މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަކީ ނ.އަތޮޅަށް އުފަންވި ސިޔާސީ ޕާޓީ އެކެވެ. އެ ޕާޓީގެ ގިނަ މެމްބަރުންނަކީ އެ އަތޮޅަށް ނިޞްބަތްވާ މެމްބަރުންނެވެ. އެ ޕާޓީގެ ލީޑަރ އަޙުމަދު ޝިޔާމް މުޙައްމަދާއި، ޑެޕިއުޓީ ލީޑަރ ޢަލީ މަޢުރޫފުގެ އުފަން ރަށަކީ ނ.އަތޮޅު ކުޑަފަރިއެވެ.

2012 ވަނަ އަހަރު އުފެއްދި އެމްޑީއޭގެ މަސައްކަތް ރަސްމީ ގޮތެއްގައި ފެށިފައިވަނީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި ހަމައިންނެވެ. ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވެރިކަން ހޯދައިދޭން، އެންމެ ބުރަ މަސައްކަތްތަކެއް ކުރި އެއް ޕާޓީ އަކީ އެމްޑީއޭ އެވެ. ރައީސް ޔާމީނާއި، އެމްޑީއޭގެ ލީޑަރ އަޙުމަދު ޝިޔާމް މުޙައްމަދާއި ދެމެދު އޮންނަ ގާތްތަކާއި، އެކުވެރި ގުޅުމަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އޮޅިފައި އޮންނާނެ ވާހަކަ އެއް ނޫނެވެ. އެންމެ ކުޑައިރުންސުރެވެސް އެއީ ދެ ރަޙްމަތްތެރިންނެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަަމަ ބުރުގައިވެސް އެމްޑީއޭ އިން މަސައްކަތް ކޮށްފައިވަނީ ޕީޕީއެމް އާއި އެކުގައެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި "ގުޅިގެން" ކޯލިޝަން އުފައްދައި، އެމްޑީޕީގެ މައްޗަށް އެ ކޯލިޝަނުން ވަނީ ކުރި ހޯދާފައެވެ. ރިޔާސީ އިންތިޚާބުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެމްޑީއޭ އަށްވެސް ސަރުކާރުގެ ފަންސަވީސް އިންސައްތަ ޙިއްސާ ލިބުނެވެ. ސަރުކާރުގެ އެކި މަޤާމުތަކުގައި އެމްޑީއޭ ގެ ބޭފުޅުންވެސް ގެންދިޔައީ މަސައްކަތް ކުރަމުންނެވެ.

2013 ގެ ރިޔާސީ އިންތިޚާބުގައިވެސް ނ.އަތޮޅުގެ އެންމެހާ ކަންކަން ހަވާލުކޮށްފައިވަނީ އެމްޑީއޭ އާ އެވެ. ވޯޓު ހޯދުމާއި ރައްޔިތުންގެ ޝަކުވާ ތައް އަޑުއެހުމާއި، އެކަންކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމުގެ އެންމެހާ ޒިންމާތައް ހަވާލުކޮށްފައިވަނީ، ނ އަތޮޅަށް ނިޞްބަތްވާ ދެ ލީޑަރުން ހިމެނޭ އެމްޑީއޭ އަށެވެ. އެ އަހަރުގެ ރިޔާސީ އިންތިޚާބުވެސް ނިމި، ޖެހިގެން އައި ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް އެމްޑީއޭ އިން ވަނީ ރަނގަޅު ނަތީޖާ އެއް އެ އަތޮޅުން ހޯދާފައެވެ.

