މަރާލާފައިވާ މީހުނާއި ވާނުވާ ނޭންގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ޒާހިދު ރަމީޒް ހާޒިރުކޮށްފިއެވެ.

މަރު ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޒާހިދު އެކޮމިޝަނަށް ހާޒިރު ކުރީ މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދާއި ގުޅޭ ގޮތުން ޒާހިދު 2011 ވަނަ އަހަރާއި 2012 ވަނަ އަހަރާއި ދެމެދު ކޮށްފައިވާ ޓްވީޓްތަކާއި ގުޅިގެން ކަމަށެވެ. ޒާހިދު މިއަދު ކޮމިޝަނަށް ހާޒިރު ކުރުމުން ކޮމިޝަނަށް ބަޔާން ދެއްވާފައިވާ ކަމަށް ވެސް މަރު ކޮމިޝަނުން ވިދާޅުވެއެވެ.

ޔާމީން މަރާލީ 2017 ވަނަ އަހަރުގެ މެއި މަސް ތެރޭގައެވެ.

ޒާހިދަކީ ކުރިން ޕީޕީއެމްގެ ކައުންސިލް މެންބަރެކެވެ. އޭނާ ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މީސް މީޑިއާގައި ސަރުކާރުގެ ދިފާޢުގައި ވެސް ވަރަށް ބޮޑަށް އަޑުއުފުލާފައެވެ. އެހެންކަމުން އެމްޑީޕީ އެކްޓިވިސްޓުންގެ ބަހުގެ ހަމަލާތައް ވަރަށް ގިނައިން ޒާހިދަށް އަމާޒުވެފައިވެއެވެ.

މިދިޔަ ނޮވެމްބަރ މަހު އުފެއްދި މަރު ކޮމިޝަނުން މިހާރު ބައެއް މައްސަލަތައް ބަލައި ނިމިފައިވާ ކަމަށް އެކޮމިޝަނުން މިދިޔަ މަހު ވިދާޅުވެފައި ވެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް މައްސަލައެއްގެ މައުލޫމާތެއް އެކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

މަރު ކޮމިޝަނުން ތަޙްޤީޤު ކުރަނީ 2012 ވަނަ އަހަރުން ފެށިގެން ރައީސް ޞާލިހަށް ވެރިކަން ލިބިވަޑައިގަތުމަށް ހިނގާފައިވާ މަރުގެ މައްސަލަތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން 27 މައްސަލައެކެވެ.

މީގެ ކުރިން ވެސް އެކޮމިޝަނަށް ބައެއް ފަރާތްތައް ހާޒިރުކޮށްފައި ވެއެވެ. ނަމަވެސް ކޮމިޝަނަށް ހާޒިރު ކުރި ފަރާތްތަކުގެ ތަފްސީލެއް ކޮމިޝަނުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާައަހުމަދު

    މަރުކޮމިޝަންގެ އެތެރޭގެ ސިއްރު މައުލޫމާތު ބޭރުކުރާ މެންބަރުން އެތާގަ އުޅޭކަމުގެ ހަބަރުތަށް އެބަފެތުރޭ. އޭގެތޭން ބައެއް މެންބަރުން މިފަހަރުގެ އިތިހާބުގަ އިދިކޮޅުމެންބަރުންނަ ކެންޕޭން ކުރި ހަބަރުތަށްވެސް ފެތުރޭ އެބަ. މީ އަނެއްކާ ތެދެއްބާ؟

  2. ބުޚްތާން

    ކޮބާ އެބުނީނު 2012 ވަނަ އަހަރުން ފެށިގެންނޭ މިއިންވެސް އެބަ ދޭހަވޭދޯ މިކަމަކީ ވަކިބަޔަކު މަޅިޖައްސާން ކުރާކަމެއްކަން އިންސާފުހޯދާށޯކިޔާފަ ބޭއިންސާފުން ކަންތައްތައް ކުރީމަ މިއީ އިހްލާސްތެރިން ކަމަކަށް ޤަބޫލެއްނުކުރެވޭ!

  3. ދަންނަ

    ކިނބޫ ސޯލޭ އިސްތިއުފާ

  4. .....

    ސަރުކާރުން ބަލަން ޖެހިފަ އޮތީ އެ ތިން މަތުގެ މައްސަލަޔާ އެމްއެމްޕީއާރްސީ ގެ މައްސަލަ އެކަނިތަ...ޗަންޕާ ގާސިމް ކޮލިގެ މައުމޫން ޔާމިން މިހެންގޮސް ދިވެހި ގައުމުގެ ބައިތުލްމާލު ނޮޅާލާގެން ތިބި އެންމެންގެ އަތުން އެފައިސާތައް ނެގެން ޖެހޭ...މައުމޫނުގެ ވެރިކަމުގަ ގެއްލި ވާވެ މަރުވެ ފައިވާ މީހުންގެ މައްސަލަތަށްވެސް ބެލެންޖެހޭ....

  5. މޫސަ

    ލާދީނީ ވާހަކަތައްދައްކާފައިވާ ފަރާތްތަކުގެ މައްސަލަތައް ބަލާ ލޮމިސަނެއް އުފައްދާކަށް ސޯލިހުބެއަކަށް ނުކެރޭނެ.