އައްޑޫ ސިޓީ ފޭދޫ ސްކޫލަށް ވޯޓުލާންދިޔަ ތިން މީހަކު ވޯޓުލުމަށްފަހު ވޯޓް ކަރުދާސް ފޮޓޯ ނެގުމާއި ގުޅިގެން އެތިން މީހުން، ފުލުހުންގެ ބެލމުގެ ދަށަށް ގެންގޮސްފިއެވެ.

މީގެ އިތުރުން، ގއ.ވިލިނގިލީގައި ވޯޓް ކަރުދާހުގެ ފޮޓޯ ނެގި މީހަކުވެސް މިއަދު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ ވިލިނގިލީގައި ވޯޓް ލާން ދިޔަ މީހަކު ވޯޓް ލުމަށް ފަހު ވޯޓް ކަރުދާހުގެ ފޮޓޯ ނެގުމުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ހަތަރު ގަޑިއިރަށް ކަމަށް ފުލުހުން ވިދާޅުވެއެވެ.

ވޯޓް ކަރުދާހުގެ ފޮޓޯ ނެގުމަކީ ޤާނޫނީ ކުށެކެވެ. ނަމަވެސް ކޮންމެ އިންތިޚާބެއްގައި ވެސް ވޯޓް ކަރުދާހުން ފޮޓޯ ނެގުމުގެ މައްސަލަތައް ކޮންމެވެސް ވަރަކަށް ފެންމަތިވެފައެވެ.

މޮނީޓަރުން ފިޔަވައި އެހެން މީހުން ވޯޓްލާ މަރުކަޒަށް ފޯނު ނުވަތަ ފޮޓޯ ނެގޭނެ އެއްޗެއް ވެއްދުމަކީ ވެސް މަނާ ކަމެކެވެ.

ވޯޓް ކަރުދާހުގައި ފާހަގަ ޖެހުމުގެ އިތުރަށް އިތުރު އެއްޗެއް ކުރެހުމަކީ ވެސް މިހާރު ޤާނޫނު އޮންނަ ގޮތުން މަނާ ކަމެކެވެ. އެފަދަ އެއްޗެއް ކުރަހައިފިނަމަ ވޯޓް ބާތިލް ވާނެއެވެ.

ފުލުހުން މީގެ އިރުކޮޅެއް ކުރިން ވިދާޅުވީ އިންތިޚާބާއި ގުޅިގެން ފުލުހުންނަށް ހުށަހެޅިފައި ވަނީ ދެމައްސަލައެއް ކަމަށެވެ.

މިއަދު ހެނދުނުން ފެށިގެން މިހާތަނަށް ހަތްދިހަ ހާހަށް ވުރެ ގިނަ މީހުން ވޯޓް ލާފައި ވާއިރު ދިމާވި މައްސަލަތައް ވަރަށް މަދުކަން ފާހަގަ ކުރެވެއެވެ.

ވޯޓް ލުން ކުރިއަށް ދާނީ މިއަދު ހަވީރު 16:00 އާއި ހަމައަށެވެ. ވީހާވެސް އަވަހަށް ވޯޓް ލުމަށް އިލެކްޝަންސް ކޮމިޝަނުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނިންނި

    ވޯޓް ކަރުދާސް ފޮޓޯބަގާފަ ދެއްކީމަ އެމީހުންނަށް ލިބޭ ފައިސާ ބޮޑި ގިނަވީމަ އެއީ ދެން ކޮންކަމެއް އެހެންނޫންނަމަ