ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށް ކީރިތި ޤުރުއާން ކުލާސް ހިންގައި، ޤުރުއާނަށް އަހުލުވެރިކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށް އިސްލާމިކް މިނިސްޓްރީއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުއެވެ. ޖެންޑަރ މިނިސްޓްރީގެގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަލްފާޟިލާ ޝިދާތާ ޝަރީފްއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ހިންގާ ފިޔަވަތި އަދި ވިލިމާލޭގައި ހިންގާ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް ބަލައިގެން ޚަތިމުން ކިޔަވަން ދަސްކޮށްދިނުމާއި، ސޫރަތުއްޟުޙާއިން ފެށިގެން ތިރީގެ ސޫރަތްތައް ހިތުން ދަސްކޮށްދިނުމާއި، ނަމާދުގައި ކިޔާ ދުޢާތަކާއި ޒިކުރުތައް ދަސްކޮށްދިނުމުގެ އިތުރުން އިސްލާމީ ރިވެތި ބައެއް އަދަބުތައް ދަސްކޮށްދިނުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ، ބަރަކާތްތެރި ރަމަޟާން މަސް ގާތްވެފައިވާ އިރު، މި ފަދަ ފުރުޞަތެއް މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ލިބިގެން ދިޔުމަކީ ލިބިގެން ދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި 143 ކުދިން މި ވަގުތު ދިރިއުޅެމުން ދާ އިރު، އެ ކުދިންނަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވެ ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި އެ ކަމަނާ ޝުކުރު އަދާކުރެއްވިއެވެ.

މި ދެ މިނިސްޓްރީއާއެކު މި ފަދަ އެމްއޯޔޫއެއްގައި މީގެ ކުރިން ވެސް ސޮއިކުރެވިފައިވެއެވެ.

ތަފާތު ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ކުދިންގެ ތެރެއިން 13 އަހަރުން ދަށުގެ 102 ކުދިން ދިރިއުޅެމުން ދަނީ ފިޔަވަތި މަރުކަޒުގައެވެ. އަދި 13 އަހަރާއި 18 އަހަރާ ދެމެދުގެ 41 ކުދިން ދިރިއުޅެމުން ދަނީ ކުޑަކުދިންގެ ހިޔާގައެވެ.