ކުޅުދުއްފުށީ ކުޅީގެ ދިރާސާއެއް ހެދުމަށް ބޭރުގެ ތަޖުރިބާކާރު ޓީމެއް އެރަށަށް ގޮސްފިއެވެ.

އެޓީމުގައި އެންވަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަބުދުﷲ ނަސީރުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މެންގްރޫވް އެކްޝަން ޕްރޮޖެކްޓްގެ މި ޓީމުގައި ކެނެޑާ، އެމެރިކާ، ތައިލެންޑް ފަދަ ގައުމުތަކުގެ ސައިންސްވެރިން ހިމެނޭ ޓީމެކެވެ. އަދި އީޕީއޭގެ ބޭފުޅުންވެސް މި ޓީމުގައި ހިމެނެ އެވެ. ހދ. ކުޅުދުއްފުށީ އެއާޕޯޓް ހެދުމަށް ހިއްކި އެރަށު ކުޅީގެ ބާކީބައި، ހިމާޔަތް ކުރުމަށްޓަކައި ބޭރުގެ މާހިރުންގެ އެހީ ހޯދުމަށް ކުރިންވެސް ވަނީ ނިންމާފައެވެ.

އެކަން ލަސްވާތީ ފާޑު ކިޔުންތައް އަމާޒުވަމުންދާ އިރު، އެންވެރޮމެންޓް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ކުޅުދުއްފުށީގެ ކުޅީގެ ބާކީ ބައި ހިމާޔަތް ކުރުމަށްޓަކައި "މެންގްރޫވް އެކްޝަން ޕްރޮޖެކްޓް"އިން ހުށަހަޅާފައިވާ އެހީ ގަބޫލުކުރަން ނިންމާފައިވާ ކަމަށެވެ.

މެންގްރޫވް އެކްޝަން ޕްރޮޖެކްޓަކީ ދުނިޔޭގެ ކުޅި، ފާ ފަދަ ތަންތަން ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ އެއް ނެޓްވޯކެވެ.

ދާދި ފަހުން އެންވެރޮމެންޓް މިނިސްޓަރ ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެން އެ ކުޅީގެ މިހާރުގެ ހާލަތު ވެސް ބައްލަވާލައްވާފައެވެ.

އަދި އެރަށުގެ ކުޅި ހިމާޔަތް ކުރަން ނިންމާފައި މިވަނީ އެ ކުޅި ހިމާޔަތް ކޮށްދިނުމަށް އެދި އެތައް ބަޔަކު އެދެމުން ދަނިކޮށެވެ.