މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި، ވަގުތީ ނަތިއްޖާ އިއުލާނުކޮށްފައިވާ މާމިގިލީ ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނުމުންވެސް އެ ދާއިރާއަށް ވާދަ ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ދާއިރާގެ މިހާރުގެވެސް މެމްބަރު، ގާސިމް އިބްރާހީމް ގޮނޑި ދިފާއު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ގޮނޑި ގާސިމް ދިފައުކޮށްފައި ވަނީ 106 ވޯޓުގެ ތަފާތަކުންނެވެ.

އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާއި ގުޅިގެން އެ ކޮޮމިޝަނުން މިއަދު ވަނީ އެ ދާއިރާގެ އދ. ފެންފުށީގައި ބެހެއްޓި ވޯޓު ފޮށި އަލުން ގުނާފައެވެ. އެ ވޯޓު ފޮށި އަލުން ގުނުމުން ގާސިމަށް ވަނީ 18 ވޯޓު އިތުރުވިއެވެ. އެމްޑީޕީގެ ޓިކެޓްގައި އެ ދާއިރާ އަށް ވާދަ ކުރެއްވި އަލީ އަމީޒަށް އިތުރުވެފައި ވަަނީ 11 ވޯޓެވެ.

މިހާރުގެ ވަގުތީ ނަތީއްޖާއަށް ބަލާއިރު، ގާސިމަށް ލިބުނީ 1163 ވޯޓެވެ. އަމީޒަށް ލިބުނީ 1057 ވޯޓު ލިބުނުއިރު، ލޭބާ ޕާޓީގެ ޓިކެޓްގައި ވާދަކުރެއްވި އަހްމަދު އިބްރާހީމަށް ލިބުނީ 24 ވޯޓެވެ. ބާތިލް ވޯޓުގެ އަދަދަކީ 67 އެވެ.

އިލެކްޝަނުން އިއްޔެ ވަނީ މާމިގިލީގައި ހުރި ވޯޓު ފޮށިތައްވެސް ގުނާފައެެވެ. އެ ވޯޓު ފޮށިތަކުގެ ބާތިލް ވޯޓު ގުނުމަށް އެ ކޮމިޝަނުން ނިންމީ މާމިގިލީ ތިން ފޮށީގައިވެސް ބާތިލު ވޯޓު އާދަޔާ ޚިލާފަށް ގިނަވުމުންނެވެ. އެ ތިން ފޮށި ގުނުމުންވެސް ގާސިމްއަށް ވަނީ ވޯޓު އިތުރުވެފައެވެ. އަދި އަމީޒުއަށްވެސް ވޯޓު އިތުރުވިއެވެ.

މީގެ އިތުރުން މަޑުއްވަރީ ދާއިރާއިން ހުށަހެޅި ޝަކުވާއަކާއި ގުޅިގެން އެ ދާއިރާގެ ބާތިލް ވޯޓު އަލުން ގުނުމުން އެ ދާއިރާއަށް ވާދަ ކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށްއަށް ވެސް ވަނީ ވޯޓު އިތުރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްޑޫސިޓީ

    ވޯޓް ގުނާވަރަކަށް އިތުރުވަނީ ވޯޓްގެސައްޚަކަމާމެދު ސުވާލު އުފެދޭ. އަލުން އިންތިޚާބު ބޭއްވުމަށް ގޮވާލަން.

  2. Anonymous

    ވޯޓު ވިހަނީތަ؟ ????

  3. ޝަރީފޫ

    ވޯޓް އޮޅުވާލުމުގައި ވަރަށް އިންސާފުވެރި އިންތިޚާބެއް.