ނަމަވެސް، 2018 ގެ ރިޔާސީ އިންތިޚާބާއި ހަމައަށް އައިއިރު، އެމްޑީއޭ އާއި ރައީސް ޔާމީން ނިޞްބަތްވާ ޕީޕީއެމް ގެ ގުޅުމަށް ވަނީ ހީނަރުކަން އައިސްފައެވެ. ރިޔާސީ އިންތިޚާބުގައި މަސައްކަތް ކޮށްދެވޭނީ ސަރުކާރުގެ ހިއްސާ ލިބޭނެ އެއްބަސް ވުމެއްގެ ދަށުން ކަމަށްބުނެ އެމްޑީއޭ އިން ދިޔައީ އެކަމަށް ޑިމާންތަކެއް ކުރަމުންނެވެ. އެންމެފަހު ވަގުތާއި ހަމައަށް އައިއިރުވެސް އެ ވާހަކަތަކަށް ހައްލެއް ނުލިބި، ރިޔާސީ އިންތިޚާބު ނިމުން އިރުވެސް އެމްޑީއޭއިން ނ.އަތޮޅުގައި ރައީސް ޔާމީންގެ ކެމްޕެއިންގެ އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. ގިނަ ރަށްރަށަށް ގެންދިޔަ ޖަގަހަތައްވެސް ހުރީ ނުރާވައެވެ.

ކަންމިހެން ހުރިއިރު، އެމްޑީއޭ އިން ނ.އަތޮޅުގައި ކުރަމުން އައި ސިޔާސީ މަސައްކަތްތައް ހުއްޓި، ޖެހިގެންއައި ކައުންސިލްގެ އިންތިޚާބުވެސް އެ ޕާޓީ އަށް ގެއްލުނީއެވެ. އެ އިންތިޚާބުގައި އެމްޑީއަށް ލިބިފައިވަނީ ވަރަށް މަދު ގޮޑިއެކެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު އައި އެންމެ ބޮޑު އިންތިޚާބަކީ މިމަހުގެ ހަވަނަ ދުވަހު މި ބޭއްވި ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. މަޖިލިސް އިންތިޚާބު އިޢުލާން ކުރުމުގެ ކުރިން، އެމްޑީއޭއިން ނިކުންނާނެ ދާއިރާ ތަކާއި ގުޅޭގޮތުން އެމްޑީއޭ ގެ ކައުންސިލް ބައްދަވުމެއްގައި މަޝްވަރާކޮށް، ރާއްޖޭގެ ހުރިހާ ދާއިރާ ތަކަށް ކުރިމަތިލާންވެސް ނިންމިއެވެ. އަދި ބައެއް ދާއިރާ ތަކުގައި ޕްރައިމަރީ ބާއްވާނެ ވާހަކަތަކެއްވެސް ދެކެވުނެވެ. ނަވަމެސް އާޚިރުގަ އެކަން ބަދަލުވެ، އެންމެ ފަހު ވަގުތާއި ހަމައަށް އައިއިރު އެމްޑީއޭއިން ކުރިމަތިލާފައިވަނީ އަށް ދާއިރާ އަކަށެވެ. އަދި ބައެއް ދާއިރާ ތަކުން ބައެއް ބޭފުޅުންނަށް ދީފައިވާ ޓިކެޓުވެސް އެންމެ ފަހު ވަހުތު ވަނީ އަތުލާފައެވެ.

