އައްޑޫ ސިޓީ، ސ.ހިތަދޫ ގެއެއްގެ ތެރޭގައި އޮތް ކާރެއްގައި އަލިފާން ރޯކޮށް އަންދާލައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ރޭ ދަންވަރު، 02:00 ހާއިރު މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ ގުޅިގެން، ސިފައިން ހަރަކާތްތެރިވެ ރޯވެފައިވާ އަލިފާންގަނޑު ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލާފައެވެ.

ކާރުގައި ރޯކޮށްލާފައި ހުރި އަލިފާން ނިއްވާލެވުނު އިރު ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މިހާދިސާގައި އަލިފާން ރޯކޮށްލާފައި ސ.ހިތަދޫ ދިރާމުލި ގޭ ގޯތިތެރޭގައި ޕާރކުކޮށްފައި އޮތް ކާރެއްގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފަ އެއް ނުވެއެވެ. ނަމަވެސް އެ ގޯތިތެރޭގައި ޕާރކްކޮށްފައި ހުރި ސައިކަލަކަށް ވަނީ ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރުކޮށްފައެވެ.

ކާރުގައި ރޯވި މި ހާދިސާ، ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ވަރަށް ފަހުން ވަނީ އައްޑޫގެ ދެގެއެއްގައި ވެސް އަލިފާން ރޯކޮށް އަންދާލާފައެވެ. އަދި ދޭތެރެ ދޭތެރެއިން ޕާކް ކޮށްފައި ހުންނަ ވެހިކަލްތަކުގައި އަލިފާން ރޯކޮށް ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައި ވެއެވެ.