ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަން އުޅެނިކޮށް ހައްޔަރުކޮށްފައިވާ ސްރީލަންކާގެ 25 މަސްވެރިއަކު ދޫކޮށްލަން ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ސްރީލަންކާއިން ބުނެފި އެވެ.

ލަންކާގެ "ނިއުސް ފަސްޓް" ނޫހުގައި ލަންކާގެ ސަރުކާރު އޮފިޝަލުންނާއި ހަވާލާދީ މިއަދު ބުނެފައި ވަނީ ލަންކާގެ މަސްވެރިންތައް ދޫކޮށްލަނީ އެ ގައުމުގެ ސިންހަޅައިންނާއި ތަމަޅައިގެން އާއަހަރާއި ދިމާކޮށެވެ. ސިންހަޅައިންނާއި ތަމަޅައިންގެ އާއަހަރު ފެށެނީ އޭޕްރިލް 14 ގައެވެ.

ލަންކާގެ ފިޝަރީސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓާ ޕަދުމަޕްރިޔާ ތިސޭރާއާ ލަންކާގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލަންކާގެ މަސްވެރިން އަނބުރާ ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސަން ބޭނުންވާ ފައިސާ ލަންކާގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރަތަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

ދާދި ފަހުން ވެސް ރާއްޖޭގެ ސަރަހައްދަށް ވަދެ، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޯޓުތަކެއް އަތުލައިގަނެ، ލަންކާގެ ހަތަރު މަސްވެރިއަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އިންޑިއާ އާއި ލަންކާގެ މަސްބޯޓްތައް ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލައިގަތުމަކީ އާއްމު ކަމެކެވެ.

މިގޮތައް އަތުލައިގަންނަ މަސްވެރިން ރާއްޖޭގައި ހައްޔަރު ކުރިނަމަވެސް އެމީހުންގެ މައްޗަށް ދައުވާއެއް ނުއުފުލައެވެ. ދުވަސްކޮޅަކު އެމީހުން ރާއްޖޭގެ ޖަލުތަކުގައި ބޭތިއްބުމަށް ފަހު އެމީހުންގެ ގައުމުތަކާއި ހަވާލު ކުރެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު މިފަދަ ގިނަ ބޯޓްތަކެއް ރާއްޖޭގެ ސަރަހައްދުން އަތުލައިގެންފައި ވެއެވެ.