ހދ.ނެއްލައިދޫން ކަރަންޓް ކެނޑެމުން އަންނަތާ ދެމަހެއްހާ ދުވަސްވީ ފަހުން އެމައްސަލަ ފެނަކަ ކޯޕަރޭޝަންގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

ނެއްލައިދޫން ކަރަންޓް ކެނޑޭ މައްސަލައިގައި އިއްޔެ އެރަށު ރައްޔިތުން ވަނީ މުޒާހަރާ ކޮށްފައެވެ. ނަމަވެސް ރޭ ވެސް އެރަށުން ކަރަންޓް ކެނޑި ރަށް އޮތީ ކަނު އަނދިރީގައެވެ. ނެއްލައިދޫގެ ހާލަތު މީޑިއާތަކުން އިއްޔެ އިން ފެށިގެން ގެނެސްދޭން ފެށުމުން މިއަދު ނެއްލައިދޫގެ ކަރަންޓް މައްސަލަ ހައްލު ކުރުމަށް ޓެކްނިކަލް ޓީމެއް ފޮނުވަން ފެނަކަ އިން ވަނީ ނިންމާފައެވެ.

ނެއްލައިދޫ ކައުންސިލް މެންބަރަކު މިއަދު "ވަގުތު" އަށް ވިދާޅުވީ ފެނަކައިގެ ޓެކްނިކަލް މުވައްޒަފުންގެ މައްޗަށް އެކުލެވޭ ޓީމެއް އެރަށަށް މިއަދު އަންނާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ފެނަކައިގެ ޓީމް މިހާރު ވަނީ މާލެ އިން ފުރާފައި ކަމަށާއި މިއަދު މެންދުރުގެ ކުރިން އެ ރަށަށް އަންނާނެ ކަމަށް ނެއްލައިދޫ ފެނަކަ ބްރާންޗުން ބުނެފައިވާ ކަމަށެވެ.

ނެއްލައިދުއަށް ކަރަންޓް ދިނުމަށް މިހާރު ބޭނުން ކުރަމުން އަންނަނީ 120 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ. ކަރަންޓް ބޭނުންވާ މިންވަރަށް އެޖަނަރޭޓަރުން ކަރަންޓް ފޯރުކޮށްނުދެވި ބައެއް ސަރަހައްދުތަކަށް ކަރަންޓް ވަރަށް ބޮޑަށް ދަށް ވެއެވެ.

"އިންޖީންގެ އާއި ދުރު ހިސާބުތަކުގައި ފަންކާ ވެސް މިއެނބުރެނީ ފިޔަތައް ގުނާލެވޭހާ މަދުން. އެހައި ވެސް ކަރަންޓް ދަށް. ދެން އިރުއިރުކޮޅުން ކަރަންޓް ކެނޑުމުގެ މައްސަލަ ވެސް ވަރަށް ބޮޑު." ކައުންސިލަރު ވިދާޅުވިއެވެ.