މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ވެބްސައިޓާއި، މުޅިން އަލަށް ލޯންޗް ކުރި މޯބައިލް އެޕްލިކޭޝަން ދައްކާލައިފިއެެވެ.

މިއަދު ހެނދުނު ވެލާނާ އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓްގެ އާ ވެބްސައިޓާއި، މޯބައިލް އެޕް ލޯންޗްކޮށްދެއްވީ އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ޖޫސާ ސޯލިހުއެވެ.

އެމްއޭސީއެލް އިން ބުނީ، އަލަށް ލޯންޗް ކުރެވުނު ވެލާނާ އެއާޕޯޓްގެ ވެބްސައިޓަކީ ވަރަށް ފަސޭހަ ޑިޒައިނަކަށް ތައްޔާރުކޮށްފައިވާ ވެބްސައިޓެއް ކަމަށެވެ. އެ ވެބްސައިޓަކީ ބަލާލަން ވަރަށް ފަސޭހަކޮށް، ނެވިގޭޝަނަށްވެސް ފަސޭހަ ވެބްސައިޓެއްކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ.

ވެލާނާ އެއާޕޯޓްގެ އާ ވެބްސައިޓާއި، އެޕް ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖަސް: އަހުމަދު އަފްޒަލް

މި ވެބްސައިޓުގައި ތިން ކޮންޕޮނެންޓެއް ހިމެނެއެވެ. އެއީ ފަސެންޖަރުންނަށް ހާއްސަ ކޮމްޕޮނެންޓަކާއި، ކޯޕަރޭޓް ކޮމްޕޮނެންޓް އާއި ޑެވެލޮމެންޓް ކޮމްޕޮނެންޓެވެ. މި ވެބްސައިޓުގައި ހިމެނޭ ފަސެންޖަރުންގެ ކޮމްޕޮނެންޓުގައި، އެ ފަރާތްތަކުން ބޭނުންވާ މުހިންމު މައުލޫމާތުތައް ލިބޭނެއެވެ. އޭގެ ތެރޭގައި ފްލައިޓް ޝެޑިއުލް، އެއާޕޯޓް ފެސިލިޓީސް، އެއާޕޯޓް މެޕް ފަދަ މައުލޫމާތުތައް ލިބެން ހުންނާނެއެވެ. ކޯޕަރޭޓް ކޮމްޕޮނެންޓަށް ބަލާއިރު، އެމްއޭސީއެލްގެ ޕްރޮފައިލް، ވަޒީފާގެ ފުރުސަތުތައް، ޓެންޑާ އަދި މީޑިއާ ގެލަރީ ފަދަ އެއްޗެހި ހިމެނެއެވެ. ޑެވެލޮމެންޓް ކޮމްޕޮނެންޓްގައި ހިމެނެނީ ވެލާނާ އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭ މައުލޫމާތެެވެ.

މީގެ އިތުރުން ވެލާނާ އެއާޕޯޓަށް އަރާ މީހުން އެ އެއާޕޯޓްގެ ހޭޝްޓޭގް ބޭނުންކޮށްގެން އިންސްޓަގްރާމް ކުރާ ފޮޓޯތައްވެސް މި ވެބްސައިޓު މެދުވެރިކޮށް މުޅި ދުނިޔެއަށް ފެނިގެން ދާނެކަމަށް އެމްއޭސީއެލްއިން ބުންޏެވެ. މިއީ ފޯންތަކުން ބަލާލަން ފަސޭހަ ވެބްސައިޓެއްކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ވެލާނާ އެއާޕޯޓްގެ އާ މޯބައިލް އެޕްއަަށް ބަލާއިރު، މިއީ ވެލާނާ އެއާޕޯޓަށް ހާއްސަ ކުރެވިގެން ނެރޭ ފުރަތަމަ މޯބައިލް އެޕްލިކޭޝަންއެވެ. މިއީ ފަސެންޖަރުންނަށް އެ ބޭފުުޅުންގެ ފޯންގެ ޒަރިއްޔާއިން އެ އެއާޕޯޓުން ދޭ ހިދުމަތްތައް އެނގެން ހުންނަ މޯބައިލް އެޕްއެކެވެ. މި އެޕް މެދުވެރިކޮށް ފްލައިޓް ޝެޑިއުލް، ފްލައިޓް ޓްރެކިންގ، އެލާޓް، ނޮޓިފިކޭޝަން ފަދަ ފަސޭހަ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މި ދެ ޕްރޮޑަކްޓަކީވެސް އެމްއޭސީއެލްގެ އުފެއްދުމެއް ކަން ފާހަގަކޮށްލަން ޖެހެއެވެ.

މާދަމާ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 53 އަހަރު ފުރޭ ދުވަހެވެ.