން ކޯޓުން އަމުރު ނުކޮށްފިނަމަ ދެބޭފުޅުން ވެސް ދޫކޮށްލަން ޖެހޭނެއެވެ.

ފާރިސްގެ މައްޗަށް މިއަދު ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އުފުލާފައި ވާއިރު މިހާރު ވެސް އޭނާގެ މައްޗަށް ދައުވާ ކޮށްފައިވާ ދެމައްސަލައެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ. އެއީ މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ އުފުލާފައިވާ ދައުވާ އަކާއި ޝަހްސް އޮޅުވާލި ކަމަށް ބުނެ އުފުލާފައިވާ ދައުވާ އެކެވެ.