މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ގަޑި އިތުރުކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް، އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަންގެ ފަރާތުން މިގޮތަށް ވިދާޅުވީ، ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމެވެ.

ޓީވީއެމް އަށް ދެއްވި އިންޓަވިއުއެއްގައި، މިއަދު ކުރިޔަށްދާ އިންތިޚާބާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ، ވޯޓު ލުމަށް ކަނޑައަޅާފައިވާ ވަގުތު އިތުރު ކުރުމުގެ ވިސްނުމެއް އަދި ނެތްކަމަށެވެ.

ވޯޓުލުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ފެށުމަށް ހަމަޖެހިފައި އޮތީ ހެންދުނު 8:00 އިން ފަށައިގެން ހަވީރު 4:00 އާއި ހަމައަށެވެ. ނަމަވެސް ތިލަފުށީގައި ވޯޓުލުން ފެށިފައިވަނީ، ހެނދުނު 9:30 ގައި ކަމަށްވާތީ ވޯޓުލާން މީހުން ތިބިނަމަ އެ ފޮށީގެ ވަގުތު އިތުރުކުރަން ޖެހިދާނެ ކަމަށް އަކްރަމް މިއަދު ވަނީ ވިދާޅުވެފައެވެ.

އީސީން މިއަދު ވިދާޅުވީ، މި އިންތިޚާބުގެ ނަތީޖާ ދާދިފަހުން އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއްވި ވަގުތަށްވުރެ ލަސްވާނެ ކަމަށެވެ. އެއީ އެއް ފޮއްޓަކަށް އެތައް ދާއިރާތަކެއްގެ މީހުން ވޯޓުލާތީ ކަމަށް އީސީން ވިދާޅުވެއެވެ.

ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އެންމެ ފުރަތަމަ ނަތީޖާ އިއުލާނު ކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށާއި މިފަހަރުގެ އިންތިހާބުގައި 501 ފޮށިން 8700 އަށް ވުރެ ގިނަ ނަތީޖާ ޝީޓު އަންނާނެ ކަމަށެވެ. ނަތީޖާ އަވަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ 60 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

މި އިންތިހާބުގައި ޖުމްލަ 501 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. ވޯޓުލުމުގެ ހައްގުލިބިފައިވާ 264،442 މީހުން ތިބިއިރު އިންތިހާބުގައި 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެވެ އެވެ. މިފަހަރުގެ މަޖިލީސް އިންތިޚާބުގައި ވޯޓުލާ މީހުންގެ ނިސްބަތް މަދުކަން ފާހަގަކުރެވިފައިވާއިރު، މިއަދު މެންދުރާއި ހަމައަށް ލައްކައެއްހާ މީހުން ވޯޓުލާފައި ވެއެވެ. ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 60 އިންސައްތަ މީހުން މިއަދު މެންދުރުފަހު 1:30 އާއި ހަމައަށް ވޯޓުލާފައި ނުވާކަން ވަނީ އެނގިފައެވެ. ބެލެވޭގޮތުގައި ގިނަ ބަޔަކު ވޯޓުލާން ނުގޮސްގެން އުޅެނީ ހޫނު ގަދަވުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް އިލެކްޝަންއިން އެދެމުން ދަނީ ވީހާވެސް އަވަހާ ވޯޓުލާ ނިންމާލުމަށެވެ.

މިއަދު ހެނދުނު 08:00 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓް ލުން ކުރިއަށް ދާއިރު އަދި ހުރިހާ ސަރަހައްދެއްގައި ވެސް ވޯޓް ލުން ކުރިއަށް ދަނީ މައްސަލަތަކެއް ދިމާނުވެ ވަރަށް އަމާން ކޮށެވެ.

ކިޔުންތެރިންގެ ހިޔާލު