މިދިޔަ މާރިޗް މަސް ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 271 މީހަކަށް ޗިކުންގުންޏާ ޖެހިގެން ރިޕޯޓްކޮށްފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭ އިން ނެރުނު ތަފާސްހިސާބުތަކުން ދަައްކާގޮތުގައި، މިދިޔަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މާރިޗް މަހުގެ ނިޔަލަށް 573 މީހަކަށް ޗިކުންގުންޏާ ޖެހިގެން ރިޕޯޓްކޮށްފައި ވެއެވެ.

މިދިޔަ ޖެނުއަރީ މަހު ޗިކުންގުންޏާ ޖެހިގެން 74 ކޭސް ރިޕޯޓްކޮށްފައިވާއިރު، ފެބްރުއަރީ މަހު އެ އަދަދު 179 އަކަށް ވަނީ އިތުރުވެފައެވެ. އަދި އެ އަދަދު މިދިޔަ މާރިޗް މަހު 271 އަށް އިތުރުވެފައިވެއެވެ.

އެހެންކަމުން ޗިކުންގުންޏާ ޖެހިގެން ރިޕޯޓްކޮށްފައިވާ މިންވަރު އިތުރުވެފައިވާކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ.

މި ބަލި ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ރ،މ،ތ،ގއ މި އަތޮޅު ތަކުންނެވެ.

ރާއްޖޭގެ ޑެންގޫގެ ހާލާތަށް ބަލާއިރު، މި އަހަރު މިހާތަނަށް ޑެންގޫ ޖެހިގެން 1493 ކޭސް ވަނީ ރިޕޯޓްކޮށްފައެެވެ. އަދި ފާއިތުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު، މި ބަލި ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

މި ދެ ބައްޔަކީވެސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ.

ކިޔުންތެރިންގެ ހިޔާލު