ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން، ޣައިރު ޤާނޫނީ ޢަމަލުތަކެއް ކޮށްގެން ވައްޓާލަން އުޅުނުކަމުގެ ދައުވާ އުފުލާފައިވާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެޑްމިނިސްޓްރޭޓަރުގެ އެނދުގެ ގޮދަޑި ދަށުން ގިނަ އަދަދެއްގެ ފައިސާ ފެނުނުކަމަށް ޕޮރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން މިއަދު ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރުގެ އެނދުގެ ގޮދަޑި ދަށުން ފެނިފައިވަނީ 350،000 (ތިން ލައްކަ ފަންސާސް ހާސް) ރުފިޔާއާއި 3،300 (ތިން ހާސް ތިން ސަތޭކަ) އެމެރިކާ ޑޮލަރެވެ.

އެބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި ހަސަން ސައީދުގެ ކޮޓަރިތެރޭގައި ހުރި ދަބަހެއްގެ ތެރެއިން، ވިލާ ޝިޕިން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ، ޤާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ޤާސިމް ސޮއިކޮށްފައިވާ ސިޓީއެއްވެސް ވަނީ ފެނިފައެވެ.

ވިލީ ޝިޕިންގެ ލެޓަރހެޑުގައިވާ މި ސިޓީގެ އިބާރާތުން އެނގޭ ގޮތުގައި ވެރިކަން ބަދަލުކުރުމަށް އެހީތެރިވާނެކަމަށް ބުނި ބައެއް ފަރާތްތަކުން، ބޭރު ޤައުމުތަކުން ގަނެފައިވާ ޕްރޮޕަޓީތަކަށް ފައިސާ ދެއްކުމަށް 2.4 މިލިޔަން ޑޮލަރު ދީފައިވާކަން އެނގެއެވެ.

ޕީޖީ އޮފީހުން ވިދާޅުވެފައިވާ ގޮތުގައި ބޭރު ޤައުމުތަކުން ޕްރޮޕަޓީތައް ބެލުމަށް އަދި އެކަންކަމާ ގުޅޭ މަޝްވަރާތައް ކުރުމަށް ބޭރަށް ދިޔަކަން ކަށަވަރުކުރެވިފައިވަނީ ހަސަން ސައީދުގެ އިތުރުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ޙަމީދެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބޫ

    ހާދަ މަދޭ!

  2. ތިމަންނަ

    ދެން ފެންނާނީ މައުމޫނުގެ އަންބޮޑިން 3 މިލިއަން ...

  3. ޙަފްޞާ / މާލެ

    މަވާ ހަމަ އަންތަރީސްވެއްޖައިން! ދުނިޔޭގެ އެއްވެސް ތަނެއްގަ ސްޕްރީމްކޯޓުގެ ފަނޑިޔާރުންނާ ޖްޑިސަރީގެ އިސްވެރިން ރިޝްވަތަށް ނުހެއްލެއެވެ. އެކަމަކު ދިވެހިރާއްޖޭން ރެކޯޑް މުގުރާލީއެވެ. ހުރި ލަދެއްގެ ބޮޑުކަމާއެވެ.