ކަންމިގެންހުރި އިރު، މަޖިލިސް އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ނުވެވި، ކެމްޕެއިނަށް އެންމެ މުޙިއްމު ދުވަސްވަރު، އެތަށް ބޭފުޅުންނެއް ވަނީ އެމްޑީއޭ ކައުންސިލުންވެސް އިސްތިއުފާ ދެއްވާފައެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީއޭ ވާދަކުރި އަށް ދާއިރާގެ ތެރެއިން ހަތަރު ދާއިރާ އަކީ ނ.އަތޮޅުގެ ހަތަރު ދާއިރާ އެވެ. ކެނދިކުޅުދޫ ދާއިރާ އަށް ވާދަކުރެއްވީ މިހާރުވެސް އެ ދާއިރާގެ މެމްބަރ، އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރ ޢަލީ މަޢުރޫފެވެ. ހޮޅުދޫ ދާއިރާ އަށް ވާދަކުރެއްވީ، އެމްޑީއޭގެ ލީޑަރ އަޙުމަދު ޝިޔާމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ، ސާލިމް މުޙައްމަދެވެ. ވެލިދޫ ދާއިރާ އަށް ވާދަކުރެއްވީ އެމްޑީއޭގެ ކައުންސިލް މެމްބަރ މުޙައްމަދު އައްބާސް އެެވެ. މަނަދޫ ދާއިރާއަށް ވާދަކުރެއްވީ އެމްޑީއޭގެ ކައުންސިލް މެމްބަރ އިބްރާޙިމް އަސްލަމެވެ. ނަމަވެސް އެންމެ ފަހު ވަހުތު އަސްލަމް ވަނީ، މަނަދޫ ދާއިރާ އަށް ޕީއެންސީ ގެ ޓިކެޓުގައި ވާދަކުރެއްވި ހުސްނީ މުބާރިކް އަށް ތާޢީދު ކުރަން ނިންމަވާފައެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީއޭ އަށް ލިބިފައިވަނީ އެންމެ ދެ ގޮނޑިއެވެ. އެއީ ދ.މީދޫ ދާއިރާގެ ގޮނޑިއާއި ކުޑަހުވަދޫ ދާއިރާގެ ގޮނޑިއެވެ. ނ.އަތޮޅުން އެއްވެސް ގޮނޑިއެއް ލިބިފައެއް ނުވެއެވެ. ސަބަބުތައް ބައިވަރެވެ. އާއްމު މެމްބަރުންގެ މެދުގައި ޕާޓީގެ ރޫޙު ގެއްލި، ޕާޓީތެރޭގައި މައްސަލަތައް އުފެދި، ސިޔާސީ ގޮތުން މުޙިއްމު ނިންމުންތަކެއް ނިންމަންޖެހުނު ވަގުތު، އަތޮޅަށާއި މުޅި ޤައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް އެކަންކަން ނުނިންމުމުގެ ނަތީޖާއެއްގެ ގޮތުން، "ހުސް ނޫނެއް" ގޮތުގައި އޮތް ނ.އަތޮޅުގެ އެއްވެސް ދާއިރާއެއް، އެ އަތޮޅަށް ނިޞްބަތްވާ ޕާޓީއަކަށް ނުލިބި، މަޖިލިސް އިންތިޚާބުވެސް ނިމުމަކަށް އައީއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މަހުދީ

    ނުލިބުނު ސަބަބު ބައިވަރު
    1. އިރުފުށި ރިސޯތުގެ މުވައްޒިފުންނާއި ދޭތެރޭ ކަންކުރާ ބޭއިންސާޕް.
    2. ވެފައިހުރި ވައުދުތަށް ނުފުއްދުން.
    3. ދިވެހިންނަކީ އަބަދު މޮޔަހެއްދޭ ބައެއްކަމުގައި ދެކުން.

    ދެންލަލަލަަ

    7
    1
  2. ނޫނު ޒުވާނާ

    ޢެމްޑީއޭ އަށް އިހުލާސްތެރި އެތައް ބަޔަކަށް ލަޑު ދިނީމަ . ރީހާން މެން ކަހަލަ ސިޔާސީ ގޮތުން ވަރުގަދަ ޒުވާނަކަށް ލަޑު ދިނީމަ. ނޫނު އަތޮޅު ގައި އައްބާސް މެން ކަހަލަ އަމިއްލަ އެދުމުން ފޯވެފައިވާ މަކަރުވެރި މީޙުންގެ ސައިޒު އެ އޮތީ ފެނިފައެވެ. އެމްޑީއޭ މި ރާއްޖޭން ފުހެވިގެން ގޮސް ނިމިއްޖެ .

    6
    3
  3. ކަސަބު

    ޢެމްޑީޕީ މިގައުމުންފުހެލަން ސަންސިޔާމް މާވަރުގަދަ ވެކްސިންއެއްތައްޔާރުކުރީމަނުހޮވުނީ ދެން ލަލަލާ

    5
    1
  4. ވެލިދޫމީހާ

    ވެލިދޫ ރައްޔިތުން މީނަ ބަލައެއް ނުގަންނާނެ. މީހަކަށް އެއްޗެއްދީފިނަމަ ކަލަ ގޮވަމުން ދުވާނީ. ފާއިރުވި ނުވަ އިންތިހާބުގަވެސް އެމްޑީޕީ އެޮންނާނީ ވެލިދޫން މެޖޯރިޓީ ހޯދާފަ.

