އަދުލު އިންސާފަށް އެންމެ ބޮޑަށް މަލާމާތް ކުރީ ކުރީގެ ރައީސް ނަޝީދު ކަމަަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ބުނެފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ފަރާތްތައް ކޯޓަށް ހާޒިރު ކުރުމަކީ އަދުލު އިންސާފަށް މަލާމާތް ކުރުން ކަމަށް ވިދާޅުވެ ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓާއި ގުޅިގެން "ވަގުތު" އިން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެންގެ ސެކެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވީ އަދުލު އިންސާފަށް ގޮންޖެހުމާއި މަލާމާތް ކުރުމަކީ ކުރީގެ ރައީސް ނަޝީދުގެ އާދައެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެންގެ ދިޔަ ރައީސް ނަޝީދުގެ ސަރުކާރުގައި މަގުމަތީގައި ކޯޓެއް ހަދައިގެން ކޯޓުތަކަށް މަލާމާތް ކުރަމުން ދިޔަ މަންޒަރު, އަޅުގަނޑުމެން ނަށް ފެނިގެން ދިޔަ ސްޕްރީމް ކޯޓުގައި ތަޅު އެޅުވި މަންޒަރު, އަޅުގަނޑުމެން ނަށް ފެނިގެން ދިޔަ ކޯޓުގެ ގާޒީއަކު ވަގަށް ގެންގޮސް އެ ގާޒީގެ އާއިލާއަށް ވެސް ނޭނގި އެތަށް ދުވަހެއް ވެގެން ދިޔަ މަންޒަރު" ހަލީލް ވިދާޅުވިއެވެ.

އަދުލު އިންސާފުގެ ނިޒާމަށް ގޯނާކުރުމާއި ދުއްތުރާ ކުރުމަކީ ނަޝީދުގެ ކަށީގައި ހިފާފައިވާ ކަމެއް ކަމަށް ވިދާޅުވެ ހަލީލް ވިދާޅުވީ މި ސަރުކާރުގެ ހާއްސަކޮށް ޕީޕީއެމްގެ އެންމެ އިސްކަމެއް ދެނީ އަދުލު އިންސާފުގެ ނިޒާމު ހަރުދަނާ ކުރުމާއި ރައްޔިތުންގެ މެދުގައި އެނިޒާމަށް އިތުބާރު އުފެއްދުން ކަމަށެވެ.

ކުރީގެ ރައީސް ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ އިގިރޭސިވިލާތުން ހިމާޔާތް ހޯދަވައިގެން ހުންނެއްވި ބޭފުޅެކެވެ.

ކުރީގެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކުރީ، އެ މަނިކުފާނުގެ އަމުރަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު 2012 ވަނަ އަހަރު ހައްޔަރު ކުރި މައްސަލަ ނަޝީދުގެ މައްޗަށް ސާބިތުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބްރީދް

    ކުށްވެރިންނަށް އެކަނި ތޭ އިންސާނިއްޔަތުގެ ވާހަކަ އޮންނަނީ ކޮބާތޭ މިވެރިކަން ގެންނަން ވޯޓް ދިން ރައްޔިތުންގެ އިންސާނިއްޔަތު ކަން. އެމެން ވޯޓް ދިނީ 5 އަހަރު ދުވަހަށް މިގައުމުގެ ވެރިކަން ކުރަން ރައީސް ޔާމީން އަށް. ދެން ހަމަ ދައުރުގެ މެދު ތެރެއިން ކެނެރީގެ ނަޝީދު ވެރިކަން ބޭނުން ވެގެން ރައީސް މައުމޫނާއި ގުޅިގެން ސަރުކާރު އަނިޔާވެރި ކަމޭ ކިޔާ ފެލޭ އިރު އަނިޔާވެރިވެގެން ކެނެރީގެ ނަޝީދަށް ކުރި ކަމަކީ ކޮބައިތޭ އޭނާ ގާޒީ އަކު ވަގަށް ނަގައިގެން ގޮސް ގިރިފުށީ ގައި ނުބަހައްޓާތޭ ނޫން ބެހެއްޓި ދޯ. ދެން ތަމެން ރަންރީނދޫ ޓްވިޓަރޭ މެން އިންސާނިއްޔަތޭ ޑިމޮކްރަސީ އޭ ކިޔަން ލަދު ގަންނަން ޖެހޭނެއޭ ތަމެންނަކީ އެހެން މީހުން ފާޅު ކުރާ ޚިޔާލު ތައް ބަލައިނުގަނެވޭ ދަރަޖައިގައި ތިބި ޑިކްޓޭޓަރުން ޑިމޮކްރަސީގެ ފޭކް ތާކިހާ އަޅުވައިގެން ތިބި. ސޯޝަލް މީޑިއާގައި ކޮންމެ މީހަކު ވެސް ބޭނުންވަނީ މަޝްހޫރު ވޭތޯ ގައުމު ރޭޕް ކޮށްލައިގެން ނަމަވެސް.

  2. ޙަޤީޤަތް

    އުއްތަމަ ފަނޑިޔާރާއި އެކު ދެފަނޑިޔާރުން ވަގަށްނެގި ބަޔަކު ނޭއްގޭތަ؟

    • ނުރަބޯ

      އުއްތަމޭ އާއި ހުދުޖަނގިޔަލާ ދެމީހުން ވަގަކަށް ނުނަގާ. އެދެބާޣީން ހިފާ ހައްޔަރުކުރީ ކޯޓުއަމުރެއްގެ ދަށުން ފުލުހުންގޮސް. ކެރަފާ ނަޝީދުގެ އަމުރަށް ގާޒީ ޢަބްދުﷲ ހައްޔަރުކުރީ ކޯޓުއަމުރަކާ ނުލައި ސިފައިންގޮސް.

  3. ސާންޑޯ

    ތިޔާ ބުނާ މަގުމަތީގައި ކޯޓު ހެދި ގޮލާ މިހާރު ހުރީ ތިފަޅީގަ!

    • ދޮންކަލޯ

      އޭނާ ހުރި ފަޅި އެއްނޫން މައްސަލަޔަކީ ... އޭނާ ކުރި ނުވަތަ ކުރާ ގޯސްކަމެއްވަންޏާ އެކަމެއް ގޯސްވާނީ ...

  4. އަހުމަދު މުޙައްމަދު ޢީމާދު

    ލަދު ހަޔާތް ނެތިއްޔާ ބޭނުންކަމެއް ކުރާނެ ކަމަށް ރަސޫލާ ވަނީ އަނަގަވާފައެވެ. ލަދު ހަޔާތުގެ ކަންފުޅެއް ހުރި ނަމަވެސް ޢަދުލު އިންސާފަށް މަކަރުހަދައި ފިލަިގެން ގޮސް ދޮން ކުދީން އުޅޭ ގޮތަށް އުޅުނީމާ ސަލާމަތްވާނެ ކަމަށްވިދާޅުވި ނަޝީދަކަށް ޢަދުލު އިންސާފޭ ކިޔައިގެން އަނގަވެސް ހުޅުވާލާކަށް ނުކެރުނީހެވެ.

    • 100%

      ތާއީދު

  5. ފަސީ

    އޭގެ މާނައަކީ ޑރ ޚަލީލް ބޭނުންހާގޮތެއް ހަދަން ހުއްދްލިބުނީއޭތަ