މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި، ވަގުތީ ނަތިއްޖާ އިއުލާނުކޮށްފައިވާ ފޮނަދޫ ދާއިރާ އާއި ބާރަށު ދާއިރާގެ ހުރިހާ ވޯޓު ފޮށިތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމީ ބާރަށު ދާއިރާއާއި ފޮނަދޫ ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން ފޮނަދޫ ދާއިރާއަށް ވާދަކުރެއްވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ބާރަށު ދާއިރާއަށް ވާދަކުރެއްވި އިބްރާހިމް ޝުޖާއުގެ ފަރާތުން ޕީއެންސީން އެދުމުންނެވެ.

މިކަމާއި ގުޅޭގޮތުން “ވަގުތު” އަށް މަޢުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ ވޯޓު ފޮށިތައް އަލުން ގުނަން ބޭނުންވަނީ ވޯޓު އޮޅުވާލުމުގެ މައްސަލަ ތަކެއް ފާހަގަ ކުރެވޭތީ ކަމަށާއި އެދިފައިވާނީ ފޮނަދޫ ދާއިރާގެ ހުރިހާ ވޯޓެއް އަލުން ގުނުމަށް ކަމަށެވެ.

”މިއުޅެނީ ވޯޓުގެ ފަރަޤުގެ މައްސަލައެއް ނޫން. މި އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރެގެން އެ މައްސަލަ މި އުޅޭނީ. ބައެއް ފޮށިތައް ނުގުނަނިސް ބައެއް މީޑީޔާތަކަށް އެނގިއްޖެ އަޅުގަނޑު ނުހޮވޭކަން.” އަދުރޭ ވިދާޅުވިއެވެ.

އަދުރޭއާ ވާދަކުރައްވާ ފޮނަދޫ ދާއިރާ ކާމިޔާބުކޮށްފައި ވަނީ ގާނޫނީ ވަކީލު އަލް އުސްތާޒު މޫސާ ސިރާޖެވެ. އަދުރޭއަށް 963 ވޯޓު ލިބިފައިވާ އިރު، ސިރާޖަށް ލިބިފައި ވަނީ 1007 ވޯޓެވެ.

ބާރަށު ދާއިރާގެ މިހާރު މެމްބަރު ޝުޖާއަށް ގޮނޑި ގެއްލުނީ އެމްޑީޕީގެ އަހުމަދު އަބްދުﷲއާ ވާދަކޮށެވެ. އަހުމަދު އަބްދުﷲއަށް 1524 ލިބުނު އިރު، ޝުޖާއަށް ލިބުނީ 1482 ވޯޓެވެ.