    5
    1
  5. ވެލިދޫމީހާ

    ވެލިދޫގަ އައްބާސްމެންކަހަލަ މީހުން އެމްޑީއޭގެ ބޮޑުންނަށް ލާފަ ތިބެންޏާވާނީ މިހެން. މާމޮޅު މީހަކަށްވެގެން ތިމާވަރު މީހެއް ނެތިގެން. ތިމާމީހާގެ ޕާޓީމީހުންވެސް ދޯކާދިނީ.. ވެލިދޫ ރައްޔިތުން މީނަ ބަލައެއް ނުގަންނާނެ. މީހަކަށް އެއްޗެއްދީފިނަމަ ކަލަ ގޮވަމުން ދުވާނީ. ފާއިރުވި ނުވަ އިންތިހާބުގަވެސް އެމްޑީޕީ އެޮންނާނީ ވެލިދޫން މެޖޯރިޓީ ހޯދާފަ.

    4
    1
  6. ދދދދދ

    ވޯޓު އޮޅުވާލާ ވޯޓުން ވައްކަން ކުރީމައެއްނު

    3
    7
  7. މަހެބޫބު

    އެމްޑީއޭ އަކީ ނ އަތޮޅަށް އުފަން ޕާޓީއެއްނޫން އޮޅިގެން ނޫޅުއްވާ! އެމްޑީއޭ އަކީ ދ.އަތޮޅުގެ އުފަން ޕާޓީއެއް! މައުރޫފުމެންނަކީ މާގަހުން އައިބައެއް! ސިޔާމުގެ ސިޔާސީ ޙަޔާތްފެށިގެން އައީވެސް ދ.އަތޮޅުން! ދ. ރައްޔިތުން ސިޔާމަކަށް ކެއްސެއްނުދޭނެ! ދ. ގައިއޮންނަ ސިޔާމުގެ ކެންޕިޔަން ޓީމަކީ އަތޮޅުގައި ނުފޫޒުގަދަ ހީވާގީ ކެރޭ ގޮންޖެހުންތަކާ ކުރިމަތި ލާންދަންނަ ޓީމެއް! ސިޔާމު މީދޫ ދާއިރާއަށް ކުރިމަތިލާހާ ދުވަހަކު މިދާއިރާއިން ހޮވާނީ ސިޔާމު ނަމަނަމަ އެހެންބޭފުޅަކު ދ.އަތޮޅަށް ކުރިމަތި ލާން ދ.އަށް ނާންނާތި! ބެދޭނީ ލަދަކު!

    1
    6
  8. ހައްގުބަސް

    ގަދަގަދަ އަށް ހަޅޭ ނުލާ. އަހަރެމެން ބަލަން ތިބޭނަން ލާދީނީ އެމްޑީޕީއަށް ވޯޓް ދިނީމަ ދެން ނ އަތޮޅު ޒުވާނުން 5 ލައްކަ ރުފިޔާގެ މުބާރާތް ކުޅޭތަން

    2
    6
  9. ޒުހު

    ނ. އަތޮޅު ރައްޔިތުން ބޭނުންވަނީ ތަރައްޤީ. ރިޝްވަތު ފައިސާއެއް ނޫން. ދާއިރާގެ ރައްޔިތުންނަށް ރިޝްވަތު ފައިސާ ބަހައިގެންވެސް ވީ ކަމެއް ހަމަ ހަރާން. އެމްޑީއޭ ކިޔާ ޕާޓީއެއް އޮންނަކަމެއް ވެސް ނޭންގެ. ހަމަ ހިނި އަންނަނީ.. އަދިވެސް ތަރައްޤީގެ ބާނީއޭ ގޮވަމުން އޭނާއަށް ވޯޓްދިން މީހުން ވެލިދޫ ކުޑަކޮށްދުވޭ ދާނެ ދިމާލެއް ނޭންގިގެން.. ކިކިކިކި..

  10. ކަމަނަ

    އެމްޑީޕީ މީހުން ނޫންވީމަ ތޯޗެއް