މިހާތަނަށް ރާއްޖެއަށް އައި އެންމެ ބޮޑު ކްރޫޒް ލައިނާ "އެމްއެސްސީ މެގްނިފިކާ" އިން ގިނަ ޢަދަދެއްގެ ފަތުރުވެރިން މިއަދު މާލެއަށް ފައިބައިފިއެވެ.

މިއަދު އެކަނިވެސް އެ ކްރޫޒްލައިނާއިން މާލެއަށް އެއްހާސް ފަތުރުވެރިން ފައިބާ ގޮތަށް ހަމަޖެހިފައި އޮތްއިރު އަދިވެސް ގިނަ ޢަދަދެއްގެ ފަތުރުވެރިން އެ ކްރޫޒްލައިނާއިން މާލެއަށް ފައިބަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ. އެމްއެސްސީ މެގްނިފިކާ ރާއްޖެއަށް އައީ 2500 ފަތުރުވެރިންނާއި އެކުއެވެ.

ރާއްޖެއަށް އައި އެންމެ ބޮޑު ކްރޫޒްލައިނާގެ މަޤާމު މެގްނިފިކާއިން ހޯދާފައިވާއިރު، އެ ކްރޫޒްލައިނާ ރާއްޖެއަށް މިއަދު ބަނދަރު ކުރާތީ އެއް ނަމްބަރު ފާލަން އޮތީ ތައްޔާރުކޮށްފައެވެ. އަދި ގިނަ ޢަދަދެއްގެ ފަތުރުވެރިން އެ ސަރަޙައްދުގައި ހިނގާފައި އުޅޭތީ ރައީސް އޮފީހާއި ހަމައަށް ބޮޑުތަކުރުފާނު މަގުވެސް އޮތީ ބަންދުކޮށްފައެވެ. މީގެ އިތުރުން ފަތުރުވެރިންނަށް މަޢުލޫމާތު ދިނުމަށް ޚާއްސަ ޑެސްކުތަކެއް ޖުމްހޫރީ މައިޒާނުގައި މިއަދަށް ޚާއްސަކޮށްގެން ބަހައްޓާފައި ހުއްޓެވެ.

ދެ ދުވަހުގެ ނިޔަލަށް މި އުޅަނދު މާލެ ބަނދަރުގައި މަޑުކުރުމަށް ހަމަޖެހިފައިވެއެވެ. މިއީ ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ ޔޮޓާއި ކުރޫޒްލައިން ގެންނަ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް، މާޔާއިން ރާއްޖެ ގެނައި އުޅަނދެކެވެ.

އެމްއެސްސީ މެގްނިފިކާއަކީ ޕެނަމާގެ އުޅަނދެކެވެ. އުޅަނދުގެ އަގަކީ 547 މިލިއަންޑޮލަރެވެ. ދިގު މިނުގައި 964 ފޫޓު އަދި ފުޅާ މިނުގައި 106 ފޫޓު ހުންނަ އުޅަނދެކެވެ. މެގްނިފިކާއަކީ 3605 ފަސެންޖަރުންގެ އުޅަނދެކެވެ. އެތައް ބާތަކަކާއި ކެސިނޯގެ އިތުރުން ބޯލިން އެލީއާއި ޖިމް އަދި ސްޕާތައްވެސް ހިމެނެ މެގްނިފިކާއަކީ ތިން ސްވިމިން ޕޫލްވެސް ހިމެނޭ ބިޔަ ބޮޑު ކްރޫސްލައިނެކެވެ.

އެމްއެސްސީ މެގްނިފިސިކާގެ އިތުރުން މިއަހަރު އިތުރު ކްރޫޒްލައިނާތައް ވެސް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށް މާޔާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު