ވެރިކަން ކުރި ފަރާތެއްގެ ގޮތުގައި ހުރެފައި، މަޖިލީސް މެމްބަރު ކަމަށް ދިޔުމުން، އެމަނިކުފާނަށް ހަމަޖައްސަން ޖެހޭ އިނާޔަތްތަކާއި މުސާރައާ ގުޅިގެން ބަންޑާރަ ނައިބުގެ ގާނޫނީ ލަފައެއް ބޭނުންވާ ކަމަށް، މަޖިލީހަށް އިންތިހާބުވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، މަޖިލީހުގެ ހުރިހާ މެންބަރުން ހަމަހަމަވާނެ ކަމަށެވެ. އޭގެ ތެރޭގައި މުސާރަ އާއި އިނާޔަތް އަދި ރައްކާތެރިކަންވެސް ހިމެނޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެން ނަމަވެސް ގާނޫނު އަސާސީގައި ކުރީގެ ރައީސްކަންކޮށްފައިވާ ފަރާތަކަށް ދޭން ޖެހޭ ސަލާމަތާއި ރައްކާތެރިކަން ބަޔާންކޮށްފައިވާ ކަމަށާއި، އެކަމާއި ބަންޑާރަ ނައިބްގެ ލަފަޔަކަށް ބޭނުންވާ ކަމަށް ނަޝިދު ވިދާޅުވިއެވެ.

"މިކަމުގައި ބަންޑާރަ ނައިބްގެ ލަފައެއް އެބަ ބޭނުންވޭ ދައުލަތުން މިކަމުގައި އަމަލުކުރާނެ ގޮތަކީ ކޮބައިތޯ. ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެއީ ހަމަހަމަ ބައެއް". ނަޝީދު ވިދާޅުވިއެވެ.

އަދި މަޖިލީސް މެންބަރަކަށް އިތުރު ގޮތަކަށް ފައިސާ ނުހޯދޭނެ ގޮތަށް ގާނޫނުގައި ބަޔާންކޮށްފައިވާއިރު، އެމަނިކުފާނު ރައީސްކަންކޮށްފައިވާތީ ލިބޭ ފައިސާއާ އިނާޔަތު މެންބަރަކަށްވުމުން ލިބޭނެކަމެއް ނުވަތަ ނޫންކަމެއް އަމަނިކުފާނަށް ނޭގޭ ކަމަށާއި، އެކަމާއި ބަންޑާރަނައިބްގެ ލަފައެއް ބޭނުންވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ވަކި ޕާޓީއެއްގެ ފިކުރުގައި މަޖިލީހަށް އައިސް އެ ޕާޓީއަށް ގޮށްޖަހާ އެ ޕާޓީ ބަދަލު ކުރުމަކީ އިންސާފުވެރި ހަމައެެއް ނޫން ކަމަށެވެ. އެހެންކަމުން އެންޓިޑިފެކްޝަން ބިލް އަލުން ފާސް ކުރާނެ ކަމަށް ނަޝިދު ވިދާޅުވިއެވެ. އަދި އެޖެންޑާ 19 ގައި ވަރަށް ސާފްކޮށް އެ ވާހަކަ ބުނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެ ޕާޓީއަށް މަޖިލީސް ހިންގަން އިނގޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހާއި ދެމެދުގައި ގުޅުމާއި، ގާތްކަން ބަހައްޓަންވީ ގޮތް އެ ޕާޓީއަށް އިނގޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކެނީ އަޅުގަނޑަަށްވެސް އެކަން ކުރުން މިހާރު ފަރިތަވެފައި ހުންނާނެ ކަމަށް". ނަޝިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ކޮބައިތޯ އެއްކަލަ އެޑްވައިޒަރު ޖާބިރު! އެބޭފުޅާ ދޭނެ ލަފާތަށް ހުސްވެގެން ނުލަފާ ދޭންފެށީތޯ!

    7
    1
  2. ބުރޯ

    ގާނޫނަށްޖެހޭނީ ބަދަލުގެންނަން ރައީސްގެ އިނާޔަތް މިހާ އުވެންޖެހޭނެ އަދި ރައީސްކަން ކުރި މީހަކަށް ދެވެ ސެކިއުރިޓީ ވެސް އުވިގެންދާންޖެހޭނެ. މިހާރު ލިބޭނީ މަޖިލީހުގެ މެމްބަރުންނަށް އޮންނަ އިނާޔަތްތައް އެކަނި